މިރާގެ އޮފީހުން ބަޔަކަށް ހިދުމަތް ދެނީ: މީރާއިން ބުނަނީ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައްޗަށް އަޅާ ފިޔަވަޅުތައް ކާމިޔާބު ކަމަށް (ފޮޓޯ/ދައުރު)

ޓެކްސް

200 އަށް ވުރެ ގިނަ އެކައުންޓް ފްރީޒްކޮށް 90 މިލިއަން ރުފިޔާ ހޯދައިފި

ޓެކްސް ނުދައްކާ ފަރާތްތަކަށް އެކި ފިޔަވަޅުތައް އަޅައިގެން މިދިޔަ އަހަރު 17،000 ފަރާތަކެއްގެ އަތުން ދައުލަތަށް ވަނީ 3.9 ބިލިއަން ރުފިޔާ ހޯދިފައި

ޓެކްސް ނުދައްކައިގެން މިދިޔަ އަހަރުގެ ތެރޭ 200 އަށް ވުރެ ގިނަ ފަރާތުގެ ބޭންކް އެކައުންޓް ފްރީޒްކޮށް 90 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް ޓެކްސް އިދާރާ، މީރާގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު މީރާއިން އާންމުކުރި އެ އިދާރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ހުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި:

  • ޓެކްސް ނުދައްކައިގެން ނޯޓިސް ދިނުމުން ވެސް ފައިސާ ނުދެއްކި 285 ފަރާތެއްގެ ބޭންކް އެކައުންޓް މިދިޔަ އަހަރުގެ ތެރޭ ވަނީ ފްރީޒްކޮށްފައި

  • ފްރީޒް ކުރި އެކައުންޓްތަކުން 90.3 މިލިއަން ރުފިޔާ މީރާއަށް ވަނީ ހޯދިފައި 

ތަފްސީލް - މީގެ އިތުރަށް އެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ޓެކްސް ނުދެއްކި 17،054 ފަރާތެއްގެ މައްޗަށް މީރާއިން ވަނީ މިދިޔަ އަހަރު ފިޔަވަޅު އަޅައިފަ އެވެ. އެ ފިޔަވަޅުތަކާާ ގުޅިގެން ޓެކްސްގެ ގޮތުގައި ނުދައްކާހުރި ފައިސާއިން 3.9 ބިލިއަން ރުފިޔާ ވަނީ މިދިޔަ އަހަރު ރިކަވާ ކުރެވިފައި ކަަމަށް ރިޕޯޓްގައިވެ އެވެ.

އެންމެ ގިނައިން އެޅި ފިޔަވަޅަކީ ޓެކްސް ނުދައްކާ ހުރި ފަރާތްތަކަށް ޓެކްސް ދައްކަން ނޯޓިސް ފޮނުވައިގެން ފައިސާ ހޯދުން ކަމަށް ރިޕޯޓްގައި ބުނެ އެވެ. އެގޮތުން:

  • ފައިސާ ދައްކަން 10،013 ފަރާތަކަށް އިންޒާރުގެ ނޯޓިސް ފޮނުވި

  • އެ ނޯޓިސްތަކާ ގުޅިގެން 2.2 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ހޯދިފައި 

ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ޓެކުހުގެ ގޮތުގައި ނުދައްކާހުރި ފައިސާ 6،234 ފަރާތަކުން ވަނީ އަމިއްލަ އިސްނެގުމުގައި މިދިޔަ އަހަރު މީރާއަށް ދައްކައިފަ އެވެ. އެގޮތުން، އެ ފަރާތްތަކުން 1.4 ބިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ. 

ނަން އާންމުކޮށްގެން 245 މިލިއަން ރުފިޔާ ހޯދުނު

މީރާއިން ބުނި ގޮތުގައި އެ އިދާރާއިން ގެންގުޅޭ ނޭމް އެންޑް ޝޭމް ނުވަތަ ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން އާންމުކޮށް އިއުލާންކުރުމުގެ ސިޔާސަތުގެ ދަށުން 473 ފަރާތަކުން ވަނީ ނުދައްކާ ހުރި ޓެކުހުގެ ފައިސާ ދައްކައިފަ އެވެ. އެގޮތުން 259.5 މިލިއަން ރުފިޔާ ވަނީ އެ ފަރާތްތަކުން ދައްކައިފަ އެވެ. 

ޓެކްސް ނުދައްކާ ފަރާތެއްފގެ ނަން މީރާގެ ނޯޓިސް ބޯޑުގައި އާންމުކޮށްފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މީގެ އިތުރުން ޓެކްސް ދެއްކުމަށް ގުޅައި އީމެއިލް މެދުވެރިކޮށް ކުރެވުނު މުއާމަލާތްތަކުން 32 ފަރާތަކުން ނުދައްކާ ހުރި ޓެކުހުގެ ފައިސާ ވަނީ ދައްކައިފަ އެވެ. އެގޮތުން: 

  • 3.4 މިލިއަން ރުފިޔާ ރިކަވާ ކުރެވުނު

  • ކޯޓަށް ގޮސްގެން ނުވަތަ ގާނޫނީ ފިޔަވަޅު އަޅައިގެން ޓެކްސް ނުދައްކާ ތިބި 20 ފަރާތަކުން މިދިޔަ އަހަރު ފައިސާ ދެއްކި

  • އެ ފަރާތްތަކުން 335،429ރ. ވަނީ ދައުލަތަށް ރިކަވާ ކުރެވިފައި 

ބަހާލައިގެން ޓެކްސް ދައްކަން ގިނަ ފަރާތްތަކަށް ފުރުސަތު

މީރާއިން މިދިޔަ އަހަރު ވަނީ ޓެކްސްގެ ނުދައްކާހުރި ފަރާތްތަކުގެ ތެރެއިން 795 ފަރާތަކަށް ފައިސާ ބަހާލައިގެން ދައްކަން މުޅިން އަލަށް ފުރުސަތު ދީފަ އެވެ. އެ ފަރާތްތަކުން ނުދައްކާހުރި ފައިސާގެ އަދަދު 1.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މީރާގެ ރިޕޯޓްގައި ފާހަގަކުރި އެވެ. ރިޕޯޓްގައި ބުނި ގޮތުގައި:

  • އޭގެ ތެރެއިން މިދިޔަ އަހަރު ތެރޭ ލިބުނީ 3.92 މިލިއަން ރުފިޔާ

ބަހާލައިގެން ފައިސާ ދައްކަން ފުރުސަތު ދީފައިވާ ފަރާތްތަކުގެ ތެރެއިން 3،123 ފަރާތަކުން މިދިޔަ އަހަރު މީރާއަށް ފައިސާ ދެއްކި ކަމަށް ރިޕޯޓްގައިވެ އެވެ. އަދި ބުނީ އެ ފަރާތްތަކުގެ އަތުން 1.2 ބިލިއަން ރުފިޔާ މީރާއަށް ވަނީ މިދިޔަ އަހަރު ލިބިފައި ކަަމަށެވެ. 

ކޮމެންޓް (1)

ހިތަދޫ 2

18 ޖޫން 2024
ސަރުކާރު ކުންފުނިތަކުން އަމިއްލަ ވިޔަފާރިތަކަށް އަހަރު ތަކެއް ލާރީ ނުދީ ހުއްޓަސް އޯކޭ، އިންޓްރެސްޓްވެސް ދޭކައް ނުޖެހޭ.. ތާހިރު؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް