ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމުގެ މަސައްކަތުގައި ކުރަމުން ދިޔައިރު ކެރޭނަކުން މަސައްކަތް ކުރަނީ: ރާއްޖޭގެ އިގްތިސާދުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރުފުޅާކުރަން ޖެހޭ (ދައުރު ފޮޓޯ)

ޖީޑީޕީ

އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރާވަރު %4.9އަށް ދަށްކޮށްފި

އިގްތިސާދީ ކުރިއެރުން ދަށްވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާއަށް އަންނަ މަޑުޖެހުމާއި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް އަންނަ މަޑުޖެހުން

އިގްތިސާދު ކުރިއަރާވަރު، ގައުމީ އުފެއްދުންތެރިކަން ނުވަތަ ރިއަލް ޖީޑީޕީ ލަފާކުރި ވަރަށް މިއަހަރު ކުރި ނާރާނެ ކަމަށް މާލީ ވުޒާރާގެ އެންމެ ފަހުގެ އަންދާޒާތަކުން ދައްކައިފި އެވެ. 

ވީ ކިހިނެއް؟ - މާލީ ވުޒާރާއިން މިދިޔަ މަހުގެ ފަހު ހަފްތާ ނެރެފައިވާ ރާއްޖޭގެ އިގްތިސާދުގެ އެންމެ ފަހުގެ މައުލޫމާތު ކަރުދާސް، "މެކްރޯ އިކޮނޮމިކް އަޕްޑޭޓް" ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި: 

  • މިއަހަރު ބަޖެޓް އެކުލަވާލިއިރު އިގްތިސާދު ކުރިއަރާނެ ކަމަށް ބެލީ %5.5ގައި

  • އެހެން ނަމަވެސް އެންމެ ފަހުގެ އަންދާޒާތަކުން ދައްކަނީ މިއަހަރު ގައުމީ އުފެއްދުންތެރިކަން ކުރިއަރާނީ %4.9ގައި ކަމަށް 

  • އެހެންކަމުން މިއީ މިއަހަރަށް ލަފާކުރިވަރަށް ވުރެ %0.6 ޕޮއިންޓް ދަށް އަދަދެއް

  • މިއަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރާ މިންވަރަކީ މިދިޔަ އަހަރު އިގްތިސާދު ކުރިއެރި ވަރަށް ވުރެ ރަނގަޅު މިންވަރެއް؛ މިދިޔަ އަހަރު އިގްތިސާދީ ކުރިއެރުން ހުރީ %4ގައި 

ތަފްސީލް - އެ ރިޕޯޓްގައި ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިއަހަރު ޖީޑިޕީ ކުރިއަރާނޭވަރު ކުރިން އަންދާޒާ ކުރިވަރަށް ވުރެ ދަށްވާނެ ކަމަށް މިހާރު ލަފާކުރެވެނީ ޓޫރިޒަމާއި އިމާރާތްކުރުމުގެ ސިނާއަތަށް މިއަހަރު މަޑުޖެހުން އަންނާނެތީ އެވެ. 

މީގެ އިތުރަށް އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް ރިޕޯޓްގައި ލަފާކޮށްފައިވާ އަނެއް ސަބަބުތަކަކީ: 

  • ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ސިޔާސަތަށް މިއަހަރު ގެންނަ ބަދަލުތައް؛ ހާއްސަކޮށް ސަބްސިޑީތައް މުރާޖައާކުރުން އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ގެންނަ ބަދަލު

ޓޫރިޒަމް މަޑު ޖެހުނަސް އާމްދަނީ ރަނގަޅުވާނެ

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޓޫރިޒަމްގެ ދާއިރާ މިއަހަރު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި ވަރަށް ވުރެ މިހާރު ލަފާކުރާވަރު ދަށްވާނެ އެވެ. އެގޮތުން: 

  • މެދު ރާސްތާގައި ޓޫރިޒަމްގެ ކުރިއެރުން ހުންނާނެ ކަމަށް މިހާރު ބެލެވެނީ 6.8%ގައި

  • މިއަހަރު ބަޖެޓް އެކުލަވާލިއިރު ލަފާކުރީ %8.6ގައި ޓޫރިޒަމް ކުރިއަރާނެ ކަމަށް

  • އެހެންކަމުން، ޓޫރިޒަމްގެ ކުރިއެރުން ކުރިން ލަފާކުރިވަރަށް ވުރެ މިއަހަރު %1.8 ޕޮއިންޓު ދަށްވާނެ 

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ކުރިއެރުމަށް މަޑުޖެހުމެއް އަންނާނެ ކަމަށް ލަފާކުރާ މައިގަނޑު ސަބަބަކީ ރިސޯޓްތަކުގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދާއި އަދި ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވުން ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ. މީގެ އިތުރަށް:

  • ރާއްޖެއަށް ގިނައިން ޓޫރިސްޓުން އަންނަ އިންޑިއާ މާކެޓުން ޓޫރިސްޓުން އައުން މަދުވުމަކީ ވެސް ސަބަބެއް

  • އަދި ސަރަހައްދީ ގައުމުތަކުގެ މެދުގައި އުފެދޭ ސިޔާސީ ވާދަވެރިކަން ނުވަތަ ޖިއޯ ޕޮލިޓިކްސް އަކީ ވެސް ސަބަބެއްގެ ގޮތުގައި ފާހަގަކުރި

ރިޕޯޓްގައި ފާހަގަކުރި ގޮތުގައި މިއަހަރު ބަޖެޓް އެކިލަވާލިއިރު ޓޫރިސްޓުން ރިސޯޓްތަކުގައި ހޭދަކުރާނެ ކަމަށް ލަފާކޮށްފައި ވަނީ 7.1 ދުވަހެވެ. އެހެން ނަމަވެސް މިހާރު ލަފާކުރެވެނީ މިއަހަރު ތެރޭ އެ އަދަދު އެވްރެޖްކޮށް ހުންނާނީ 6.8 ދުވަހުގައި ކަމަށެވެ. 

ޓޫރިޒަމް ކުރިއަރާ ވަރަށް މަޑުހެޖުހުމެއް މިއަހަރު އަންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް މިދިޔަ އަހަރަށް ވުރެ މިއަހަރު ޓޫރިޒަމުން އިގްތިސާދަށް ލިބޭ އާމްދަނީ ގިނަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ރިޕޯޓްގައި ހިމަނާފައިވާ ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައި ވަނީ: 

  • ޓޫރިޒަމުން މިއަހަރު ޖީޑީޕީއަށް ކުރާ ހިއްސާ ހުންނާނީ 21.9 ބިލިއަން ރުފިޔާގައި

  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %6.1ގެ ކުރިއެރުމެއް ކަމަށް ލަފާކޮށްފައިވޭ 

މީގެ އިތުރަށް ރިޕޯޓްގައި ބުނީ ޗައިނާއިން އަންނަ ޓޫރިސްޓުން މިއަހަރު އިތުރުވެފައިވުމުގެ ސަބަބުން ރާއްޖެއަށް މިއަހަރު 2 މިިިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށް ކުރެވޭ އަންދާޒާ އެގޮތުގައި ދަމަހައްޓަން ވަނީ ނިންމައިފަ އެވެ. 

ހުޅުމާލެ ފޭސް 2ގައި ހަދަމުން އަންނަ ޓަވަރުތައް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އިމާރާތް ކުރުމުގެ ދާއިރާއަށް ބޮޑު މަޑުޖެހުމެއް

ރިޕޯޓްގައި ފާހަގަކުރި ގޮތުގައި އިމާރާތްކުރުމުގެ ދާއިރާ މިއަހަރު ކުރިއަރާނެ ކަމަށް އެންމެ ފުރަތަމަ ލަފާކުރީ %3.7ގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު ބެލެވެނީ އިމާރާތް ކުރުމުގެ ދާއިރާގެ ކުރިއެރުން މި އަހަރު ހުންނާނީ %0.7ގައި ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކުރީ: 

  • މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ތަރައްގީގެ ބައެއް މަޝްރޫއުތައް ހިންގުން މަޑުޖައްސާލުން 

  • މިއަހަރުގެ ފުރަތަމަ ކުއާޓާގައި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެ އެތެރެކުރި މިންވަރު މަދުވުން 

އެހެން ނަމަވެސް މެދު ރާސްތާގައި އިމާރާތްކުރުމުގެ ދާއިރާގެ ކުރިއެރުން ރަނގަޅުވާނެ ކަމަށް ވަނީ ރިޕޯޓްގައި ލަފާކޮށްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް