މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި މީހަކު ތަރުކާރީ ފޮށިގަނޑެއް ބަންދުކުރަނީ: މަހުން މަހަށް ބަލާއިރު ތަރުކާރީގެ ބާވަތްތަކުގެ އަގު ވަނީ %0.46 މައްޗަށް ގޮސްފައި (ފޮޓޯ/ދައުރު)

އިންފްލޭޝަން

ކާބޯތަކެތީގެ އަގުތައް ބޮޑުވެ އިންފްލޭޝަން މައްޗަށް ހިނގައްޖެ

އިންފްލޭޝަން ވަނީ %1.4އަށް އަރާފައި. މިދިޔަ ހަ މަސްތެރޭ އިންފްލޭޝަން މިހާ މައްޗަށް ދިޔަ މިއީ ފުރަތަމަ ފަހަރު. އެއް ސަބަބަކީ ޑޮލަރު ލިބުން ދަތިވުމާއި ޑޮލަރުގެ އަގު ބޮޑުވުން ކަމަށް ބައެއް ވިޔަފާރިވެރިން ބުނޭ
1 އޯގަސްޓު 2024

ކާބޯތަކެތީގެ އަގުތައް ބޮޑުވެ މި އަހަރުގެ ހަ މަސްތެރޭ އިންފްލޭޝަން މައްޗަށް ނުދާ ވަރަށް މައްޗަށް އުފުލިއްޖެ އެވެ. 

އިންފްލޭޝަނަކީ ކޮބާ؟ - އިންފްލޭޝަނަކީ އެވްރެޖްކޮށް ތަކެތީގެ އަގުތައް މައްޗަށްދާ މިންވަރު ވަޒަންކުރުމަށް ބޭނުންކުރާ އިގްތިސާދީ މިންގަނޑެވެ. 

ތަފްސީލް - މަރުކަޒީ ބޭންކް، އެމްއެމްއޭއިން ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަސް ނިމުނުއިރު ރާއްޖޭގެ އިންފްލޭޝަން ހުރީ %1.4ގަ އެވެ. ނަމަވެސް މޭ މަހު އިންފްލޭޝަން ހުރީ %0.8ގަ އެވެ. އެހެންކަމުން މަހުން މަހަށް ބަލާއިރު އިންފްލޭޝަން މި ވަނީ %0.6 މައްޗަށް ޖެހިފަ އެވެ. 

އެސްޓީއޯ ސުޕަމާކެޓްގައި ބަޔަކު ވިޔަފާރި ކުރަނީ: ތަކެތީގެ އަގުތައް ވަނީ މައްޗަށް ދާން ފަށާފައި (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ފާހަގަކޮށްލެވޭ - މި އަހަރު %1އަށް ވުރެ މައްޗަށް އިންފްލޭޝަން ގޮސްފައި ވަނީ ފެބުރުއަރީ މަހު އެކަންޏެވެ. އެ ނޫން މަސްތަކުގައި އިންފްލޭޝަން ހުރީ %1އަށް ވުރެ ވެސް ދަށުގަ އެވެ. އަދި މޭ އާއި އެޕްރީލްގައި އިންފްލޭޝަން ދަށަށް ވެސް ގޮސްފައިވެ އެވެ. 

މި އަހަރުގެ ފުރަތަމަ ހަ މަހުގެ އިންފްލޭޝަން:

  • ޖެނުއަރީ - %0.9 

  • ފެބުރުއަރީ - %1.1

  • މާޗް -  %0.2- 

  • އެޕްރީލް - %1.1-

  • މޭ - %0.8

  • ޖޫން - %1.4

އަގުތައް އެންމެ މައްޗަށް ދިޔައީ ތަރުކާރީގެ ބާވަތްތަކުން

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންފްލޭޝަން މައްޗަށް ދިޔުމުގައި އެންމެ ބޮޑު ހިއްސާއެއް ކުރަނީ ތަރުކާރީ އާއި މޭވާ އަދި މަހުގެ ބާވަތްތަކުންގެ އަގުތައް މައްޗަށް ދިޔުމެވެ. އަގުތައް މައްޗަށް ދިޔަ ގޮތަކީ: 

  • ތަރުކާރީގެ ބާވަތްތައް - %0.46 

  • މަހުގެ ބާވަތްތައް - %0.45 

  • މޭވާގެ ބާވަތްތައް - %0.17 

މީގެ އިތުރަށް ކަނޑު ދަތުރުފަތުރު ކުރުމާއި ހޮސްޕިޓަލްގެ އަގުތައް އަދި ކަރަންޓުގެ އަގު ވަނީ މިދިޔަ މަހު މައްޗަށް ގޮސްފަ އެވެ. ކަރަންޓުގެ އަގުތައް ވަނީ މޭ މަހާ އަޅާބަލާއިރު %0.15 މައްޗަށް ގޮސްފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލްގެ އަގުތަކާއި ކިރުގެ ބާވަތްތަކުގެ އަގުތައް ވަނީ %0.11 މައްޗަށް ގޮސްފަ އެވެ. 

ބާޒާރުމަތީ ލޮނުމެދާއި ފިޔާ ވިއްކަން ބަހައްޓާފައި (ދައުރު ފޮޮޓޯ/އިބްރާހިމް އިފާޒު)

އަގުތައް ދަށްވި ބައިތަކަކީ ގޭތެރޭ ހިފައިގެންގުޅޭ ތަކެއްޗާއި ވައިގެ ދަތުރުތަކުގެ ޓިކެޓުގެ އަގުތައް އަދި މުވާސަލާތީ ހިދުމަތްތަކުގެ އަގުތަކެވެ. 

އަގުތައް މައްޗަށްދާ ބޮޑު ސަބަބަކީ ޑޮލަރުގެ އަގު އުފުލުން

ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަކަ ދެއްކެވި ބައެއް ވިޔަފާރިވެރިން މިއަދު ވިދާޅުވި ގޮތުގައި ތަކެތީގެ އަގުތައް އެހާ މައްޗަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ޑޮލަރު ލިބުން ދަތިވުމާއި ޑޮލަރުގެ އަގު ބޮޑުވުމެވެ.

މިހާރު ޑޮލަރެއްގެ އަގު އުޅެނީ 18 ރުފިޔާއިން މަތީގަ އެވެ. 

މީގެ އިތުރަށް ރާއްޖެއަށް ގިނަ އަދަދަކަށް މުދާ ގެންނަ ޓްރާންސިޓް ކާގޯ ޕޯޓްތަކުގެ ކާރޫބާރޫކަން ބޮޑުވެ ރާއްޖެއަށް މުދާ ގެނައުން ލަސްވުމަކީ ވެސް މައްސަލައެއްގެ ގޮތުގައި ބައެއް ވިޔަފާރިވެރިން ފާހަގަކުރި އެވެ. 

"މައިގަނޑު އެންމެ ބޮޑު ސަބަބަކީ މި ޑޮލަރުގެ އަގު. އެހެން ނަމަވެސް ބޯޓު ޑިލޭވުން ވެސް އުޅޭ،" ވިޔަފާރިވެރިއަކު ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް