އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ތެލުގައި ފެން ހުރިކަމަށް ބުނާ ވާހަކަ އެފްއެސްއެމް އިން ދޮގުކޮށްފި
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގއ. އަތޮޅުގެ ދެ ރަށަކަށް ވިއްކި ތެލުގައި ފެން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކާ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެފްއެސްއެމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކުންފުނިން ގއ. މާމެންދޫ އަދި ނިލަންދޫ އަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ހަބަރަކީ ތެދު ހަބަރެއް ނޫން ކަމަށެވެ.
ތަފްސީލް - އެފްއެސްއެމް އިން ބުނީ، އެ ކުންފުނިން ވިއްކާ ތެލަކީ ކޮލެޓީ ތެޔޮކަން ޔަގީންކޮށްދިނުމަށް ފެނަށް ޓެސްޓުކުރެވޭނެ އިންތިޒާމު ތެޔޮޮ ބާޖުތަކުގައި ގާއިމްކޮށްފައި ހުންނާނެ ކަމަށެވެ.
"ތެލުގެ ކޮލެޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަކުން، އެކަމަށް ހެދިފައިވާ ގަވައިދުުތަކާ އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީ ކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް އަމަލު ކުރުމަށް މި ކުންފުނިން އިލްތިމާސްކުރަމެވެ،" އެފްއެސްއެމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.