ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭ ގޮތުން ތައްޔާރުކުރި 'ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް' ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޕެނަލް ޑިސްކަޝަން. (ފޮޓޯ/ވޯލްޑް ބޭންކް)

ވޯލްޑް ބޭންކް

ވޯލްޑް ބޭންކުގެ މަރުހަބާ ސަރުކާރަށް؛ 'މިހާރު ވެސް ހަރަދުކުޑަކޮށްފި'

ރާއްޖޭގެ މާލީ އަދި ދަރަނީގެ ހާލަތުގެ ސީރިއަސްކަން ސަރުކާރުން ގަބޫލުކޮށް، އިގްތިސާދު ހަމައަކަށް އަޅުވަން މިހާރު ވެސް ސަރުކާރުން ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވޯލްޑް ބޭންކުން ވަނީ ފާހަގަކޮށްފައި

މި އަހަރު ފެށުނީއްސުރެ ސަރުކާރުން ހަރަދު ކުޑަކުރަމުން އަންނަކަން ފާހަގަކޮށް، ހަރަދު ކުޑަކުރުމަށް މި ސަރުކާރުން ރާވާފައިވާ އިސްލާހީ ފިޔަވަޅުތަކަށް ވޯލްޑް ބޭންކުން މަރުހަބާ ކިޔައިފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭ ގޮތުން ތައްޔާރުކުރި 'ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް' ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޕެނަލް ޑިސްކަޝަން ތައާރަފް ކޮށްދެއްވަމުން ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހ. ހަދާދު ޒާވޮސް ވިދާޅުވީ މާލީ ބޮޑެތި ގޮންޖެހުންތައް ރާއްޖެއަށް ކުރިމަތިވަމުން އަންނައިރު، މިއީ ވަރަށް ސީރިއަސް ހާލަތެއް ކަން ގަބޫލުކޮށް، ސަރުކާރުން މިހާރު ވެސް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، ފާރިސް ވިދާޅުވި ގޮތުގައި:

  •  އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ތަރުތީބު ކުރުން

  • ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ހަރުދަނާކުރުން

  • ސަބްސިޑީ އުސޫލު ޓާގެޓަޑް ސަބްސިޑީއަށް ބަދަލުކުރަން ނިންމުން

  • ސިއްހީ ދާއިރާއަށް ހަރަދުކުރާ ގޮތް ހަރުދަނާކުރުން

  • ސަރުކާރު ކުންފުނިތައް އިސްލާހުކުރުން

  • ދައުލަތުގެ އާމްދަނީ ބޭނުންކުރާ ގޮތް ހަރުދަނާކުރުން

  • ދަރަނި މެނޭޖު ކުރުމާއި ދަރަންޏަށް ފައިސާ ނެގުމުގައި ކުރިއަށްވުރެ ރަނގަޅު އުސޫލުތައް

"ކަރަންޓް އެކައުންޓާއި ފިސްކަލް ޑެފިސިޓި ވެސް ހުރީ ޑަބަލް ޑިޖިޓުގައި. އެހެންކަމުން ހިރާސްތައް ކުޑަކުރުމަށްޓަކައި އަވަސް އަދި މާނައެއް ހުރި ފިސްކަލް އެޖަސްޓްމަންޓުތަކެއް ގެންނަން ޖެހޭ،" ފާރިސް ވިދާޅުވި އެވެ.

ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހ. ހަދާދު ޒާވޮސް. (ފޮޓޯ/ވޯލްޑް ބޭންކް)

'އަހަރު ފެށުނީއްސުރެ ސަރުކާރުން އަންނަނީ ހަރަދު ކުޑަކުރަމުން'

ފާރިސް ވިދާޅުވީ މި ހާލަތުގެ ނާޒުކުކަން ސަރުކާރަށް އެނގުމާ އެކު މި އަހަރު ފެށުނީއްސުރެ މާލީ ޕްރެޝަރުތައް ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ފާހަގަކުރެވޭ މިންވަރަކަށް ދައުލަތުގެ ހަރަދުތައް ކުޑަކޮށްފި. އިގްތިސާދު ހަމަ މަގަށް އަޅުވަން މިފަދަ ފިޔަވަޅުތައް އެޅުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް،" ފާރިސް ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - އެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ ދައުލަތުގެ ދަރަނީގެ ހާލަތު މެނޭޖުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެ ފިޔަވަޅުތައް އެޅުމަށްޓަކައި މިނިސްޓަރު ވިދާޅުވީ މާލީ އިދާރާތަކުގެ އެހީ ބޭނުންވާނެ ކަމަށެވެ.

ފާރިސްގެ ވާހަކައިގައި ދިވެހި ސަރުކާރުން އަޅާ ފިޔަވަޅުތަކާއި ގެންނަ ބަދަލުތަކަށް ވޯލްޑް ބޭންކުގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް