ފޭދޫ ފިނޮޅުގައި ތަރައްގީކުރާ ރިސޯޓު (ފޮޓޯ/ދުސިތު)

ރިސޯޓުތައް

ފޭދޫ ފިނޮޅުގައި ތަރައްގީ ކުރާ ރިސޯޓު ހިންގަން ތައިލެންޑުގެ ދުސިތު އަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑު ލޯންޗުގައި 5 މިނެޓެއްހާއިރުން ދެވޭ ހިސާބުގައި ތަރައްގީ ކުރާ އެ ރިސޯޓު ހިންގާނީ ދުސިތުގެ އަޕްސްކޭލް ބްރޭންޑު ދުސިތުޑީ2 ބްރޭންޑުގެ ދަށުން

ތައިލެންޑުގެ އެންމެ ބޮޑު އެއް ހޮޓަލް މެނޭޖުމެންޓު ކުންފުނި އަދި ޕްރޮޕަޓީ ޑިވެލޮޕްމެންޓް ކުންފުނި ދުސިތު އިންޓަނޭޝަނަލްގެ ދަށުން ހިންގާ ދުސިތު ހޮޓެލް އެންޑް ރިސޯޓްސް އިން ކ. ފޭދޫ ފިނޮޅުގައި ތަރައްގީ ކުރާ ރިސޯޓު ހިންގަން ހަވާލުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފޭދޫ ފިނޮޅުގައި ޕާލް އެޓޯލް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކުރާ 125 ކޮޓަރީގެ ރިސޯޓު ހިންގުމުގެ އެއްބަސްވުމުގައި ދެ ކުންފުނިން ވަނީ މިހާރު ސޮއިކޮށްފަ އެވެ. އެ ރިސޯޓު ހުޅުވަން ނިންމާފައިވަނީ މި އަހަރުގެ ފަހު ކުއާޓަރުގަ އެވެ.

ފޭދޫ ފިނޮޅުގައި ތަރައްގީކުރާ ރިސޯޓުގެ ބައެއް ސަރަހައްދުތައް ފެންނަ ފޮޓޯ އެއް (ފޮޓޯ/ދުސިތު)

ތަފްސީލް - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑު ލޯންޗުގައި ފަސް މިނެޓެއްހާއިރުން ދެވޭ ހިސާބުގައި ތަރައްގީ ކުރާ އެ ރިސޯޓް ހިންގާނީ ދުސިތުގެ އަޕްސްކޭލް ބްރޭންޑު، ދުސިތުޑީ2 ބްރޭންޑުގެ ދަށުންނެވެ. މިއާ އެކު އެ ރިސޯޓު ވާނީ އެ ކުންފުނިން ހިންގާ ފުރަތަމަ އޯލް އިންކުލޫސިވް ޕްރޮޕަޓީ އަށެވެ.

ވޯޓާ ވިލާތަކާއި އާއިލާތަކަށް ހާއްސަ ފެމެލީ ސުއިޓުތައް ވެސް ހިމެނޭ މި ރިސޯޓުގައި ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބަކާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ރަހަތައް ލިބޭނެ ރެސްޓޯރެންޓުތަކުގެ އިތުރުން ފުރިހަމަ ޖިމްއެއް އަދި ތައި މަސާޖަށް ހާއްސަ ސްޕާ އެއްވެސް ހުންނާނެ އެވެ.

ފޭދޫ ފިނޮޅުގައި ތަރައްގީ ކުރާ ދުސިތުޑީ2 މޯލްޑިވްސްގެ ސްޕާ ހުންނާބެ ގޮތުގެ ކުރެހުމެއް (ފޮޓޯ/ދުސިތު)

ދުސިތުޑީ2 ފޭދޫ މޯލްޑިވްސް ވާނީ ދުސިތު އިން ރާއްޖޭގައި ހިންގާ ދެވަނަ ރިސޯޓަށެވެ. އެ ކުންފުނިން ދަނީ ބ. އަތޮޅު މުއްދޫގައި ދުސިތު ތާނީ މޯލްޑިވްސްގެ ނަމުގައި މަތީ ފަންތީގެ ރިސޯޓެއް ހިންގަމުންނެވެ.

ބުނީ ކީކޭ؟ - ދުސިތު އިންޓަނޭޝަނަލްގެ ސީއޯއޯ ގިލްސް ކްރެޓަލާ ވިދާޅުވީ ރާއްޖެ އަކީ އެ ކުންފުންޏަށް މުހިއްމު މާކެޓެއް ކަމަށާއި ފޭދޫ ފިނޮޅުގައި ހުޅުވާ ރިސޯޓު ވާނީ ފަތުރުވެރިންނަށް ތަފާތު، ފުރިހަމަ ތަޖުރިބާއެއް ލިބިދޭނެ ރިސޯޓަކަށް ކަމަށެވެ.

ދުސިތުޑީ2 ބްރޭންޑުގެ ދަށުން ފޭދޫ ފިނޮޅުގައި ހިންގާނެ ރިސޯޓުގެ ޕާޓީ ސޯޓުގެ ކުރެހުމެއް (ފޮޓޯ/ދުސިތު)

"މިއީ އޯލް އިންކްލޫސިވް ކޮންސެޕްޓަށް ދުސިތު އިން ހިންގާ ފުރަތަމަ ރިސޯޓަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

އާއިލާތަކާއި ލޯބިވެރިން އަދި ޒުވާނުންނަށް ކަމުދާނެ ސިފަތައް މި ރިސޯޓުގައި ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާލް އެޓޯލްގެ މެނޭޖިން ޑިރެކްޓަރު ފާން ޖިއާންގްލިން ވިދާޅުވީ އެކުންފުނިން ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓު ހިންގުމަށް ދުސިތުއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ފަތުރުވެރިންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ދުސިތުގެ ކުޑައިގެ ދަށުން ދުނިޔޭގެ 18 ގައުމެއްގައި 300 އަށް ވުރެ ގިނަ ޕްރޮޕަޓީ ހިންގަ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ހޮޓެލް އަދި ލަގްޒަރީ ވިލާ ހިމެނެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް