އޭޑީކޭ ބޭސް ފިހާރައިގެ ބޭރުގައި އާސަންދަ ހިދުމަތް ލިބޭ ތަނެއް ކަމަށް އަންގައިދޭ ބޯޑެއް ޖަހާފައި:
އާސަންދަ އާއި ސަބްސިޑީއަށް ކުރާ ހަރަދު ދަށްވެއްޖެ
އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހަރަދު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ދަށްވެފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 20ވަނަ ދުވަހާ ހަމައަށް އާސަންދަ އާއި ސަބްސިޑީއަށް ހަރަދުކުރީ 2.7 ބިލިއަން ރުފިޔާ އެވެ. އެހެން ނަމަވެސް:
-
މިދިޔަ އަހަރުގެ އެ މުއްދަތުގައި 3 ބިލިއަން ރުފިޔާ ހަރަދުކުރި
-
އެހެންކަމުން މިއަހަރު ހަރަދުކުރި 2.7 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރަށް ވުރެ 336 މިލިއަން ރުފިޔާ މަދު އަދަދެއް؛ %11ގެ ދަށްވުމެއް
ތަފްސީލް - މިއަހަރަށް އާސަންދަ އާއި ސަބްސިޑީ ދިނުމަށް ބަޖެޓްކޮށްފައި ވަނީ ޖުމްލަ 4.8 ބިލިއަން ރުފިޔާ އެވެ. ހިސާބުތަކަށް ބަލާއިރު މިއަހަރު ބަޖެޓްކުރި އަދަދުގެ %55.9 މިހާރު މި ވަނީ ހަރަދުކޮށްފަ އެވެ. އެގޮތުން:
-
އާސަންދައަށް ވަނީ 917.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި؛ މިއީ 189.1 މިލިއަން ދަށް އަދަދެއް
-
ސަބްސިޑީއަށް 1.7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި؛ އެއީ 188 މިލިއަން ދަށް އަދަދެއް
މީގެ އިތުރަށް:
-
އާސަންދައަށް ވަނީ 917 މިލިއަން ރުފިޔާ ހަރަދުކޮށްފައި؛ ބަޖެޓް ކުރި އަދަދުގެ %46 މި ވަނީ ހަރަދުވެފައި
-
ސަބްސިޑީއަށް ބަޖެޓްކުރި 2.8 ބިލިއަން ރުފިޔާގެ ތެރެއިން 1.7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައި؛ ބަޖެޓްކުރި އަދަދުގެ %62 މި ވަނީ މިހާރު ހަރަދުވެފައި
ގުޅުންހުރި - މިއަހަރަށް މަޖިލީހުން ފާސްކޮށްދީފައިވާ 49.9 ބިލިއަން ރުފިޔާގެ ބަޓުން މިދިޔަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ 18.9 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.