ބިދޭސީ މަސައްކަތްތެރިންތަކެއް ގުދަނަކަށް ކާޑުތަކެއް ބޭލުމުގެ މަސައްކަތް ކުރަނީ (ފޮޓޯ/އަބްދުﷲ އިޔާން)

އިގްތިސާދު

ބޭނުންކުރެވޭ ރިޒާވުގައި މަހަކަށް ފުދޭ ވަރަަށް ވެސް ނެތް

ބޭނުންކުރެވޭ ރިޒާވުގައި ހުރި ކަމަށް ދައްކަނީ 66.9 މިލިއަން ޑޮލަރު؛ ނަމަވެސް މަހަކަށް ބޭނުންވާ ތަކެތި ރާއްޖެ އެތެރެކުރަން 70 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭނުންވޭ
1 އޯގަސްޓު 2024

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ރޭ އާންމުކުރި އިގްތިސާދީ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައި އޮތް އެންމެ ކަންބޮޑުވާ ނަމްބަރަކީ ރާއްޖޭގެ ރަސްމީ ރިޒާވުގެ އަދަދުތަކެވެ. އެމްއެމްއޭގެ އެ ރިޕޯޓުގައި ހިމަނާފައިވާ ރިޒާވް ނަމްބަރުތަކުން ދައްކާ ގޮތުން މިދިޔަ ޖޫން މަސް ނިމުނުއިރު: 

  • ބޭނުންކުރެވޭ ރިޒާވް ވަނީ މަހެއް ތެރޭ 73.1 މިލިއަން ޑޮލަރުން 66.9 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައި 

  • އެއް މަސް ތެރޭ ބޭނުން ކުރެވޭ ރިޒާވުން މި ވަނީ 6.2 މިލިއަން ޑޮލަރު މަދުވެފައި 

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އާންމުކޮށް ރާއްޖެއަށް ބޭނުންވާ ތެލާއި ބޭސް އަދި ކާޑުގެ ބާވަތްތައް ހިމެނޭ ގޮތުން އަސާސީ މުދާ އެތެރެކުރަން މަހެއްގެ މައްޗަށް 70 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭނުންވެ އެވެ. އެހެންކަމުން: 

  • މިހާރު ބޭނުން ކުރެވޭ ރިޒާވް ހުރި އަދަދަކީ އެއް މަސްދުވަހަށް ބޭނުންވާ އަސާސީ ތަކެތި ވެސް އެތެރެ ނުކުރެވޭނެ އަދަދެއް

  • ކުރު މުއްދަތުގައި ދައްކަން ހުރި ދަރަންޏަށް 23.2 މިލިއަން ޑޮލަރު އިތުރުވެ އެ އަދަދު ވަނީ 442.3 މިލިއަން ޑޮލަރަށް އަރާފައި 

މަރުކަޒީ ބޭންކު، އެމްއެމްއޭގެ އިމާރާތުގެ ބޭރުގައި ބަޔަކު މަޑުކޮށްލައިގެން (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

ރާއްޖެއިން މީގެ ކުރިން އާންމު ގޮތެއްގައި 2-3 މަހަށް ބޭނުންވާ އަދަދަށް ތަކެތި އިމްޕޯޓް ކުރެވޭ ވަރަށް ރާއްޖޭގެ ރިޒާވް ހިފަހައްޓަމުން އައިސްފައިވެ އެވެ. ނަމަވެސް ދަރަނި ބޮޑުވެ ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ އިތުރުވުމާ އެކު ރިޒާވަށް އެކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. 

މިރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަސް ނިމުނުއިރުން ޑޮލަރުން ލިބުނު އާމްދަނީ އުޅެނީ 560.4 މިލިއަން ޑޮލަރުގަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 72.4 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް