އެއާ ސާވިސް ވޯލްޑު ކޮންގްރެސްގެ ބައެއް ބައިވެރިންނަށް މިއަދު މަރުހަބާ ކިޔަނީ (ފޮޓޯ/އެމްއޭސީއެލް)

ވައިގެ ސިނާއަތުގެ ބައްދަލުވުން 150 އަށް ވުރެ ގިނަ މަންދޫބުންނާ އެކު ފަށަނީ

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއާ އެކު، ކުރިއަރަމުން އަންނަ ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށް މުހިންމު ގިނަ ކަންތައްތަކެއް ފަހިވެގެން ދާނެ ކަމަށް އެމްއޭސީއެލް އިން ބުނި

ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް މާދަމާ ރާއްޖޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ތަފްސީލް -  ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި 27 އެއާލައިނަކާއި 17 އެއާޕޯޓަކާ އެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ.

މި ކޮންގްރެސްގެ އެކި ހަރަކާތްތައް ތިން ރިސޯޓެއްގަައި ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. އެގޮތުން:

  • ކޮންގްރެސްއަށް ބޭރުން އަންނަ މަންދޫބުންނަށް މަރުހަބާ ކިޔުމަށް މިއަދު ހަވީރު ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި އިވެންޓެއް އޮންނާނެ

  •  ނެޓްވޯކިންގެ ހާއްސަ އިވެންޓެއް ކްރޮސް ރޯޑްސް ސައީ ލެގޫން މޯލްޑިވްސްގައި ކުރިއަށްދާނެ 

  • ކޮންގްރެސްގެ ރަސްމީ ބައިތަކާއި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ކުރުނބާ މޯލްޑިވްސްގައި

މި ބައްދަލުވުމުގައި ބައިވެރިވާ މަންދޫބުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލްގެ ޓުއާއެއް މިއަދު ހެނދުނު ވަނީ ދީފަ އެވެ. ކޮންގްރެސްގެ ސީޕްލޭން ޕާޓްނަރަކީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްއާ އެކު، ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާ ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެން ގަައުމުތަކުގެ އިސް ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. މިއާއެކު، މި ދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެކަން އެ ކުންފުނިން ފާހަގަކުރި އެވެ.

އެމްއޭސީއެލް އިން ބުނީ:

  • ރާއްޖޭގެ ވައިގެ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިލާމެހިގެން ކުރިއަށްދާ ދާއިރާއަކަށް ވާތީ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީއާ ގުޅިގެން ކޮންގްރެސް ތެރޭ މަސައްކަތް ކުރާނެ ކަމަށް

  • އެގޮތުން ފަތުރުވެރިކަމާއި އޭވިއޭޝަން ދާއިރާއާ ގުޅުން ހުރި މައުލޫމާތު ދިނުމަށް ކޮންގްރެސް ތެރޭ ސްޓޯލެއް ހުންނާނެ ކަމަށް

އެނގުން މުހިއްމު - އެއާ ސާވިސް ވޯލްޑް ކޮންގްރެސް އަކީ އެ ސިނާއަތުގެ އެކި ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތައް އެއްތަންކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މިއީ މި ކޮންގްރެސް ބާއްވާ ހަތްވަނަ އަހަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް