މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓްތަކުގެ އޮޕަރޭޝަން ފެށުމަށްޓަކައި އެއާބަސް އޭ330 މަތިންދާބޯޓެއް ގެންނަން ޓްރޫނޯޑް އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރަނީ. (ފޮޓޯ/ޓްރާންސްޕޯޓް މިނިސްޓްރީ)

މޯލްޑިވިއަން

ރާއްޖެއަށް އެއާބަސް އޭ330 މަތިންދާބޯޓެއް ހޯދަން ޓްރޫނޯޑްއާ އެކު ސޮއިކޮށްފި

މިއީ ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރަން މޯލްޑިވިއަންއަށް ގެންނަން ނިންމާފައިވާ ދެ ބޯޓުގެ ތެރެއިން އެއް ބޯޓު

ގައުމީ އެއާލައިން މޯލްޑިވިއަން އިން ވައިޑް-ބޮޑީ ނުވަތަ ބޮޑެތި މަތިންދާބޯޓުތަކުގެ އޮޕަރޭޝަން ފެށުމަށްޓަކައި ރާއްޖެއަށް އެއާބަސް އޭ330އެއް ގެންނަން، ވައިގެ އުޅަނދު ކުއްޔަށް ދޭ ބައިނަލްއަގުވާމީ ކުންފުނި ޓްރޫނޯޑްއާ އެކު ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެނގުން މުހިންމު - ރާއްޖެއަށް ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ދަތުރުތައް ފުޅާކުރަން ގައުމީ އެއާލައިންއަށް ވައިޑް-ބޮޑީ ދެ ބޯޓު ގެންނަން ސަރުކާރުން އެހީވާ ގޮތަށް ކެބިނެޓުން ވަނީ ނިންމާފަ އެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ގައުމީ އެއާލައިނުގެ އޮޕަރޭޝަނަށް ވައިޑް-ބޮޑީ ބޯޓު ތައާރަފު ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ވީ ކިހިނެއް؟ - އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ ގެންނަން ނިންމާފައިވަނީ އޭ330-200 ނުވަތަ އާންމުކޮށް ކިޔާގޮތުން ނަމަ އެއާބަސް އޭ330 އެކެވެ. މިއަދު ޓްރޫނޯޑް އާއެކު ސޮއިކުރީ އެފަދަ ބޯޓެއް ގަތުމުގެ އެއްބަސްވުމުގަ އެވެ.

އެކަމާ ގުޅޭގޮތުން މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ބުނި ގޮތުގައި:

  • މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ބައިވެރިވެވަޑައިގެންނެވި

  • މި އެއްބަސްވުމަކީ ގައުމީ އެއާލައިންގެ ފްލީޓު އިތުރަށް ވަރުގަދަ ކުރުމަށް އެޅިގެން ދިޔަ ފާހަގަކޮށްލެވޭ ފިޔަވަޅެއް

  • އެއާބަސް އޭ330 އިން ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ

މި އެއްބަސްވުމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ބުނީ ކީކޭ؟ - މި އެއްބަސްވުމާ ގުޅިގެން، ރާއްޖޭގައި ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ކުރިއަށް ދާކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

"އޭވިއޭޝަން ދާއިރާ ކުރިއަރުވަން ރައީސް މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދާއި ފަތުރުވެރިކަން ވެސް ކުރިއަރާނެ،" އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - އެއާބަސް އޭ330 އަކީ ދެ އިންޖީނުލީ، ލޯންގް-ރޭންޖް ބޯޓެކެވެ. މިފަދަ ބޯޓުތަކުގައި އާންމުކޮށް 210 އާއި 250އާ ދެމެދުގެ އަދަދަކަށް ފަސިންޖަރުން އުފުލަ އެވެ. ގިނަ ފަސިންޖަރުން އުފުލަން ބޭނުން ނަމަ 406 ގޮނޑި ބަހައްޓާ ގޮތަށް ބޯޓުގެ ލޭޔައުޓް ބަދަލު ވެސް ކުރެވެ އެވެ.

ގުޅުންހުރި - މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަންތައް ފެށުމަށްޓަކައި، ދިގު ދަތުރުތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބޮއިން 787 މަރުކާގެ ބޯޓެއް ކުއްޔަށް ނެގުމަށް އައިލެންޑް އޭވިއޭޝަނުން މިދިޔަ ޖެނުއަރީގައި އިއުލާންކުރި އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް އެއާބަސް އޭ330 މަރުކާގެ ބޯޓެއް ޑްރައި ލީޒް ކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.  

މިނިސްޓަރު އަމީން މިދިޔަ އޭޕްރިލް މަހު ވިދާޅުވެފައިވަނީ މި އަހަރުގެ އޮކްޓޫބަރު ހިސާބުގައި ވައިޑް-ބޮޑީ ބޯޓުތަކުގެ އޮޕަރޭޝަންތައް ފެށޭނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް