ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްގައި ވީޗެޓު ޕޭ ވަނީ ހިމަނާފައި (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލުގައި ވީޗެޓު ޕޭ ހިމަނައިފި

މި ހިދުމަތް ފަށާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީގައި ހިމެނޭ ވިޔަފާރިތަކުން

ބީއެމްއެލްގެ ޕޮއިންޓު އޮފް ސޭލް (ޕީއޯއެސް) ޓާމިނަލް ނެޓްވޯކުގައި ވެއިޝިން ޕޭ (ވީޗެޓު ޕޭ) ބޭނުން ކުރެވޭ ގޮތް ހަދައިފި އެވެ.

ވީ ކިހިނެއް؟ - މިއާ އެކު ޗައިނާގެ މަގްބޫލު މި އެޕު ބޭނުންކޮށްގެން ކިއުއާރު ޕޭމަންޓްތަކަށް ފައިސާ ބަލައިގަނެވޭނެ އެވެ. މީގެ ކުރިން ވީޗެޓް ޕޭ ލިބެނީ ހަމައެކަނި ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށެވެ.

ތަފްސީލް - މި ހިދުމަތް ފުރަތަމަ ފެށީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީފްރީގައި ހިމެނޭ ވިޔަފާރިތަކުންނެވެ.

މި ހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑިރެކްޓަ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ބޭންކުގެ ޕީއޯއެސް ނެޓްވޯކްގައި ވީޗެޓް ޕޭ ބަލައިގަނެވޭ ގޮތަށް ހަމަޖެހުމަކީ ވެއިޝިން އަދި ވީޗެޓް ޕްލެޓްފޯމް ބޭނުންކުރާ 1 ބިލިއަން އެކްޓިވް ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހިންގާ ވިޔަފާރިއަކަށް ވެސް ފައިސާ ދެއްކޭނެ މަގެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނާއި ވިޔަފާރިތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުން. މި ގެނައި ބަދަލާ އެކު، އަޅުގަނޑުމެންގެ ކަސްޓަމަރުން އިހްތިޔާރުކުރާ ގޮތަކަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭނެ ގޮތް މިވަނީ ހަމަޖެހިފައި،" ނިމާލް ވިދާޅުވި އެވެ.

ފާހަގަކުރެވޭ ކަމެއް - ބީއެމްއެލްއަކީ ރާއްޖޭގައި މާޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ބޭންކެވެ. މީގެ އިތުރުން އެކި ވިޔަފާރި ސެގްމެންޓުތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ވެސް އެ ބޭންކުން ފޯރުކޮށްދެ އެވެ.

އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަކާޑް، ޔޫނިއަން ޕޭ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ އިތުރުން ބީއެމްއެލް ޕޭ، އަލީ ޕޭ، އެޕަލް ޕޭ، އަދި ގޫގުލް ޕޭ ފަދަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ވެސް ފައިސާ ބަލައިގަނެވޭ ހިދުމަތް ބޭންކުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ޕީއޯއެސް ޓާމިނަލްގެ އިތުރުން ބޭންކުގެ މާޗަންޓް ޕޯޓަލް އަދި އެމްޕޮސް އެޕް މެދުވެރިކޮށް މާޗަންޓުންނަށް އޮންލައިންކޮށް ކޮންމެ ތަނެއްގައި ހުރެގެން ވެސް ފައިސާ ބަލައިގަނެވޭނެ އެވެ. މި ހިދުމަތް ބޭނުންކޮށްގެން ޕޭމަންޓް ރިކުއެސްޓް ފޮނުވާ، ފައިސާގެ މުއާމަލާތް ޗެކްކުރުމާއި އޮންލައިން ސްޓޯރުުތައް މެނޭޖުކުރެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް