އަބްދުﷲ ގިޔާސް. އޭނާ މިއަދު ވަނީ އެމްއެމްޕީއާރުސީގެ ޗެއާ އަކަށް އައްޔަނުކޮށްފައި (ދައުރު ފޮޓޯ/ހުސެން ސުނޭން)
އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަކަށް އަބްދުﷲ ގިޔާސް އައްޔަނުކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމަށް ޓޫރިޒަމް ދާއިރާގެ ތަޖުރިބަކާރު އަބްދުﷲ ގިޔާސް މިއަދު އައްޔަނު ކުރައްވައިފި އެވެ.
ވީ ކިހިނެެއް؟ - އެމްއެމްޕީއާރުސީގެ ޗެއާގެ މަގާމުގައި ހުންނެވި އާއިޝާ ނޫރްއައިން ޖަނާހު އިސްތިއުފާ ދެއްވުމުން އެ މަގާމު އޮތީ ހުސްކޮށެވެ.
ރާއްޖޭގެ ޓްރެވެލް އެޖެންޓުންގެ ޖަމްއިއްޔާ މަޓާޓޯގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި އަބްދުﷲ އެމްއެމްޕީއާރުސީގެ ޗެއާގެ މަގާމަށް އައްޔަން ކުރެއްވި ކަން އެނާ ވަނީ 'ދައުރު' އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ތަފްސީލް - އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް އިތުރަށް ފުޅާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާއާ އެކު އަބްދުﷲ ވިދާޅުވީ އާ މަސްއޫލިއްޔަތުތަކާ އެކު ހިތްވަރާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުގެ އެއް އަމާޒަކީ ދުނިޔޭގެ ޓޫރިޒަމް ބޯޑުތަކަށް ނަމޫނާ އަކަށް އެމްއެމްޕީއާރުސީ ހެދުން،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ޓޫރިޒަމް މާކެޓު ކުރުމުގެ އާ ގޮތްތަކާ އެކު އެންމެ ޕޮޓެންޝިއަލް މާކެޓުތަކަށް ރާއްޖެ އިޝްތިހާރުކޮށް އެނދުތައް ވިއްކަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
ފާހަގަ ކުރެވޭ- އެމްއެމްޕީއާރުސީ އަށް އާ ޗެއާޕާސަން އެއް އައްޔަނު ކުރި އިރު އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް އާއި އެ ކުންފުނީގެ އެންމެ ދުވަސްވީ މުވައްޒަފުގެ ގޮތުގައި ހުރި އިބްރާހިމް އާސިމް (އައިބީ) މިދިޔަ އަންގާރަ ދުވަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މި ސަރުކާރުގައި ފުރަތަމަ އައްޔަނު ކުރެއްވި ފާތިމަތު ތައުފީގު (ކުޑީ) މަގާމުން ވަކިކޮށް އެ މަގާމަށް އިބްރާހިމް ޝިއުރީ ވަނީ އައްޔަންކޮށްފަ އެވެ. މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެންބަރުން ވެސް އައްޔަންކޮށްފައިވެ އެވެ.