ސްޓެލްކޯގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް އާދީއްތަ ދުވަހު ކުރިއަށް ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސްޓެލްކޯ

އިންޖިނާއި އެއާ ގުޅޭ ސާމާނު ވިއްކަން ސްޓެލްކޯ އިން ބިޒްނަސް ސެންޓަރެއް ގާއިމް ކުރަނީ

އެފަދަ ވިޔަފާރިއެއް ފަށަނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ސްޓެލްކޯ ހެދުމަށް ކަމަށް އެމްޑީ ވިދާޅުވި

ސްޓެލްކޯގެ އާމްދަނީ އިތުރުކުރުމަށް އިންޖީނާއި އެއާ ގުޅޭ އެހެނިހެން ސާމާނު ވިއްކަން ބިޒްނަސް ސެންޓަރެއް ގާއިިމް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ތަފްސީލް - ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އާދީއްތަ ދުވަހު 'ދައުރު' އަށް ވިދާޅުވީ އެ ކުންފުނީގެ މުސްތަގުބަލަށްޓަކައި އަޅަމުން އަންނަ ބިޒްނަސް އިމާރަތް ކުރަނީ ކުންފުނީގެ މުވައްޒަފުން ކަމަށެވެ.

ބިޒްނަސް ސެންޓަރުގެ އަމަލީ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. 

ސްޓެލްކޯގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް އާދީއްތަ ދުވަހު ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދް)

ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ތެރޭ ހުރި މަރާމާތުގެ މަސައްކަތްތައް ވެސް މުވައްޒަފުން ލައްވާ ކުރުވަން ފަށާފައިވާ ކަމަށާއި އެފަދަ ކަންކަން އެހެން ފަރާތަކާ ހަވާލު ކޮށްފި ނަމަ ބޮޑު ހަރަދެއް ހިނގާނެ ކަމަށެވެ.

"ބޭނުންވަނީ ހަރަދު ކުޑަކޮށް އެފިޝިއަންޓުކޮށް މަސައްކަތް ކުރަން. އޭގެ ތެރެއިން މި މަސައްކަތް ކުރަނީ އާމްދަނީ އިތުރު ކުރަން ވެސް. ދައުލަތުގެ ކުންފުންޏަކަށް ވެފައި، އަސާސީ ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށް ވާތީ އަޅުގަނޑުގެ ވިސްނުމެއް ނެތް އާންމު ވިޔަފާރިތަކުން ކުރާ ވިޔަފާރިއަކަށް ނިކުންނަން،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯ އިން ބިޒްނަސް ސެންޓަރެއް ހުޅުވަނީ ޕްރައިވެޓު ސެކްޓަރުން ނުކުރާ ވިޔަފާރި ކުރުމަށް ކަމަށެވެ.

"މާނައަކީ އަޅުގަނޑުމެންގެ ބިޒްނަސް ސެންޓަރުގައި ހުންނާނެ ބޮޑެތި އިންޖީނު. އެއް މެގަ ވޮޓު، ދެ މެގަވޮޓުން ފެށިގެން. ޓްރާންސްފޯމަރު، ކޭބަލް. މިއީ އާންމު މީހުން ކުރާ ވިޔަފާރިއެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އެފަދަ ވިޔަފާރިއެއް ފަށަނީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ސްޓެލްކޯ ހެދުމަށް ކަން ފަހުމީ ފާހަގަ ކުރެއްވި އެވެ.

ސްޓެލްކޯގެ ބިޒްނަސް ސެންޓަރުގެ މަސައްކަތް ކުރިއަށް ދަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

"މިސާލަކަށް، މާދަމާ އިންޖީނެއް ހަލާކުވިޔަސް އަޅުގަނޑުމެންގެ އަތުގައި އިންޖީނެއް ނެތިއްޔާ ރާއްޖެއިން ބޭރުން ގެންނަން ޖެހޭނީ. ރާއްޖެއިން ބޭރުން ނުގެނެވޭނެ ދެއްތޯ އޯވާނައިޓަކުން. އެހެންވީމާ އަޅުގަނޑުމެން އަތުގައި އަޅުގަނޑުމެންނަށް ބޭނުންވާ ސާމާނު ހުރުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް އަޅުގަނޑު ދެކެނީ،" ފަހުމީ ވިދާޅުވި އެވެ.

"ބޭރުން ގެންނަންޏާ ޑޮލަރު ވެސް ބޭނުންވޭ. ކުއްލިއަކަށް ގެންނަންޏާ އަގުހެޔޮ ވެސް ނުވާނެ. އަޅުގަނޑުމެން އަތުގައި މި އެއްޗެހި ހުރުން ވަރަށް މުހިއްމު ކަމަށް ދެކެނީ."

ފަހުމީ ފާހަގަކުރެއްވި ގޮތުގައި އިންޖީނެެއް ލިބެނީ އޯޑަރު ކުރާތާ ހަތަރު ވަރަކަށް މަސް ފަހުންނެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ، މިސާލަކަށް ސްޓެލްކޯގެ އިންޖީނުގެއެއް އަނދައި ދިޔައީ. އަޅުގަނޑުމެންނަށް އެތަނަށް ހިދުމަތް ދެވެންވާނެޔޭ އާ އިންޖީނުގެއެއް އަޅައި 24 ގަޑިއިރު ތެރޭ،" ފަހުމީ ވިދާޅުވީ އެވެ. އޭނާ ވިދާޅުވީ އެކަން ކުރެވޭނީ ބޭނުންވާ ސާމާނު އަތުގައި ހުރެގެން ކަމަށެވެ.

ސްޓެލްކޯގެ އިތުރުން ރިސޯޓުތަކަށް ބޭނުންވާ ސާމާނު ވެސް ބިޒްނަސް ސެންޓަރު މެދުވެރިކޮށް ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.

admin@stelco.com.mv
3320982

ކޮމެންޓް (1)

ސިކުނޑި

23 ޖުލައި 2024
ސްޓެލްކޯގެ އެމްޑީވެސް "މާނިއު"އަށްވުރެ ވަކި ރަނގަޅުކަމަކަށްނުފެނޭ! ޔައުނީ، ކިޔޭނުކިޔޭއެއް ހެދޭނެހޭއެއް ނޭނގޭ! ވީހާވެސް އަވަހަކަށް ބަދަލުކުރަންޖެހޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް