ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަނީ: މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން ނޫން ގޮތެއް ނެތް ކަމަށް ވިދާޅުވި (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

އިސްލާހީ ފިޔަވަޅުތަކަށް ތައްޔާރު؛ ފަށާނީ ސަރުކާރު ކުންފުނިތަކުން: ފިނޭންސް މިނިސްޓަރު

ދަރަނި ކުޑަކުރަން މިދިޔަ އަހަރު އަޅަން ރޭވި ފިޔަވަޅުތައް ނާޅައި ހުރުމާއި މިހާރު ދަރަނީގެ ހާލަތާއި މާލީ ހާލަތުގެ ނާޒުކު ކަމާ އެކު ދެން އިތުރަށް ފިޔަވަޅުތައް ނާޅައި ނުތިބެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި

ދައުލަތުގެ ދަރަނީގެ ހާލަތު މެނޭޖުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ސަރުކާރު އޮތީ ތައްޔާރަށް ކަމަށާއި އެކަން ފަށާނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމުން ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި 'ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް' ރިޕޯޓާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ ފިޔަވަޅުތައް ނާޅައި ދެން އިިތުރަށް ތިބެވެން ނެތް ކަމަށެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ޝަފީގު ވިދާޅުވީ މިދިޔަ އަހަރުގެ ނަތީޖާ ފެންނަނީ އެހާ ރަނގަޅަކަށް ނޫން ކަމަށެވެ. އޭގެ ސަބަބަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރަށް ރޭވި ރިފޯމް ނުވަތަ އިސްލާހީ ޕްރޮގްރާމްތައް ނުހިންގުމެވެ.

"އަޅުގަނޑުމެންގެ މާލީ ހާލަތުގެ ނާޒުކު ކަމާއި ދަރަނި މެނޭޖު ކުރުމުގެ މައްސަލައާ ހުރެ ފިޔަވަޅުތައް އެޅުން ނޫން އިތުރު ގޮތެއް ނެތް. އެކަން ކުރަން މި ތިބީ ތައްޔާރަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ތަފްސީލު - އެ ފިޔަވަޅުތައް އަޅާނެ ގޮތުގެ ތަފްސީލު ދެއްވަމުން މިނިސްޓަރު ޝަފީގު ވިދާޅުވީ ސަރުކާރުން އެންމެ ފުރަތަމަ އަދި އެންމެ ބޮޑު އިސްކަމެއް ދޭނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމަށް ކަމަށެވެ.

"ސަރުކާރު ކުންފުނިތައް ހަމައަކަށް އަޅުވަން ޖެހޭ. އެއީ ފަސްކުރެވެން ނެތް ކަމެއް، ވަރަށް އަވަހަށް އެކަން ފަށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އާސަންދަ ސްކީމާއި ސަބްސިޑީ ދޭ އުސޫލަށް ވެސް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ޓާގެޓަޑް ސަބްސިޑީއަށް ބަދަލުކުރުމުގެ ފިޔަވަޅުތައް ވެސް ސަރުކާރުން އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކަށް ވެސް ތައްޔާރަށް މި ތިބީ. އެންމެ ރަނގަޅު ދަނޑިވަޅުގައި މިކަންކަން ފަށާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ އިކޮނޮމިކް ޑިވަލޮޕްމަންޓް އަޕްޑޭޓްގެ މޭގެ އެޑިޝަން ލޯންޗް ކުރުމަށް މިއަދު ބޭއްވި ހަފްލާގައި މިނިސްޓަރުންނާއި އިސް ބޭފުޅުން (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

ހަރަދު ކުޑަ ކުރަން ނިންމި ނަމަވެސް، މިނިސްޓަރު ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތައް ކުރިއަށްގެންދާނެ ކަމަށާއި އެކަން ކުރާނީ ވީހާވެސް ބޮޑަށް ހަރަދަށް ބަލައިގެން ކަމަށެވެ.

އެ ފިޔަވަޅުތައް އެޅުމަށްޓަކައި މިނިސްޓަރު ވިދާޅުވީ މާލީ އިދާރާތަކުގެ އެހީ ބޭނުންވާނެ ކަމަށެވެ. އަދި ވޯލްޑް ބޭންކުގެ ރިޕޯޓަކީ މުހިންމު މައުލޫމާތު ހިމެނޭ ރިޕޯޓެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރިޕޯޓަކީ އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލުމާއި މަޝްރޫއުތައް ރޭވުމުގައި ބޮޑު އެހީއަކަށް ވާނެ އެއްޗެކެވެ.

އެނގުން މުހިންމު - ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި  ބޭރުގެ ދަރަނީގެ ހާލަތު އޮތް ގޮތުން ރާއްޖޭގެ އިގްތިސާދަށް ގިނަ ގޮންޖެހުންތައް އެބަހުއްޓެވެ.

ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން %122.9ގައި ހުރުމަކީ ވެސް ވޯލްޑު ބޭންކްގެ ކަންބޮޑުވުމެކެވެ. އަދި ދަރަނި މެނޭޖުކުރަން ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފި ނަމަ، ރާއްޖޭގެ ދަރަނި މިހާރު އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު ދަރަނި މެނޭޖުކުރުމަކީ މެދު ރާސްތާގައި ވެސް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ.

ކޮމެންޓް (5)

އަލިބެ..

21 މޭ 2024
ސަރުކާރު ކުންފުނިތަކުގަ ތިބި ބަޔަކު ކަޑާލުމަށްފަހު އޭގެ ތިންގުނަ ޢަދަދަކަށް ޕާޓީކުދިން ވައްދަން ކުޅޭ ޑްރާމާއެއްތީ.
4 0

ނަގޫރޯޅި

20 މޭ 2024
ޙަރަދު ކުޱަކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތައް. ދައުލަތައް ލިބެން ހުރި ފައިސާ މާފުކުރުން. ބޭރު ސިފައިންގެ ޔުނީފޯމް ބަދަލުކުރުން. ފަރުތައް ހަލާކު ކުރާ ކުންފުނީގެ ޖުރިމާނާ މާފުކުރުން.
8 0

މޮޑީ

20 މޭ 2024
ތިހެންކިޔާފަ ރައްޔިތުންގެ ކާޑުކޮޅާ ކަރަންޓު ބިލާ ކުޅެން ނުހަދާތި. ޔާމީނުއަށް ވީވަރު ވާނީ.
8 1

ހަސަން

20 މޭ 2024
އަދިވެސް ހުރިހާ ފްލެޓެއްގެ ކުލި ކުޑަކޮށްލާ، ކުލި މާފު ކޮށްލާ، ހުރިހާ ނިކަމެތިކަމެއް އާންމު މީހާޔާށް. ފެނަކައިން130000ރ ގެ ބިލްތަކަށް ފައިސާ ނުލިބިގެން އާދޭސް ކުރާތާ 2 އަހަރު، އަދިވެސް 11 މިލިއަން ހަރަދުކޮށްގެން ފާލަން އަޅަނީ.
10 0

މިނިސްޓަރޫ

20 މޭ 2024
އަޅަން ކޭރޭނެތަ ؟ ބޭރުޤައުމުތަކުގަ އެމްބަސީގަ ތިބި ބޭކާރު މީހުން އަނބުރާ ރާއްޖެ ގެންނަން ކެރޭނެތަ؟ ވުޒާރާ ތަކަށް އިރުއިރުކޮޅާ ވައްދާ ސްޓޭޓް މިނިސްޓަރުންގެ ޱުރާމާ ތައް މަދުކުރަން ކެރޭނެތަ ؟ އާސަންދަ ނަމުގަ ހިންގާ ފިޔަފާރި ހުއްޓުވަން ކެރޭނެތަ؟ އިރުއިރު ކޮޅާ ތިޔަ މާފުކުރާ ޖުރިމާނާތަކާ ބަދަލުގެ ގޮތުގަ އިސްރާފުކުރުން ހުއްޓުވަން ކެރޭނެތަ؟ ބަލަން މިތިބީ ތިޔަދައްކާ ވާހަކައިގެ އަމަލީ ސިފަ ޖެހޭތަން.
12 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް