ރޯޔަލް މެއިލްގެ މުވައްޒަފަކު ޕާރުސަލްތަކެއް ޑެލިވާކުރުމުގެ މަސައްކަތް ކުރަނީ

އިނިގރޭސިވިލާތް

ވެލާ ރިސޯޓްގެ ހިއްސާދާރަކު ޔޫކޭގެ ރޯޔަލް މެއިލް ގަންނަނީ

ކްރިޓިންސްކީ އަކީ ޔޫރަޕުގެ އެނާޖީ ކުންފުނިތަކާއި ރީޓެއިލް ވިޔަފާރިތަކުގެ އިތުރުން ފުޓްބޯޅަ ކްލަބުތަކުގައި ވެސް ހިއްސާ އޮންނަ މަހުޖަނެއް

އިނގިރޭސިވިލާތުގެ މައި ޕޯސްޓަލް ކުންފުނި ރޯޔަަލް މެއިލް ބައްލަވައިގަންނަން، ރާއްޖޭގައި ހިންގާ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ވެލާ ޕްރައިވެޓު އައިލެންޑުގެ އެއް ހިއްސާދާރު ޑޭނިއަލް ކްރިޓިންސްކީ ހުށަހަޅުއްވައިފި އެވެ. 

ވީ ކިހިނެއް؟ - ބީބީސީ އިން ރިޕޯޓުކޮށްފައިވާގޮތުން ރޯޔަލް މެއިލްގެ ބޯޑުން ވަނީ މި ވިޔަފާރި މުއާމަލާތް ކުރިއަށް ގެންދަން ނިންމައިފަ އެވެ. މިއާއެކު 500 އަަހަރަށް ވުރެ ގިނަ ދުވަސްވީ ކުންފުނި، މަހުޖަނު ކްރިޓިންސްކީ ބައްލަވައިގަންނަވާނީ 5 ބިލިއަން ޕައުންޑު (6.3 ބިލިއަން ޑޮލަރު) އަށެވެ.

އޭނާގެ އެ ހުށަހެޅުން އެ ކުންފުނިން ވަނީ ގަބޫލުކޮށްފަ އެވެ. 

ތަފްސީލް - ރޯޔަލް މެއިލް ވިއްކާލާއިރު އެ ކުންފުނީގައި 150،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ކްރިޓިންސްކީ ވިދާޅުވީ ރޯޔަލް މެއިލް ކުންފުނީގެ ދިގު ތާރީހަށް އިހުތިރާމު ކުރައްވާ ކަމަށާއި ކުންފުނީގެ ސަގާފަތްތަކަށް ވެސް އޭނާ އިހުތިރާމު ކުރައްވާ ކަމަށެވެ.

ރޯޔަލް މެއިލް ކުންފުނި ވިއްކާލި ނަމަވެސް، އެ ކުންފުނީގެ ނަމާއި ބްރޭންޑު އަދި އިނގިރޭސިވިލާތުގައި ހުންނަ އެ ކުންފުނީގެ މައި އޮފީސް މިހާރެކޭ އެއްގޮތަށް ބަހައްޓަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ކުންފުނީގެ މުވައްޒަފުންނަށް ދޭ އިނާޔަތްތައް ވެސް މިހާރެކޭ އެއްގޮތަށް ދަމަހައްޓާނެ އެވެެ.

ޗެކް ރިޕަބްލިކަށް ނިސްބަތްވާ 48 އަހަރުގެ މަހުޖަނުގެ މި ވިޔަފާރި މުއާމަލާތް ހުއްޓުވާލުމުގެ ބާރު އިނގިރޭސިވިލާތުގެ ބިޒްނަސް ސެކްރެޓަރީ ކެމީ ބެޑްނޮކް އަށް އޮންނާނެ އެވެ. އެއީ އެ ގައުމުގެ ނެޝަނަލް ސެކިޔުރިޓީ އެންޑް އިންވެސްޓުމެންޓު ގާނޫނުގެ ދަށުންނެވެ.

މަހުޖަނު ޑޭނިއަލް ކްރިޓިންސްކީ

މި މުއާމަލާތާ ގުޅޭގޮތުން ކްރިޓިންސްކީ ވިދާޅުވީ، ރޯޔަލް މެއިލް ވިޔަފާރި ބައްލަވައި ގަތުމުން އަންނާނެ ބޮޑެތި ޒިންނާތައް އެނގިވަޑައިގަންނަވާ ކަމަށެވެ.

ބޮޑު ގެއްލުމަކާއެކު ހިންގަމުން އަންނަ ކުންފުނި ބައްލަވައިގަންނަން ނިންމެވި އިރު ކްރިޓިންސްކީ އަކީ ޔޫރަޕުގެ އެނާޖީ ކުންފުނިތަކާއި ރީޓެއިލް ވިޔަފާރިތަކުގެ އިތުރުން ފުޓްބޯޅަ ކްލަބުތަކުގައި ވެސް ހިއްސާ އޮންނަ މަހުޖަނެކެވެ. އޭނާގެ މިލްކިއްޔާތުގައި 6 ބިލިއަން ޕައުންޑު ހުންނާނެކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓް ކޮށްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް