މީހަކު ޑޮލަރުތަކެއް ގުނަނީ: ޑޮލަރުގެ ތާށިކަން ވަނީ ބޮޑުވެފައި --

ބޭރުގައި ކިޔަވާ ކުދިންނަށް ވިއްކާ ޑޮލަރުގެ އަދަދަށް ބޮޑު ބަދަލެއް

މިއަހަރުގެ ސްކޫލް ބޮޑު ޗުއްޓީ އާއި ހައްޖު މޫސުމާ ދިމާކޮށް ޓޫރިޒަމްގެ އޮފް ސީޒަން ކުރިމަތިވެ ޑޮލަރު ލިބޭވަރު މަދުވުމާ އެކު ބޭންކުތަކަށް ވެސް ވަނީ ޑޮލަރުގެ ތާށިކަން ބޮޑުވެފައި

ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް ވިއްކާ ޑޮލަރުގެ އަދަދަށް ބަދަލު ގެންނަކަން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންގައިފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްއިން މިދިޔަ ބުދަ ދުވަހު ބޭރުގައި ކިޔަވާ ކުދިންނަށް ފޮނުވި އީމެއިލްއެއްގައި ބުނެފައި ވަނީ ސްޓައިޕްއެންޑް ނުވަތަ ދިރިއުޅުމުގެ ހަރަދުތައް ކުރުމަށް މިހާރު ބޭރުގައި ކިޔަވާ ކޮންމެ ކުއްޖަކަށް ވިއްކަމުން އަންނަ 1،000 ޑޮލަރުގެ ބަދަލުގައި ދެން ވިއްކާނީ ބޭރުގައި ކިޔަވާ ކުދިންނަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ސްޓައިޕްއެންޑަށް ދޭން ކަނޑައަޅާފައިވާ އަދަދު ކަމަށެވެ. 

ތަފްސީލް - މި ދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ އުސޫލަށް އަމަލު ކުރާނޭ ކަމަށް އީމެއިލްގައި ބުނެފައިވާއިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ރޭޓުގައި ސްޓައިޕްއެންޑް ދޭ ނަމަ، 1،000 ޑޮލަރަށް ވުރެ ވަރަށް ގިނަ ގައުމުތަކަށް ދޭ އަދަދު ކުޑަވާނެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެކި ގައުމުތަކަށް ސްޓައިޕްއެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ތަފާތެވެ. އެގޮތުން އާންމުކޮށް ދިވެހި ކިޔަވާ ކުދިން ތިބޭ: 

  • މެލޭޝިޔާއަށް - 416 ޑޮލަރު 

  • އިންޑިއާއަށް - 440 ޑޮލަރު 

  • ލަންކާއަށް - 450 ޑޮލަރު

ބޭންކުގެ ބަސް - އެފަދަ އީމެއިލްއެއް ފޮނުވިކަން ބީއެމްއެލްއިން 'ދައުރު'އަށް ކަށަވަރުކޮށްދިނެވެ.

ބޭންކުން ބުނީ ކަސްޓަމަރުންނާއި އެމްއެމްއޭ އިން ބީއެމްއެލްއަށް ގަންނަން ލިބުނު ޑޮލަރުގެ އަދަދަށްވުރެ 333 މިލިއަން ޑޮލަރު އިތުރަށް މިހާރު ވެސް ވިއްކާފައިވާ ކަމަށެވެ. އަދި ބުނީ:

  • ބޭންކަށް ގަންނަން ލިބެން ނެތް ޑޮލަރެއް މިގޮތަށް ވިއްކަމުން ދިޔުމަކީ ދެމެހެއްޓެނެވި ކަމަކަށް ނުވާނެ 

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މިފަހުން ވިދާޅުވެފައި ވަނީ ބޭންކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވަންދެން މާލީ ހާލަތާއި ރިސްކްތަކަށް ހުށަހެޅޭ މިންވަރު ކުޑަކުރުމަށްޓަކައި އުދަނގޫ ނިންމުންތަކެއް ބޭންކަށް ނިންމަން މަޖުބޫރުވެދާނެ ކަމަށެވެ. 

ފާހަގަކޮށްލެވޭ - ދަރިވަރުންނަށް ދޭ ޑޮލަރުގެ އަދަދަށް ބަދަލެއް ގެނައި ނަމަވެސް ޔުނިވަސިޓީގެ ކޯސް ފީ އާއި ޓިއުޝަން ފީ ދެއްކުމަށް މިހާރު ވެސް ޓީޓީ މެދުވެރިކޮށް ދަރިވަރުންނަށް ފޯރުކޮށްދޭ ޑޮލަރުގެ އެހީތެރިކަމަށް ބޭންކުން ބަދަލު ގެނެސްފައެއް ނުވެ އެވެ.

މިއަހަރުގެ ސްކޫލް ބޮޑު ޗުއްޓީ އާއި ހައްޖު މޫސުމާ ދިމާކޮށް ޓޫރިޒަމްގެ އޮފް ސީޒަން ކުރިމަތިވެ ޑޮލަރު ލިބޭވަރު މަދުވުމާ އެކު ޑޮލަރުގެ އަގު ބްލެކް މާކެޓުގައި ވަނީ 18ރ. އަށް ވުރެ މައްޗަށް އަރައިފަ އެވެ.

ކޮމެންޓް (1)

ޢަދުރޭ

25 ޖޫން 2024
އަހަރެންގެ ހިސާބުން ދައްކާ ގޮތުގަ ފޯރާ ޑޮލަރު ލިބޭ ފަރާތް ތަކުން ކިޔަވަން ފޮނުވާ ކުދިންނަށް މީކީ ދޭންޖެހޭ އެއްޗެއްނޫން. އެޔީ އަމިއްލަޚަރަދުގަ ކިޔަވަން މިފޮނުވަނީ ފޯރުންތެރި ފަރާތްތަކުން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް