ބީއެމްއެލްގެ މުވައްޒަފަކު ކަސްޓަމަރަކަށް ހިދުމަތް ދެނީ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

މިދިޔަ އަހަރު 23،000 ކަސްޓަމަރުން ބީއެމްއެލްއާ ގުޅުނު

ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމުގައި މިދިޔަ އަހަރު %24ގެ ކުރިއެރުން ލިބުނު ކަމަށް ބީއެމްއެލް އިން ބުނި

މިދިޔަ އަހަރު 23،000 ކަސްޓަމަރުން ބީއެމްއެލްއާ ގުޅުނު ކަމަށާއި ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކާ އެކު ކަސްޓަމަރުންގެ ޝަކުވާ %20 މަދުކުރެވިފައިވާ ކަމަށް ބޭންކުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ކާމިޔާބީތަކާ ގުޅޭ ގޮތުން އެ ބޭންކުން މިއަދު ބުނީ ނިމިދިޔަ އަހަރަކީީ މާލީ ގޮތުން ވެސް އެ ބޭންކަށް އެންމެ ކާމިޔާބު އަހަރު ކަމަށާއި ޓެކްސްއަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބުނު ކަމަށެވެ.

ތަފްސީލް - މިދިޔަ އަހަރުގެ ކާމިޔާބީތައް ފާހަގަކޮށް ބީއެމްއެލް އިން ހިއްސާކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 66،000 އަށް ވުރެ ގިނަ އާ އެކައުންޓު ބީއެމްއެލްގައި ހުޅުވި އެވެ.

ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރާކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ކަސްޓަމާ ސާވިސް ޑިރެކްޓަރު ގުލްނާޒް (ފޮޓޯ/ބީއެމްއެލް)

އެ ބޭންކުގެ ޑިރެކްޓަރު އޮފް ކަސްޓަމާ ސާވިސް ގުލްނާޒް މާހިރު ވިދާޅުވީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ އަދި ރައްކާތެރި ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަކީ އެންމެ ސަމާލުކަންދޭ ކަންތައް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ހިތްހަމަޖެހޭ އަދި އުފަލާ އެކު ބަލައިގަންނަ ހިދުމަތެއް ފޯރުކޮށްދިނުމަށް. މިގޮތަށް ކުރެވެމުންދާ މަސައްކަތުން މިދިޔަ އަހަރު ވަނީ ކަސްޓަމަރުންގެ ޝަކުވާ %20 އަށް ދަށްކުރެވިފައި،" ގުލްނާޒު ވިދާޅުވި އެވެ.

ބޭންކުގެ ކަސްޓަމާ ސާވިސް ރަނގަޅު ކުރަން ކުރާ މަސައްކަތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމުގައި މިދިޔަ އަހަރު %24ގެ ކުރިއެރުން ލިބުނު ކަމަށެވެ.

"މިއީ ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތެއް ދިނުމަށް އަޅުގަނޑުމެން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެއް. މި ކާމިޔާބީއަކީ ބޭންކުން ކުރި ގިނަ މަސައްކަތެއްގެ ސީދާ ނަތީޖާ. މީގެ ތެރޭގައި ކޭސް މެނޭޖްމަންޓް ސިސްޓަމް ތަންފީޒުކުރުމާއި މުވައްޒަފުންނަށް ދެވުނު ތަމްރީނާއި މިދިޔަ އަހަރު ތެރޭ ބޭންކުގެ ގިނަ ޕްރޮސެސްތަކެއް ބަދަލުކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރެވުނު ބުރަ މަސައްކަތް. މި ފުރުސަތުގައި މި ކާމިޔާބީ ހޯދުމުގައި ޝާމިލުވާ އެންމެހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން،" ގުލްނާޒް ވިދާޅުވި އެވެ.

ބީއެމްއެލްގެ މުވައްޒަފުން ކަސްޓަމަރުންނަށް ހިދުމަތް ދެނީ (ފޮޓޯ/ބީއެމްއެލް)

ފާހަގަކުރެވޭ - ބީއެމްއެލް އިން މިދިޔަ އަހަރުގެ މެއި މަހު ވަނީ ޑިޖިޓަލް ބޭންކިން އެސިސްޓަންޓް އާޔާ ތައާރަފްކޮށްފަ އެވެ.

އާޔާއަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ބޭންކުގެ ވެބްސައިޓާއި ފޭސްބުކް މެސެންޖާގެ އިތުރުން ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓެލިޖެންޓް ޗެޓްބޮޓެކެވެ.

  • އާޔާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭ ގޮތަށް

  •  ކަސްޓަމަރުންގެ ސުވާލުތަކަށް ޖަވާބުދީ އަދި ބޭނުންވެއްޖެ ހާލަތެއްގައި ކަސްޓަމާ ސާވިސް އޭޖަންޓަކާ ގުޅުވާލަދޭނެ 

  • މިދިޔަ އަހަރު، ކަސްޓަމަރުން ފެށި 47،000 ޗެޓްގެ ތެރެއިން %53  ޗެޓަށް ޖަވާބުދީފައި ވަނީ އަޔާ މެދުވެރިކޮށް

ރާއްޖޭގެ އެންމެ ބޮޑު ބޭންކިން ވިއުގަ އާއި ޒަމާނީ ބޭންކިން ހިދުމަތާ އެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް