އެއާ އެރެބިއާގެ މަތިންދާބޯޓެއް

އެއާ އެރެބިއާ އިން މާލެ-ޝާރްޖާ ދަތުރުތައް ފަށަނީ

އޮކްޓޯބަރު 27 އިން ފެށިގެން ކޮންމެ ދުވަހަކު ދަތުރުތައް އޮންނާނެ

މެދު އިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އެންމެ ބޮޑު ބަޖެޓު އެއާލައިން އެއާ އެރެބިއާ އިން ޔޫއޭއީގެ ޝާރްޖާ އާއި މާލެއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ތަފްސީލް - އެއާ އެރެބިއާ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޝާރްޖާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އޮކްޓޯބަރު މަހުގެ 27 އިން ފެށިގެން ދަތުރުތައް ބާއްވާނެ ކަމަށެވެ.

މިއާއެކު ރާއްޖެއަށް އަންނަން ބޭނުންވާ ދަތުރުވެރިންނަށް މިހާރަށް ވުރެ ފަސޭހަކަމާ އެކު ހެޔޮ އަގުގައި ދަތުރުކުރެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އެއާ އެރެބިއާ އިން ޝާރްޖާ-މާލެ-ޝާރްޖާ ދަތުރުތައް ކޮންމެ ދުވަހަކު ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.

އެއާ އެރެބިއާގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރު އާދިލް އަލް އަލީ ވިދާޅުވީ މިއީ އެ އެއާލައިނުގެ ފަސިންޖަރުންނަށް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުތަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ތެރެއިން އިތުރުކުރި ރޫޓެއް ކަމަށެވެ.

އެއާ އެރެބިއާގެ ދަތުުރުތައް ކުރަނީ އެއާބަސް އޭ320 އަދި އޭ321 މަރުކާގެ ބޯޓުތަކުގަ އެވެ.

ޝާރްޖާ އާއި މާލެއާ ދެމެދު ފަށަން ނިންމާފައިވާ ދަތުރުތަކަށް މިހާރު ޓިކެޓު ބުކް ކުރެވޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

ފާހަގަ ކުރެވޭ - އެމިރޭޓްސް އާއި ފްލައި ދުބާއީ އާއި އިއްތިހާދު އަދި ވިޒް އެއާ އިން އަބޫ ދާބީ އާއި ދުބާއީ އިން މާލެއަށް ދަތުރުތައް ބާއްވަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް