ބީއެމްއެލްގެ މުވައްޒަފުން ކަސްޓަމަރުންނަށް ހިދުމަތް ދެނީ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

އިޖުތިމާއީ ހަރަކާތްތަކަށް އެހީވާން ބީއެމްއެލްއިން ފަންޑެއް ތައާރަފުކޮށްފި

މި ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް ތައުލީމާއި ތިމާވެށީގެ އިތުރުން ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓަކަށް 200،000ރ ހިލޭ އެހީ ދޭނެ

އިޖްތިމާއީ ހަރަކާތްތަކަށް އެހީވާން 'ބޭންކް ފަންޑު'ގެ ނަމުގައި ބީއެމްއެލް އިން ފަންޑެއް މިއަދު އިފްތިތާހްކޮށްފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްއިން ތައާރަފުކުރި ފަންޑްގެ ބޭނުމަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމެވެ. 

ތަފްސީލް - ދެމެހެއްޓެނެވި އިޖުތިމާއީ ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް އަމާޒުކޮށް ބޭންކުން މިއަދު ވަނީ 'ބޭންކް ފަންޑް' އަށް ޕްރޮޕޯސަލް ހުށަހަޅަން ވެސް ހުޅުވާލައިފަ އެވެ.

މި ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް ތައުލީމު، ތިމާވެށި އަދި ކުޅިވަރުގެ އިތުރުން މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން ފަސް ޕްރޮޖެކްޓެއް ހޮވާ އެއިން ކޮންމެ ޕްރޮޖެކްޓެއް ހިންގަން 200،000ރގެ ހިލޭ އެހީ ދޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ވިޔަފާރިއެއްގެ ހައިސިއްޔަތުން މުޖުތަމައުގައި ހިންގާ މުހިންމު ހަރަކާތްތަކަށް އިންވެސްޓް ކުރަމުން އަންނަ ކަމަށެވެ.

މިގޮތުން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑް މެދުވެރިކޮށް 2019 އިން ފެށިގެން މިހާތަނަށް އިޖުތިމާއީ 100 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދިންކަން ކާލް ފާހަގަކުރެއްވި އެވެ.

"މިއަދު އަޅުގަނޑުމެން މި ތައާރަފްކުރި ބޭންކް ފަންޑަކީ ޖަމިއްޔާތަކަށް މިހާރަށް ވުރެ ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ ބޭނުމުގައި އަޅުގަނޑުމެން ކުރިން ދެމުންދިޔަ ފަންޑަށް ބަދަލު ގެނެސް، އިތުރު ފުރިހަމަކަމަކާ އެކު ފަށާ ފަންޑެއް،" އޭނާ ވިދާޅުވި އެވެ.

ބޭންކް ފަންޑް ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަތް އަދި ކްލަބްތަކަށެވެ.

  • މި ފަންޑަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޖޫން 2024ގެ ރޭގަނޑު 11:00

  •  މި ފަންޑަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް bankfund@bml.com.mv އަށް ހުށަހަޅޭނެ  

އިތުރު އާޓިކަލް

އިތުރު އާޓިކަލް