މީގެ ކުރިން ބޭއްވި އުރީދޫ މަސްރޭސް ހަރަކާތުގެ ތެރެއިން (ފޮޓޯ/އުރީދޫ)
އުރީދޫ މަސްރޭސް މިފަހަރު ވެސް ތިން ރަށެއްގައި
އުރީދޫގެ ފޯރިގަދަ މަސްރޭސް މި އަހަރު ތިން ރަށެއްގައި ބާއްވަން ނިންމައި، އެ ރަށްތައް އިއުލާނު ކޮށްފި އެވެ.
ވީ ކިހިނެއް؟ - އުރީދޫ އިން އިއްޔެ ބުނީ އެ ކުންފުނީގެ 19 ވަނަ އަހަަރީ ދުވަސް ފާހަގަކުރުމަށް މި އަހަރުގެ މަސްރޭސް ބާއްވަން ނިންމާފައިވަނީ އަންނަ މަހު ކަމަށެވެ. އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވަނީ
-
ކ. ހިންމަފުށި
-
ޅ. ނައިފަރު
-
ގދ. ތިނަދޫ
ތަފްސީލް - ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ފޯރިގަދަ މަސްވެރިކަމުގެ މުބާރާތުގެ ގޮތުގައި ކުރިއަށް ގެންދާ އުރީދޫ މަސްރޭހަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ، ރައްޔިތުންގެ މެދުގައި މަގުބޫލު ހަރަކާތެކެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާ ގުޅިގެން އުރީދޫ މަސްރޭސް ކުރިއަށް ގެންދަން ނިންމާފައިވާއިރު މުބާރާތުގައި ބައިވެރިވެ ރެޖިސްޓާ ކުރުމަށް ވަނީ މިހާރު ހުޅުވާލައިފަ އެވެ.
އިއްޔެ އިން ފެށިގެން މުބާރާތުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމިގެ ފުރުސަތު ހުޅުވާލާފައިވާއިރު އެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
އުރީދޫ އިން ބުނީ:
-
ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 - 12 މެމްބަރުން ތިބެންވާނެ
-
ކޮންމެ ސަރަހައްދަކުން ވެސް ގިނަ ވެގެން16 ޓީމަށް ފުރުސަތު ދޭނެ
-
އެއަށް ވުރެ ގިނައިން ރެޖިސްޓްރީކޮށްފައިވާނަމަ ޓީމުތައް ހޮވާނީ ގުރުއަތުން
މުބާރަތް ބާއްވާނެ ތާރީހުތައް
-
ހިންމަފުށި: 9 އޮގަސްޓް
-
ތިނަދޫ: 16 އޮގަސްޓު
-
ނައިފަރު: 23 އޮގަސްޓު
މަސްރޭހުގެ އިނާމުގެ ގޮތުގައި ޖުމްލަ 126،000 ރުފިޔާގެ އިނާމު ކަނޑައަޅާފައިވެ އެވެެ.
-
1 ވަނަ ޓީމް: 25،000ރ
-
2 ވަނަ ޓީމު: 10،000ރ
-
3 ވަނަ ޓީމު: 5000ރ
-
އެންމެ މޮޅު ފިރިހެން މަސްވެރިޔާ: 1،000ރ
-
އެންމެ މޮޅު އަންހެން މަސްވެރިޔާ:1،000ރ
ބުނީ ކީކޭ؟ - އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި ހިދުމަތްދޭތާ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރުވަމުންދާއިރު، އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ރާއްޖޭގެ ތިން ސަރަހައްދެއްގައި މިއަހަރު ވެސް މަސް ރޭސް ބާއްވާނެ ކަމަށެވެ.
"މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންނާ އެކު ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު އަރުވަން." ހާލިދު ވިދާޅުވި އެވެ.
އުރީދޫ މަސްރޭހުގައި ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުންނަށް ވެސް ބައިވެރިވެވޭނެ އެވެ.