ދައުލަތުގެ ޓެކްސް އިދާރާ މީރާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މީރާ

ލަފާ ކުރި އަދަދަށް ވުރެ ޖޫން މަހުގެ އާމްދަނީ ދަށްވެއްޖެ

މީރާ އަށް މިދިޔަ މަހު ޑޮލަރުން 76.57 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވޭ

މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ އެ މުއްދަތުގައި ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 2.05 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ތަފްސީލް - މީރާ އިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އަކީ އެ މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަށް ވުރެ %28.8 ދަށް އަދަދެއް ކަމަށެވެ.

ލަފާކުރި އަދަދަށްވުރެ މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވީ މީރާ އިން ބުނި ގޮތުގައި:

  • ކޯޕަރޭޓު އިންކަމް ޓެކުހާއި ބޭންކު ޕްރޮފިޓް ޓެކްސް އަދި ޓޫރިޒަމް ލޭންޑު ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމުން

  • ކޯޕަރޭޓު އިންކަމް ޓެކުހާއި ބޭންކު ޕްރޮފިޓް ޓެކްސް ކުރިއާލާ ދައްކަން ފުރުސަތު އޮތުމުން އެ ޓެކްސްތައް ވަނީ ސުންގަޑިއަށް ވުރެ މާ ކުރިން ދައްކާފައި

  • ޓޫރިޒަމްް ލޭންޑު ޓެކްސް އާއި ޖީއެސްޓީ ނުދައްކާ ވިޔަފާރިތައް ގިނަ

މީރާ އިން ބުނީ، ލަފާކުރި އަދަދަށް ވުރެ ޖޫން މަހުގެ އާމްދަނީ ދަށްވި ނަމަވެސް، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ މި އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީ %26.8 އިތުރު ކަމަށެވެ.

މިދިޔަ މަހު މީރާ އަށް އެންމެ ގިނަ އާމްދަނީ ލިބުނީ:

  • ޖީއެސްޓީ: 748 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %36.49)

  • އިންކަމް ޓެކްސް:629 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %30.69)

  • ޓޫރިޒަމް ލޭންޑު ރެންޓު: 343 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %16.74)

  • ޑިޕާޗާ ޓެކްސް: 81 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %3.98)

  • އެއާޕޯޓު ޑިވެލޮޕްމެންޓު ފީ 81 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %3.98)

މީރާ އަށް މިދިޔަ މަހު ޑޮލަރުން 76.57 މިލިއަން ޑޮލަރުގެ އާމްދަނީ ލިބިފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް