މަންޓާ އެއާ އިން އިންޑިއާގެ ބެންގަލޫރުން ދާލު އެއާޕޯޓަށް ސީދާ ދަތުރުތައް ފެށުން (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ޓޫރިސްޓުން

އެމްއެމްޕީއާރުސީ އާއި މަންޓާ އެއާ ގުޅިގެން ބެންގަލޫރުގައި ރާއްޖެ އިޝްތިހާރު ކުރަނީ

ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގެ ބައިވެރިވުމާ އެކު ކުރިއަށް ގެންދާ އެ ހަރަކާތުގައި އިންޑިއާ މާކެޓަށް ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު ލިބޭނެ

އެމްއެމްޕީއާރުސީ އާއި މަންޓާ އެއާ ގުޅިގެން އިންޑިއާގެ ބެންގަލޫރުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ރޯޑް ޝޯއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީ އާއި މަންޓާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ އިޝްތިހާރު ކުރުމަށް ބާއްވާ ރޯޑް ޝޯ ކުރިއަށް ދާނީ ބެންގަލޫރުގައި ހުންނަ ޝަންގްރިލާ ހޮޓެލްގައި މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

ތަފްސީލް - ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގެ ބައިވެރިވުމާ އެކު އޮންނަ ހަރަކާތުގައި އިންޑިއާ މާކެޓަށް ރާއްޖެ އިޝްތިހާރުކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކު ގުޅުން ބަދަހިކުރުމުގެ ފުރުސަތު އިންޑިއާގެ ހޮސްޕިޓަލިޓީ ދާއިރާގެ އިސް ފަރާތްތަކަށް ލިބޭނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

މި ރޯޑް ޝޯގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވާނެ ކަމަށް މަންޓާ އެއާ އަދި އެމްއެމްޕީއާރުސީ އިން ދެކެ އެވެ.

ރާއްޖެއަކީ ޕްރިމިއާ މާކެޓެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ އެ ހަރަކާތުގައި ދެ ގައުމުގެ 150އަށް ވުރެ ގިނަ ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުން އަދި މަންދޫބުން ބައިވެރިވާނެ އެވެ.

މި ރޯޑްޝޯގައި ބައިވެރިވާ ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ކުންފުނިތަކުގެ ތެރޭގައި:

  • ޔުނިވާސަލް ރިސޯޓްސް

  • މައިނާ ހޮޓެލްސް

  • އެންއެޗް ކަލެކްޝަން

  • އެޓްމޮސްޕިއާ ހޮޓެލްސް އެންޑް ރިސޯޓްސް

  • ސަން ސިޔާމް ރިސޯޓްސް

  • ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް

  • ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް

  • އޭއޭއޭ ހޮޓެލްސް އެންޑް ރިސޯޓްސް

  • އަންގްސަނާ

  • ކޯމޯ

  • ރިއޫ

މި ކުންފުނިތަކުގެ އިތުރުން ވެސް ރާއްޖޭގެ އެހެން ބައެއް ރިސޯޓުތަކާއި ގެސްޓު ހައިސްތަކުން މި ރޯޑް ޝޯގައި ބައިވެރިވެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރާނެ ކަމަށް އެމްއެމްޕީއާރުސީ އާއި މަންޓާ އެއާއިން ބުންޏެވެ.

ބުނީ ކީކޭ؟ - އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެއް ކަމަށާއި އެ ގައުމުގެ ފަތުރުވެރިން ރާއްޖެއަށް މުހިއްމު ކަމަށެވެ.

"މި ހަރަކާތަކީ އިންޑިއާ މާކެޓަށް ރާއްޖެ އިޝްތިހާރުކޮށް އެ ގައުމުގެ ޓްރެވަލް އެޖެންޓުންނާ ގުޅުން ބަދަހިކުރުމަށް މުހިއްމު އިވެންޓެއް،" ޝިއުރީ ވިދާޅުވި އެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްގީކޮށް ހަރުދަނާ ކުރުމަށް ވެސް މިއީ މުހިއްމު ހަރަކާތެއް. ހާއްސަކޮށް އިންޑިއާ މާކެޓާ އެކު އޮންނަ ގުޅުން ހަރުދަނާކޮށް އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް މި ރޯޑް ޝޯ މުހިއްމު ދައުރެއް އަދާކުރާނެ."

އެނގުން މުހިއްމު - މަންޓާ އެއާއާ ގުޅިގެން އެމްއެމްޕީއާރުސީ އިން އިންޑިއާގެ ބެންގަލޫރުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު މަންޓާ އެއާ އިން އަންނަނީ ބެންގަލޫރާއި ދ. ކުޑަހުވަދޫގައި ހިންގާ ދާލު އެއާޕޯޓާ ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ.

ފާހަގަކުރެވޭ - އިންޑިއާއަކީ ފާއިތުވި ތިން އަހަރު ވެސް ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓެކެވެ. މި އަހަރު އިންޑިއާ އިން އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ ދެތިން އަހަރާ އަޅާ ބަލާއިރު މަދުވީ ސޯޝަލް މީޑިއާގައި އިންޑިއާ މީހުންނާއި ދިވެހިންނާ ދެމެދު ބަދަލުކުރި ޒުވާބުތަކުގައި ރާއްޖެ ބޮއިކޮޓްކުރަން އިންޑިއާގެ އެތައް ބަޔަކު ގޮވާލުމުންނެވެ. 

ކޮމެންޓް (1)

މަގޭބުނީ

22 ޖޫން 2024
މިކަންތައް އެންމެބޮޑަށް ގޯސްކުރި 3 މީހުންނަށް ސަރުކާރުކާރުގެ މުސާރަލިބޭގޮތަށް އެތިބެނީ ގޭގަ، އެންޓި އިންޑިއާ ފަތުރަން.....
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް