އެމްޕީއެލް ސަރަހައްދުގައި ހުރި ކޮންޓެއިނަރުތަކެއް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން

އެމްޕީއެލް

ޗާޖު ޑޮލަރުން ނެގިޔަސް ވިޔަފާރިތަކަށް އަސަރެއް ނުކުރާނެ: އެމްޕީއެލް

އެ މައްސަލާގައި އިގްތިސޯދީ ކޮމެޓީން ވަނީ ޓްރޭޑް އެސޯސިއޭޝަނާ އިއްޔެ ބައްދަލުކޮށްފައި

ބޯޓުން މުދާ އަރުވައި ބޭލުމުގެ ފީއެއްގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނަގާ ސްޓީވްޑޯރިން ޗާޖު ޑޮލަރުން ނަގަން ފެށުމުން އޭގެ އަސަރު ވިޔަފާރިވެރިންނަށް ނުކުރާނެ ކަމަށާއި އެއީ ތަކެތީގެ އަގުު ބޮޑުވާން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށް އެ ކުންފުނިން އިއްޔެ ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޕީއެލް އިން ނަގާ ސްޓީވްޑޯރިން ޗާޖު ޑޮލަރުން ނަގަން ފެށީ މިދިޔަ އޭޕްރީލް މަހުން ފެށިގެންނެވެ. އެކަމާ ގުޅިގެން މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަންގެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއާ ހިއްސާކޮށްފައިވާތީ، ކޮމެޓީން މިއަދު ވަނީ އެމްޕީއެލް އަދި އިކޮނޮމިކް މިނިސްޓްރީއާ ބައްދަލުކޮށްފަ އެވެ.

ތަފްސީލް - އެ މައްސަލާގައި އިގްތިސޯދީ ކޮމެޓީން ވަނީ ޓްރޭޑް އެސޯސިއޭޝަނާ އިއްޔެ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެ ޖަމްއިއްޔާ އިން ބުނެފައި ވަނީ:

  • ދިވެހި ރުފިޔާއިން ނަގަމުން ދިޔަ ސްޓީވްޑޯރިން ޗާޖު އެޕްރީލް މަހުން ފެށިގެން ޑޮލަރުން ނެގުމަށް ނިންމީ ވިޔަފާރިވެރިންނާ މަޝްވަރާކުރުމެއް ނެތި

  • ބަދަލު ގެނައުމުގެ ކުރިން ވިޔަފާރިވެރިންނަށް އެކަށީގެންވާ މުއްދަތެއް ނުދޭ

  • ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ އެކު، މުދާ އެތެރެކުރާ ފަރާތްތަކުން ދިވެހި ފައިސާއިން ދައްކަމުން ދިޔަ ފީތައް ޑޮލަރުން ދައްކަން ޖެހުމުން ވިޔަފާރިވެރިންނަށް ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވާނެ 

އެ ޖަމްއިއްޔާ އިން ބުނީ ރާއްޖޭގެ ބޭންކުތަކުން ވިޔަފާރިވެރިންނަށް ވެސް ބޭނުންވާ ވަރަށް ޑޮލަރު ގަންނަން ލިބެން ނުހުންނަ ކަމަށެވެ. އަދި ޑޮލަރުން ފީ ދައްކަން ޖެހުމުގެ ސަބަބުން ވިޔަފާރިވެރިންނަށް ޖެހޭނީ ބޮޑު އަގުދީގެން ޑޮލަރު ގަންނަން ކަން ފާހަގަކޮށް އެ ޖަމްއިއްޔާ އިން ބުނެފައިވަނީ އެއީ މުދަލުގެ އަގު އުފުލޭނެ ކަމެއް ކަމަށެވެ. އިގްތިސޯދީ ގޮތުން ދަތި ދުވަސްވަރެއްގައި، ހާއްސަކޮށް ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިއީ ގެނައުން އެންމެ ރަނގަޅު ބަދަލެއް ނޫންކަން ވެސް އެ ޖަމްއިއްޔާ އިން ފާހަގަކޮށްފައިވެ އެވެ.

އެމްޕީއެލްގެ ބަސް - މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދީ މައި ދެ ދޮރާށި ކަމަށްވާ އެމްޕީއެލް އާއި އެމްއޭސީއެލް އިން ވެސް ޓެރިފް ނަގާނީ ޑޮލަރުން ކަމަށް އެންމެ ކުރީއްސުރެ ނިންމާފައި އޮންނަ ކަމަށެވެ.

"އެޕްލީއެލް އުފެދުނީއްސުރެ ވެސް ޓެރިފްގައި ހިމެނިފައި އޮތީ ޕޭމެންޓު ދައްކަން ޖެހޭނީ ޑޮލަރުންނޭ. ސަބަބަކީ އަޅުގަނޑުމެން ޑީލް ކުރަނީ އިންޓަނޭޝަނަލް ކަސްޓަމަރުންނާ، ވެސެލްސް [އުޅަނދު]ތަކާ. އެގޮތުން އެ ޕްރެކްޓިސް ކުރަމުން ގޮސް 2011 ވަނަ އަހަރު އޮތް ސަރުކާރުން ނިންމެވީ ޑޮލަރުން ނަގަމުން އައި ފީ ރުފިޔާއަށް ބަދަލު ކުރަން،" ވަޖީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު ވެސް އަދި މިހާރު ވެސް ސްޓީވްޑޯރިން ޗާޖު ނަގާނީ ޑޮލަރުން ކަމަށް އެމްޕީއެލްގެ ޓެރިފްގައި ހިމަނާފައިވާ ކަމަށެވެ.

"ރާއްޖެއަށް އިމްޕޯޓު ކުރާ މުދާ ގެެނައުމަށް ކޮންސައިނީސް [މުދާ ގެންނަ ފަރާތްތައް] ރާއްޖެއިން ބޭރަށް މުދާ ގަންނަން އޯޑަރު ފޮނުވާއިރުގައި މުދަލުގެ އަގުގެ އިތުރަށް ފްރައިޓު ޗާޖުގެ ގޮތުގައި ލާރި ދައްކަން ޖެހޭ. އެ ލާރި ދައްކަން ޖެހެނީ ޑޮލަރުން. އެ ލާރި ދެއްކުމަށް ފަހު ސީއައިއެފް އަގުގައި މުދާ ގެނެވެނީ،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ:

  • ރާއްޖެއިން ބޭރުގައި ހުންނަ އެޖެންޓުގެ ބޯޓު ރާއްޖެ އަންނާތީ ޕޯޓުން ދޭ ހިދުމަތަށް އޭނާ ރާއްޖެއަށް ފައިސާ ފޮނުވާނީ ޑޮލަރުން ކަމަށް

  • އެ ފައިސާ ރާއްޖޭގައި ހުންނަ އެޖެންޓަށް ފޮނުވުމުން، އެ އެޖެންޓު ރާއްޖޭގެ ކަޅު ބާޒާރަށް އެ ޑޮލަރު ވިއްކާފައި އެމްޕީއެލްއަށް ފައިސާ ދައްކަނީ ރުފިޔާ އިން ކަމަށް

އެމްޕީއެލް އިން ޑޮލަރުން ފީ ބަލައިގަންނަން ފެށީ ޑޮލަރުގެ ބްލެކު މާކެޓު ހުއްޓުވައި އެމްޕީއެލްއަށް ލިބެން ޖެހޭ އާމްދަނީ އެ ނޫން ބޭރުގެ ބަޔަކު ބޭނުންކުރާތީ އެކަން ހުއްޓުވުމަށް ކަމަށް ވަޖީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ:

  • ރާއްޖޭގައި ޝިޕިން އެޖެންޓުންގެ ގޮތުގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަނީ އެއް ކުންފުންޏެއް ކަމަށް

  • އެއީ ސަރުކާރުގެ ކުންފުނި އެމްއެސްއެސްގެ އިތުރުން ޓީޓީއެސް ކަމަށް

  • ޑޮލަރުން ފީ ނަގަން ނިންމީ އެ ދެ ކުންފުންޏާ ވާހަކަދައްކައި މަޝްވަރާ ކުރުމަށް ފަހު އެ ކަމަށް ތައްޔާރުވުމަށް ދޮޅު މަހުގެ މުއްދަތެއް ވެސް ދިނުމަށް ފަހު ކަމަށް

މިއަދުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އޮފިޝަލް ވިދާޅުވީ، އެމްޕީއެލްއާ އެކު އެ މިނިސްޓްރީން އެކަމާ ގުޅޭ ގުޅޭ މަޝްވަރާތައް 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ ކަމަށެވެ.

"އޭގެ ފަހުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ އަނެއްކާ ވެސް ހުށަހެޅިގެެން ދިޔައީ އެމްޕީއެލް އަށް ބޭނުންވާ ޑޮލަރު ލިބުމުގައި ތާށިވެެގެން އެކަން އަވަހަށް ހައްލު ކުރުމަށް ހުށަހެޅުނު ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްއާ އެކު މަޝްވަރާ ކުރުމަށް ފަހު އެ ކުންފުންޏަށް ހުރި ދަތިތަކާއި ސްޓީވްޑޯރިން ޗާޖު ނަގާ ގޮތް ސާފުކޮށް، އެމްޕީއެލްގެ ވިޔަފާރިއާ ގުޅުން ހުރި ކަމެއް ކަމަށް ގަބޫލުކުރާތީ އެ ޗާޖު ޑޮލަރުން ނެގުމުން މައްސަލައެއް ނެތް ކަމަށް އެމްޕީއެލްއަށް އަންގާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

ކޮމެންޓް (3)

ނިއުމާ

2 ޖުލައި 2024
ދިވެހިރާއްޖޭގައި ކުރާފިޔަފާރީތަކުގެ މުއާމަލާތްކުރަންޖެހެނީ ދިވެހިރުފިޔާއިން. ބޭރުންގަނަން ތަކެއްޗަށާ ފްރައިޓަށް ދައްކަންޖެހޭ ފައިސާ ޑޮލަރުން ދައްކަންޖެހުމާ މިކަމަމިއީ މުޅިން ދެކަމެއް. އަވަށްޓެރި ގައުމުތަކަށްގޮސް ވިޔަފާރީ މުއާމަލާތްތައް ކުރަނީ ޑޮލަރުންތޯ ނޫނީ އެގައުމެއްގެ ފައިސާއިންތޯ ބައްލަވާލިންތޯ. އޭޝިއާ ބައްރުގައި ހަމައެކަނި އަމިއްލަ ފައިސާ ކުރިނާރުވާ ގައުމަކަށް މިއޮތީ ދިވެހިރާއްޖެ. މިއީވެސް ބާރުގަދަ ބަޔަކު އަމިއްލަ އެދުން އިސްކޮށްގެން ބޭރުފައިސާ ކޮންޓްރޯލްކުރުމަށް ކުރާކަމެއް.
0 0

ސިކުނޑި

1 ޖުލައި 2024
ތިކަމުގައި ގޯހެއް އޮތް ކަމަކަށް ނުބެލެވޭ! ދެރަކަމަކީ މަޖިލީހުގެ ކޮމިޓީއަކުން ތިކަހަލަ ދެކޮޅުނުޖެހޭ ކަންތައް ކުރުމަށް ވަގުތު ބޭކާރުކުރާތީ! މަގުމަތީން ދާ މީހަކު ކެއްސާލާއިރަށް ސިއްހަތާއިބެހޭ ވަޒީރު ގެންނާކަށް ނުޖެހޭނެ! މަޖިލީހުން ކުރަންޖެހޭ ވަރުގެ ކަންކަން މަޖިލީހަށް ނޭނގެންޏާ މިކަހަލަ ކަންކަން ދިމާވާނެ! އިގްތިސާދީ އަދި އިޖުތިމާޢީ މައްސަލަތަކަށް ހައްލު ހޯދައިދޭންޖެހޭނީ ގާނޫނާއި ގަވައިދުގެ ތެރެއިން! އެކަންކުރެވޭތޯ ބައްލަންވަންވީ!
0 0

ބޯބައި

2 ޖުލައި 2024
@ސިކުނޑި ސިކުޑި ބުނިހެން މަޖިލީހުން ކުރަންޖެހޭ ކަންތައް ނިކަން ދަސްކޮށްބަލަ. ސާބަސް މޕލ ވަޖީހު. ގަވާއިދުން ގާނޫނާއި އެއްގޮތަށް ތިކުރައްވާ ކަންތައް ކުރިއަށް ގެންދަވާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް