މަަރުކަޒީ ބޭންކު އެމްއެމްއޭ (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

އެމްއެމްއޭ

އެމްއެމްއޭއަށް 5 އެމްޑީން އައްޔަންކުރާތީ އެމްއެންޕީން ފާޑުކިޔައިފި

ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިފައިވާ އެމްއެންޕީއޭގެ ރައީސްު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތަށް ބަލާއިރު އެމްއެމްއޭއަށް 5 މެނޭޖިން ޑިރެކްޓަރުން އައްޔަންކުރުމަކީ ދައުލަތުން މާލީ އިތުރު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށް

މަރުކަޒީ ބޭންކު، އެމްއެމްއޭގެ އޮނިގަނޑަށް ބަދަލު ގެނެސް، ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރަން ނިންމާފައިވާތީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ރައީސް، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނާޒިމް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭގެ ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު އެސިސްޓެންޓު ގަވަރުނަރުގެ މަގާމު ވަނީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލު ކޮށްފަ އެވެ. އަދި އެ މަގާމަށް ފަސް މީހުން އައްޔަންކުރަން ނިންމައި މަގާމަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ.

ތަފްސީލް - 50،000ރ. އާއި 55،000ރ.އާ ދެމެދުގެ މުސާރައެއް ލިބޭ އެ މަގާމުތަކަށް މީހުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ނާޒިމް ވިދާޅުވީ މިހާރު ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތަށް ބަލާއިރު، އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަންކުރުމަކީ ދައުލަތުން އުފުލަން ޖެހޭ އިތުރު މާލީ ބުރައެއް ކަމަށެވެ.

"އެހެންކަމުން، ހަރަދު ކުޑަ ކުރުމަށް ލީޑަޝިޕްގެ ސްޓްރަކްޗާ ހަރުދަނާކުރުމަށް އެމްއެމްއޭގެ ގަވަރުނަރަށް އިލްތިމާސްކުރަން،" ނާޒިމް ވިދާޅުވި އެވެ.

ގުޅުން ހުރި - އެމްއެމްއޭ އިން މެނޭޖިން ޑިރެކްޓަރުން އައްޔަންކުރަނީ ފަސް ދާއިރާއަކުންނެވެ. އެ ބޭފުޅުންގެ މަގާމުގެ މުއްދަތަކީ ފަސް އަހަރެވެ.

އެމްއެމްއޭ އިން މެނޭޖިން ޑިރެކްޓަރުން އައްޔަންކުރާ ދާއިރާތަކަކީ:

  • 1-

    މަނިޓަރީ ޕޮލިސީ، ރިސާޗު އަދި ސްޓެޓިސްޓިކްސް

  • 2-

    ފައިނޭންޝަލް ސްޓެބިލިޓީ

  • 3-

    ކޯޕަރޭޓް ސާވިސަސް

  • 4-

    ބޭންކިން އޮޕަރޭޝަންސް

  • 5-

    ފައިނޭންޝަލް ސެކްޓާ ޑިވެލޮޕްމެންޓް

މި ބަދަލުތަކުގެ ސަބަބުން، މަރުކަޒީ ބޭންކުން ކުރާ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާވެ، ހެޔޮ ނަތީޖާތަކެއް ނެރެން ފަސޭހަވާނެ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް (1)

ސައިމާ

11 އޯގަސްޓު 2024
މނޕ އަކަށް ނޭގޭނެ. ތަމެންތިޔާއީ ހިންގުމުގެ ވައްޓަފާޅިއެއް އެގޭ ބައެއްނޫން. އެކަން ވަރަށް ސާފު ރިޔާސީ އިންތިޚާބުގެ ނަތީޖާއިން. އަދި މަޖިލީހަށް ހޮވުނީވެސް، ބަޔަކު އެގޮނޑި ވެދުންކުރީތީވެ. ކޮބާ ނާޒިމްމެންގެ ލަދު؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް