ލަންކާގެ މައި ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް. (ފޮޓޯ/ނިއުސްފަސްޓް.އެލްކޭ)
ލަންކާގެ ވިސާ ފީ ބޮޑުވުމާ އެކު ކަންބޮޑުވުން
ސްރީ ލަންކާ އަށް ދާ ފަތުރުވެރިންގެ އަތުން ނަގާ ފީ ބޮޑުކުރުމުން އެ ގައުމުގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ވީ ކިހިނެެއް؟ - ސްރީ ލަންކާ އަށް ދާ މީހުން އެ ގައުމަށް އެތެރެވުމުގެ ކުރިން ދައްކަން ޖެހޭ ފީ ބަލައިގަތުން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް މިދިޔަ މަހުގެ 17 އިން ފެށިގެން ވަނީ އެގޮތަށް އަމަލު ކުރަން ފަށައިފަ އެވެ.
އެއާ އެކު އެ ކުންފުނިން ވަނީ ވިސާ ޕްރޮސެސް ކުރުމަށް ނަގާ ފީ އާއި މުވައްޒަފުންގެ ހަރަދު ވެސް ވިސާ ފީގެ ތެރޭ ހިމަނައި، ފަތުރުވެރިންގެ އަތުން ނަގާ ފީގެ އަދަދު ވަނީ ބޮޑުކޮށްފަ އެވެ.
ތަފްސީލް - ލަންކާގެ އިގްތިސޯދު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންދާއިރު އެ ގައުމުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ވަނީ މުހިއްމު މަސައްކަތްތަކެއް ޕްލޭންކޮށްފަ އެވެ. ނަމަވެސް ފަތުރުވެރިންގެ އަތުން ނަގާ ފީ ބޮޑުކުރުމުން އެކަމަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ބުނެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އަގުތައް ކުޑަކުރުމަށް އެމީހުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
ލަންކާގެ ނޫހެއް ކަމަށްވާ 'ނިއުސް ވަޔާ'ގައި ބުނެފައިވާ ގޮތުން ވިސާ ފީ ދެއްކުމަށް ގެނައި ބަދަލާ އެކު މިހާރު ފަތުރުވެރިން ދައްކަންޖެހޭ ވިސާ ފީ ދެއްކެނީ ހަމައެކަނި އެ އަމިއްލަ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށެވެ. އެއާ އެކު މީގެ ކުރިން ބޭނުން ކުރަމުން ދިޔަ ސަރުކާރުގެ ވެބްސައިޓު ބޭނުން ކުރުން މިހާރު ވަނީ ހުއްޓާލައިފަ އެވެ.
މިހާރު އައި ބަދަލާއެކު:
-
މީގެ ކުރިން ސަރުކާރުގެ ސިސްޓަމް މެދުވެރިކޮށް ނެގޭ 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެއް ނުލިބޭ. މިހާރު އޮންނަނީ ހަ މަހުގެ މަލްޓިޕަލް އެންޓްރީ ވިސާ އެއް. އޭގެ އަގަކީ 100.77 ޑޮލަރު. އިތުރު އަގުތަކާ އެކު މިއީ ކުރިއަށް ވުރެ ބޮޑު އަދަދެއް
-
މިއީ މި ސަރަހައްދުގެ އެންމެ ބޮޑު ވިސާ ފީ. މި އަގާ އެކު ލަންކާގެ ފަތުރުވެރިކަމަށް ގޮންޖެހުން ކުރިމަތިވާނެ
-
ވިސާ ވެބްސައިޓަކީ ވެސް ބޭނުން ކުރަން އުނދަގޫ ވެބްސައިޓެއް ކަމަށް ބުނެ ޝަކުވާތައް ވެސް އާދޭ
ލަންކާގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ޝަކުވާތަކާ އެކު އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް ފޮޮނުވި ސިޓީ އެއްގައި، ބުނެފައިވަނީ ސިންގަލް އެންޓްރީ ވިސާ ލިބޭ އަގު 50 ޑޮލަރަށް ވުރެ ބޮޑު ނުވާނެ ގޮތަށް ހަމަޖައްސައިދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް އަދިވެސް އެކަން އެގޮތަށް ހަމަޖެހިފައިވާ ކަމަށް ވެބްސައިޓު މެދުވެރިކޮށް ފެންނަން ނެތް ކަމަށެވެ.
ކުރިއަށް އޮތް ޖޫން-ޖުލައި އަކީ އެ ގައުމަށް ގިނަ އަދަދެއްގެ އާއިލާތަކުން ޗުއްޓީ އަށް ދާނެ ދުވަސްތަކެއް ކަމަށާއި ނަމަވެސް، އާ ވިސާ ފީތަކާ އެކު ހަތަރު މީހުންގެ އާއިލާއަކުން މަދުވެގެން 400 ޑޮލަރު ހަމައެކަނި ލަންކާ އަށް އެތެރެވާން ދައްކަން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ފަތުރުވެރިކަމަކީ ލަންކާގެ އިގްތިސޯދުގައި މުހިއްމު ދައުރެއް އަދާކުރާ ސިނާއަތަކަށް ވާއިރު މި އަހަރު އެ ގައުމަށް ގެންދަން އަމާޒު ހިފާފައިވާ 2.5 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްކުރުމަށް، އެ ނިންމުމާ އެކު ގޮޮންޖެހުންތައް ކުރިމަތިވާނެ ކަން އެ ސިޓީގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ވިސާ ނަގަން ހާއްސަ ވެބްސައިޓަކީ ބޭނުންކުރަން ފަސޭހަ ވެބްސައިޓަކަށް ހަދައި، ފަތުރުވެރިންނަށް ހާއްސަ 30 ދުވަހުގެ ވިސާ އޮޕްޝަނާ އެކު ފަތުރުވެރިންނަށް ހާއްްސަ ވިސާ އަލުން ފަސޭހައިން ލިބޭނެ ގޮތަށް ހަމަޖައްސައިދިނުމަށް އެ ސިޓީގައި ވަނީ އެދިފަ އެވެ.
ފާހަގަ ކުރެވޭ - މީގެ ކުރިން ލަންކާ އަށް ދާ މީހުންގެ ތެރެއިން ސާކް ގައުމުތަކުގެ މީހުން ވިސާ ފީގެ ގޮތުގައި ދައްކަން ޖެހެނީ 25 ޑޮލަރެވެ. މިހާރު ވިސާ ފީ އަށް ގެނައި ބަދަލާ އެކު 35 ޑޮލަރު ދައްކަން ޖެހޭނެ އެވެ. މީގެ އިތުރުން އާ ވެބްސަިއޓު މެދުވެރިކޮށް 'ފޮރުވިފައިވާ ފީ'ތަކާ އެކު އިތުރު ފީތައް ދައްކަންޖެހޭ ކަމަށްވެ އެވެ.
ނަމަވެސް ލަންކާ އަށް ދާ ދިވެހިންގެ ތެރެއިން ހަ މަހުގެ ސްޓޭންޑާޑް ވިސާ އަށް އެދޭ މީހުން މި ފީ ދައްކާކަށް ނުޖެހޭނެ އެވެ.
ސާކް ގައުމުތައް ފިޔަވައި އެހެން ސަރަހައްދުތަކުން ލަންކާ އަށް ދާ މީހުން ހަމައެކަނި ވިސާ ފީ އަށް 75 ޑޮލަރު މިހާރު ދައްކަން ޖެހެ އެވެ. މީގެ އިތުރުން އިތުރު ފީތަކާ އެކު ޖުމްލަ ދައްކަން ޖެހޭ އަދަދު 100 ޑޮލަރަށް އަރާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ.
ކޮމެންޓް (2)
ޙައީ
ލަންކާގަދިރިއުޅޭ ދިވެއްސެއް