ފުޑް ކާނިވަލްގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖެއްސުން (ފޮޓޯ/ދިރާގު)
ފުޑް ކާނިވަލްގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
އަންނަ މަހުގެ 3 އިން 7އަށް ހުޅުމާލޭގައި ބާއްވާ ފުޑް ކާނިވަލުގެ އެކްސްކުލޫސިވް ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - މިއީ ފަސް ދުވަހުގެ މުއްދަތަށް ކުލަގަދަ ފެސްޓިވަލެއްގެ ގޮތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ ކާނިވަލެކެވެ.
ތަފްސީލް - ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސް ގުޅިގެން ބާއްވާ މި ހަރަކާތުގައި ތަފާތު ކާބޯތަކެތި ވިއްކާ ގިނަ ވިޔަފާރިތަކަކުން ބައިވެރިވެ އެވެ.
ފުޑް ކާނިވަލަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ކާބޯތަކެތީގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސް، އެ ފަރާތްތަކުގެ ހުށަހެޅުންތައް އާންމުންނަށް ދައްކާލުމުގެ ފުރުސަތު ލިބޭ އިވެންޓެކެވެ.
ކާބޯތަކެތީގެ އިތުރުން ފުޑް ކާނިވަލްގެ ތެރެއިން ތަފާތު ގޭމްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށްދާނެ އެވެ.
ބުނީ ކީކޭ؟ - ދިރާގުގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ މި އަހަރު ވެސް މޯލްޑިވްސް ފުޑް ކާނިވަލް 'ޕަވާޑް ބައި ދިރާގު'ގެ ޕާޓްނަރެއްގެ ގޮތުގައި މި ފޯރިގަދަ އިވެންޓް އާންމުންނާ ހަމައަށް ގެނެސްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ހަރަކާތުގައި ދިވެހި އަދި ބައިނަލްއަގްވާމީ ތަފާތު ކާބޯތަކެތީގެ އިތުރުން އާޓްސް އެންޑް ކްރާފްޓް، ކުޅިވަރު އަދި މުނިފޫހިފިލުވުގެ ތަފާތު ސްޓޯލްތައް ހުންނާނެ. މިއީ އާއިލާ އާއި ރައްޓެހިންނާ އެކު ތަފާތު ތަޖުރިބާއެއް ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް،" ޖައިޝަން ވިދާޅުވި އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގައި ދިރިއުޅޭ މީހުންނަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭ މުނިފޫހިފިލުވުމާއި އިޖްތިމާއީ ހަރަކާތްތަކަށް އެއްބާރުލުންދިނުމަށް ކަމަށެވެ.