ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި (ދައުރު ފައިލް ފޮޓޯ/އަޒްމީ)

ޓޫރިޒަމް

ޓްރެވަލް އެޖެންޓުންނަށް ހާއްސަ ގާނޫނެއް ބޭނުމެއް ނުވޭ: ބައެއް ޓްރެވަލް އެޖެންޓުން

ގާނޫނެއް ހަދައިފި ނަމަ އެއަށް އިސްލާހު ގެންނަން ޖެހޭ ހާލަތްތަކުގައި ގިނަ ވަގުތުތައް ހޭދަވާނެކަން ދާއިރާގެ ތަޖުރިބާކާރުން ފާހަގަ ކުރައްވާ

ދަތުރު ރާވާ ހިންގުމުގެ ގާނޫނެއް އެކުލަވާލުމަށް ވުރެ މުހިންމީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ހިޔާލާއި މަޝްވަރާއާ އެކު އެ ކަމާ ގުޅޭ ގަވައިދެއް އެކުލަވާލުން ކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ބައެއް ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޓްރެވެލް އެޖެންޓުންނަށާއި ޓުއަ އޮޕަރޭޓަރުންނަށް ހާއްސަ ގާނޫނެއް އެކުލަވާލުމަށް 'ދަތުރު ރާވާ ހިންގުމުގެ ގާނޫނު' ގެނަމުގައި ބިލެއް އެކުލަވާލައި، އެ ބިލަށް މަޝްވަރާ ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީ އިން ދަނީ ކުރަމުންނެވެ. އެގޮތުން އެ މިނިސްޓްރީ އިން ވަނީ ބިލާ ގުޅޭ ގޮތުން ފަތުރުވެރިކަމުގެ ސިނާްއަތުގައި މަސައްކަތްކުރާ ފަރާތްތަކާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައި، އެ ބިލަށް ހިޔާލު ހޯދައިފަ އެވެ.

އެ ބައްދަލުވުމުގައި އެ ފަރާތްތަކުން ބިލަށް ގިނަ ހިޔާލާއި މަޝްވަރާ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

ތަފްސީލް - ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާ ގުޅޭ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރާތާ ދެތިން އަހަރު ވެފައިވާ ކަމަށް އެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ. ނަމަވެސް އަލަށް ގާނޫނެއް އެކުލަވާލުމަކީ އެންމެ އެދެވޭ ގޮތް ނޫންކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

އަލަށް އެކުލަވާލުމަށް މަސައްކަތްކުރާ ގާނޫނާ ގުޅޭގޮތުން އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ސޯޝަލް މީޑިއާގައި ވިދާޅުވީ ރާއްޖޭގައި ޓްރެވަލް އެޖެންޓުންނަށް ވަކި ގާނޫނެއް ބޭނުންވާކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެހެންނަމަވެސް، މިހާރު އޮތް ފަތުރުވެރިކަމުގެ ގާނޫނުގެ ދަށުން އެފަރާތްތަކަށް ހަރުދަނާ ގަވައިދުތަކެއް އަޅުގަނޑުމެން ތަންފީޒުކުރަންޖެހޭ. ޓްރެވަލް އޭޖެންޓުންނަށް ވަކި ގާނޫނެއް އުފެއްދުމަކީ ކަންކަން އުނދަގޫވާނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން،" ފިރާގު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

'ދައުރު' އާ ވާހަކަ ދައްކަވަމުން ފިރާގު މިއަދު ވިދާޅުވީ ދުނިޔޭގައި ބަދަލުވަމުންދާ ޓޫރިޒަމް ވިޔަފާރިއާ އެކު، ގާނޫނަށް އިސްލާހު ގެންނަން ޖެހޭ މިންވަރު އިތުރުވާނެ ކަމަށެވެ. ގާނޫނަށް ބަދަލު ގެންނަ ނަމަ އެއީ ދިގު މުއްދަތެއް ނަގާނެ ކަމެއް ކަން ފާހަގަކޮށް ފިރާގު ވިދާޅުވީ، ދާއިރާގެ މީހުން އެންމެ ބޭނުންވާގޮތަށް ގާނޫނު އެކުލަވާލުމަކީ ވެސް ނުވެ ހިނގައިދާނެ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މުހިއްމީ ރަނގަޅު ގަވައިދާއި އުސޫލުތައް އެކުލަވާލުން ކަމަށާއި އިސްލާހެއް ގެންނަން ޖެހިއްޖެ ނަމަ ސްޓޭކުހޯލްޑަރުންގެ މަޝްވަރާއާ އެކު އެ ގަވައިދުތަކާއި އުސޫލުތަކަށް ބަދަލު ގެނައުމަކީ ދަތިކަމަކަށް ނުވާނެ ކަމަށެވެ.

"މިހާރު އޮތް ފަތުރުވެރިކަމުގެ ގާނޫނުގެ ދަށުން ހުރިހާ ކަމެއް ބެހެއްޓުމުން ހަމަ ރަނގަޅު ކަމަށް ދެކެނީ،" އޭނާ ވިދާޅުވި އެވެ.

ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުންގެ ހުރި ކަންބޮޑުވުންތަކަށް ވާހަކަ ދައްކައިގެން ހައްލު ހޯދޭނެކަން ފިރާގު ފާހަގަ ކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް