މީރާ ހުންނަ އިމާރާތް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މީރާ

މެއި މަހު މީރާއަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިދިއަ އަހަރުގެ މޭ މަހު ލިބުނު އާމްދަނީއަށް ވުރެ މިދިއަ މަހުގެ އާމްދަނީ %4.8 ދަށް

މިދިޔަ މެއި މަހު ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް 1.66 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އިދާރާގެ ހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - މީރާއިން އާންމުކުރި މެއި މަހުގެ ހިސާބުތައް ދައްކާ ގޮތުން އެ މަހު ލިބުނު އާމްދަނީއަކީ އެ މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ %0.8 އިތުރު އަދަދެކެވެ. ނަމަވެސް މިއީ މޭ 2023ގައި މީރާއަށް ލިބުނު އާމްދަނީއާ އަޅާބަލާއިރު %4.8 ދަށް އާމްދަނީއެކެވެ.

ވީއައިއޭގެ ޑިޕާޗާ ޓާމިނަލް ކައިރީ ފަސިންޖަރުންތަކެއް. މިިދޔަ އަހަރާ އަޅާބަލާއިރު ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ %0.3 މަދުވެފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ތަފްސީލް - މީރާއިން ބުނީ މި އަހަރުގެ މެއި މަހު ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށްވީ ކޯޕަރޭޓް އިންކަމް ޓެކްސް އާއި ޖީއެސްޓީ އަދި އެއާޕޯޓު ޓެކްސްތަކާއި ފީތަކުގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުމުން ކަމަށެވެ.

މީރާގެ ހިސާބުތަކަށް ބަލާއިރު މެއި މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީ އިންނެވެ. އެއީ ޖުމްލަ އާމްދަނީގެ %66.19 އެވެ.

މިދިޔަ މަހު އެންމެ ގިނަ އާމްދަނީ ލިބުނީ:

  • ޖީއެސްޓީ: 1 ބިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %66.19)

  • އިންކަމް ޓެކްސް: 149 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %9)

  • އެއާޕޯޓު ޑިވެލޮޕްމެންޓް ފީ: 96 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5.83)

  • ޑިޕާޗާ ޓެކްސް: 93 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5.66)

  • ގްރީން ޓެކްސް: 85 މިލިއަން ރުފިޔާ (ޖުމްލަ އާމްދަނީގެ %5.15)

މިދިޔަ މަހު މީރާއަށް ޑޮލަރުގެ ގޮތުގައި ލިބުނު މިންވަރު 66.57 މިލިއަން ޑޮލަރަށް އަރަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް