ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމް

ޓޫރިޒަމްގެ އާމްދަނީން ގެއްލޭ ބައި ހޯދަން ޓެކްސް ނަގާ ގޮތް ބަދަލުކުރަނީ

ރާއްޖެއަށް ބޭރު ފައިސާގެ އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ފަތުރުވެރިކަމުގެ ސިނާއަތުން ކަމުގައި ވީ ނަމަވެސް، އެ އާމްދަނީގެ ވަރަށް ބޮޑު ބައެއް ރާއްޖޭގެ ބޭންކިން ނިޒާމަށް ނުވަދެ ގެއްލިގެންދޭ

ޓޫރިޒަމްގެ އާމްދަނީން ރާއްޖޭގެ ބޭންކިން ނިޒާމަށް ނުވަދެ ގެއްލިގެންދާ ބައިން ވެސް ޓެކްސް ނެގޭނެ ގޮތަކަށް ނިޒާމު ބަދަލުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭ ގޮތުން ތައްޔާރުކުރި 'ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް' ރިޕޯޓާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ޕެނަލް ޑިސްކަޝަންގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ ވިދާޅުވީ އާމްދަނީ  އިތުރުކުރަން ސަރުކާރުން ގެންނަން ރާވާފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ޓެކްސް ނަގާ ގޮތަށް ބަދަލެއް ގެނައުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ. (ފޮޓޯ/ވޯލްޑް ބޭންކް)

ބުނީ ކީކޭ؟ - ޓެކްސް ނެގުމަށް ބަދަލުގެންނާނެ ގޮތުގެ ތަފްސީލު ދެއްވަމުން ސާއިދު ވިދާޅުވީ ވެލިއު އެޑިޝަންގެ އަސްލަށް ބިނާކޮށް ޓެކްސް ނެގުމުގެ ނިޒާމު ދޫކޮށްލައި، 'ޑެސްޓިނޭޝަން އޮފް ކޮންޒަމްޕްޝަން' ނިޒާމަކަށް ޓޫރިޒަމް ޓެކްސް ނެގުން ބަދަލުކުރުމަކީ ގެންނާނެ އެންމެ މުހިންމު އެއް ބަދަލު ކަމަށެވެ. 

"މިއީ ހީވެދާނެ ވަރަށް ކުޑަ ބަދަލެއް ކަމަށް، އެކަމަކު ހަގީގަތުގައި މިއީ ވަރަށް ބޮޑު ބަދަލެއް،" އޭނާ ވިދާޅުވި އެވެ.

ތަފްސީލު - އެ ބަދަލުގެ މަގުސަދަކީ، ސާއިދު ވިދާޅުވި ގޮތުގައި، ޓޫރިޒަމް ސިނާއަތުން ޓެކްސް ކުރުން ހަރުދަނާކޮށް، ޓޫރިޒަމް ރިސޯޓްތަކުގެ ފުރިހަމަ އަގު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭނެ ގޮތް ހެދުމެވެ.

މިހާރު ކަން ހިނގާ ގޮތުގެ މިސާލެއް ދެއްވަމުން ސާއިދު ވިދާޅުވީ ދުވާލަކަށް ބެޑް އެންޑް ބްރެކްފަސްޓަށް 2،500 ޑޮލަރު ޗާޖުކުރާ ރިސޯޓުތަކުން އެ އަގުގެ ތެރެއިން ބައެއް ރާއްޖެއިން ބޭރުގައި ޗާޖުކުރާތީ 1،000 - 1،500 ޑޮލަރުގެ މިންވަރެއް ޓެކްސް ކުރެވޭ އަދަދުން އުނިވާ ކަމަށެވެ.

ނަމަވެސް ބައިނަލްއަގްވާމީ 'ޑެސްޓިނޭޝަން ޓެކްސޭޝަން'ގެ އުސޫލަކަށް ބަދަލުކޮށް، އާމްދަނީ އިތުރުކުރާނެ ކަމަށް ސާއިދު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަނީ ފަތުރުވެރިކަމުންނެވެ. އެކަމަކު އޭގެ ބޮޑު ބަޔަކީ އެއީ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ފައިސާއެއް ނޫނެވެ. އެކަން ކަށަވަރު ކުރާނެ ގަވާއިދެއް ވެސް ރާއްޖޭގައި ނޯވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޓެކްސް ނަގާ ގޮތަށް ބަދަލު ގެންނަން ނިންމި ނަމަވެސް، ސާއިދު ވިދާޅުވީ މިހާރު ނަގާ އެއްވެސް ޓެކްސްއެއް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށެވެ.

"ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް، ޓެކްސް ބޮޑު ނުކުރުމަކީ،" ސާއިދު ވިދާޅުވި އެވެ.

"މިހާރު ވެސް [ދައުލަތުގެ] އާމްދަނީގެ %31 ލިބެނީ ޓެކުހުން. ވިޔަފާރިތަކަށް ބޮޑު ބުރައެއް މިއީ. ކުރު އަދި މެދު ރާސްތާގައި އިގްތިސާދި ކުރިއެރުމަށް ވެސް ހުރަސްއެޅޭނެ ކަމެއް."

ކޮމެންޓް (3)

ކިޔަވާ ސަލީމް

23 މޭ 2024
އެންމެނައް އިނގޭ ބޮޑު ސިއްރު 😧 ތިކަމެށް ނުވާނެ. މަޖިލިސް މެމްބަރުން ގޮތުގައި ހޮވިފައިވަނީ އެމީހުން ނުވަތަ އެމީހުން ސްޕޮންސަރު ކޮށްފައިވާ މީހުން. އިންކަމް ޓެކްސްގެ ވާހަކަތައް ދެއްކީމަ ރައީސް ނަޝީދު ގެ ވެރިކަން ބަގާވާތަކުން ވައްޓާލީ.
1 0

ވާދޫމީހާ

22 މޭ 2024
މިހާތަނަށް ސަރުކާރުން އަޅާ އެންމެ މުހިންމު ފިޔަވަޅު. ވަރަށް ބަރާބަރު ވިސްނުމެއް.
1 1

މުހައްމަދު

22 މޭ 2024
ކޮބާ މިހާރު ދެން ތި އެއްބަސް ވެވެނީ ދައުލަތަށް އާމްދަނީ މަދުވަނީ ރިސޯޓް ތަކުން މަކަރު ހަދާތީ ކަން. ގެސްޓް ހައުސް ތަކަށް މީހުން ޒިޔާރަތް ކުރާވަރު އިތުރުވާތީ ނޫން ކަން.
0 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް