ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު. ސޮވެރިން ފަންޑު މިލިއަން ޑޮލަރަށް އިތުރު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވި (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

ސޮވަރިން ފަންޑް

އަހަރު ނިމޭއިރު ސޮވެރިން ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރުމަކީ އަމާޒު: ޝަފީގު

އެސްޑީއެފްއަކީ ރާއްޖެއިން ބޭރުން ނަގާ ލޯނުތައް ދެއްކުމަށްޓަކައި ފައިސާ ޖަމާކުރުމަށް 2017 ވަނަ އަހަރު އުފެއްދި ފަންޑެއް؛ ކޮވިޑް ދުވަސް ވަރު ރާއްޖެއަށް އާމްދަނީ ލިބުން ހުއްޓުމުން، އެ ފަންޑުގައި ހުރި ޑޮލަރު އޭރުގެ ސަރުކާރުން ވަނީ މާރުކޮށްފައި

މި އަހަރު ނިމޭއިރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި 100 މިލިއަން ޑޮލަރު ބެހެއްޓުމަކީ އަމާޒު ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު އެ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރު ބަދަލުވި އިރު ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރު ކަމަށެވެ.

ތަފްސީލް - "އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ވެސް ބިލްޑުކުރެވޭތޯ. 17 ނޮވެމްބަރުގައި 2 މިލިއަންގައި ހުރި ފަންޑު މިއަދާ ހަމައަށް އައި އިރު މިވަނީ އެ ފަންޑު 50 މިލިއަން ޑޮލަރަށް އިތުރު ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ އަމާޒަކީ އަހަރު ނިމޭއިރު އެ ފަންޑު 100 މިލިއަން ޑޮލަރަށް އިތުރު ކުރުން ކަމަށެވެ. 

އެސްޑީއެފްއަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު، ރާއްޖެއިން ބޭރުން ނަގާ ލޯނުތައް ދެއްކުމަށްޓަކައި ފައިސާ ޖަމާކުރުމަށް އުފެއްދި ފަންޑެކެވެ. ކޮވިޑް ދުވަސް ވަރު ރާއްޖެއަށް އާމްދަނީ ލިބުން ހުއްޓުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ވަނީ އެ ފަންޑުގައި ހުރި ޑޮލަރުތައް މާރުކޮށްފަ އެވެ.

އެނގުން މުހިއްމު - މި އަހަރު އެކަނި ވެސް ބޭރުގެ ދަރަނި އަދާ ކުރުމަށް 500 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އަދި އަންނަ އަހަރު ވެސް އެ އަދަދު އަދި 2026 ވަނަ އަހަރު 1 ބިލިއަން ޑޮަލަރު ދަރަނި އަދާ ކުރުމަށް ދައްކަން ޖެހެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް