ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ތަރައްގީޚުރި ނޭޕާލްގެ ޕޮކާރާ އިންޓަނޭޝަނަލް އެއާޕޯޓު. (ފޮޓޯ/ދަ ނިއު ޔޯކް ޓައިމްސް)

ޗައިނާ

ކައްދޫ އެއާޕޯޓު މަޝްރޫއު ހަވާާލުކުރި ޗައިނާ ކުންފުނީގެ މައްސަލައެއް ނޭޕާލުން ބަލަނީ

ލ. ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރަން ހަވާލުކުރި ޗައިނާ ސީއޭއެމްސީއީ ކުންފުނިން ނޭޕާލްގެ ޕޮކާރާގައި ބައިނަލްއަގްވާމީ އެއާޕޯޓުގެ ފެންވަރު ދަށް އަދި އަގު ބޮޑު

ޗައިނާގެ ސަރުކާރު ހިއްސާވާ ސީއޭއެމްސީއީ ކުންފުނިން ނޭޕާލްގައި ތަރައްގީކުރި އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއާ ގުޅޭ ބޮޑެތި މައްސަލަތަކެއް، ނޭޕާލްގެ އެންޓި ކޮރަޕްޝަން އެޖެންސީން ތަހުގީގުކުރަން ފަށައިފި އެވެ.

ގުޅުން ހުރި ކަމެއް - މި މައްސަލަ ފެންމަތިވެގެން އުޅޭ އިރު ސީއޭއެމްސީއީއަކީ ލ. ކައްދޫ އެއާޕޯޓު ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީ ކުރަން މި ސަރުކާރުން ދާދި ފަހުން ހަވާލުކުރި ކުންފުންޏެވެ.

ވީ ކިހިނެއް؟ - މި މައްސަލަ ފެންމަތިވީ ޗައިނާ ސީއޭއެމްސީ އިންޖިނިއަރިންއިން ހަރަދުކޮށްގެން ނޭޕާލްގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޕޮކާރާގައި ތަރައްގީކުރި 216 މިލިއަން ޑޮލަރުގެ އިންޓަނޭޝަނަލް އެއާޕޯޓާ ބެހޭ ގޮތުންނެވެ.

މިދިޔަ ޖެނުއަރީ މަހު ހުޅުވި އެ އެއާޕޯޓު އަޅަން ބޭނުންވާ ލޯނު ދިނުމަށް ޗައިނާއިން އެއްބަސްވީ މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ.

މައްސަލައިގެ ފެށުން – އެއާޕޯޓު ހުޅުވި ފަހުން ހަތަރު މަސް ވީއިރު ވެސް އެ އެއާޕޯޓަށް ގަވާއިދުން އިންޓަނޭޝަނަލް ދަތުރުތައް ނުކުރާ މައްސަލަ ބޮޑުވެ، ޗައިނާއަށް އަނބުރާ ލޯނު ދެއްކޭނެ ކަމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

އެއާ އެކު ނޭޕާލުން އެދުނީ އެ ލޯނު، އެހީއަކަށް ބަދަލުކޮށްދިނުމަށެވެ. ނަމަވެސް ޗައިނާއިން ވަނީ އެކަމާ ދެކޮޅުހަދައިފަ އެވެ.

ކަން މިހެން އޮއްވައި އެ މަޝްރޫއު އެކަށީގެންވާ ވަރަށް ވުރެ އަގުބޮޑުކޮށް އަދި ނޭޕާލަށް އެ އެއާޕޯޓުގެ ފެންވަރު ބެލުމުގެ ބާރު ހަނިކުރި ކަމަށް މިދިޔަ މަހު ނިއު ޔޯކް ޓައިމްސްއިން ވަނީ ރިޕޯޓުކޮށްފަ އެވެ. އެ ރިޕޯޓުގައި ބުނާ ގޮތުގައި ޗައިނާ ނުރުހުން ވެދާނެތީ ނޭޕާލްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކަމާ ދެކޮޅަށް މާ ބޮޑު މަސައްކަތެއް ވެސް ނުކުރެ އެވެ.

ނަމަވެސް އެ ރިޕޯޓާ ވިދިގެން ނޭޕާލްގެ 'ކޮމިޝަން ފޮ ދަ އިންވެސްޓިގޭޝަން އޮފް އެބިއުސް އެންޑް އޮތޯރިޓީ'އިން ވަނީ ޕޮކާރާގައި ހުންނަ ސިވިލް އޭވިއޭޝަން އޮތޯރިޓީ ބަލައިފާސްކޮށް، އެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތައް ހޯދާފަ އެވެ.

ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ތަރައްގީޚުރި ނޭޕާލްގެ ޕޮކާރާ އިންޓަނޭޝަނަލް އެއާޕޯޓު.

ތަފްސީލު – އެ އޮތޯރިޓީގެ ތަރުޖަމާނު، ބޭރުގެ ނޫސްތަކަށް އެކަން ކަށަވަރުކޮށްދިން ނަމަވެސް، ތަހުގީގާ ގުޅޭ އެއްވެސް ތަފްސީލެއް ހިއްސައެއްނުކުރެ އެވެ. ނޭޕާލްގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެ މަޝްރޫއުގެ ކޮންސްޓްރަކްޝަން ފެންވަރާ ބެހޭ ގޮތުން 20އަށް ވުރެ ގިނަ ޝަކުވާ އެ އޮތޯރިޓީއަށް ލިބުނެވެ.

ޕޮކާރާ އެއާޕޯޓުގެ ފެންވަރު ދަށްކަމަށް، އެއާޕޯޓުގައި މަސައްކަތްކުރި ބައެއް އިންޖިނިއަރުންނާ ހަވާލާދީ ތަހުގީގު ޓީމުގެ ބައެއް މެމްބަރުން ވަނީ ބުނެފަ އެވެ.

ޗައިނާގެ ބަސް – މި މައްސަލައިގައި ޗައިނާގެ ފޮރިން އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ އެއާޕޯޓާ ގުޅޭ ތަހުގީގެއް ފެށިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި އެ ގައުމުގެ ކުންފުނިތަކުން ހިންގާ މިފަދަ މަޝްރޫއުތައް، އެ ގައުމެއްގެ ގަވާއިދުތަކާ އެއްގޮތަށް ހިންގުމަށް ޝަރުތުކޮށްފައިވާނެ ކަމަށާއި މި މަޝްރޫއުގައި ސީއެމްއޭސީއިން ވެސް އެކަން ކަށަވަރު ކުރި ކަމަށް އެ ބަޔާނުގައިވެ އެވެ.

އޭޝިއާ ބައްރުގެ އެންމެ ފަގީރު އެއް ގައުމު ކަމަށްވާ ނޭޕާލުން ޕޯކާރާގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ 1970އިން ފެށިގެންނެވެ. އޭގެ މައިގަނޑު މަގްސަދަކީ އެ ސިޓީއަކީ ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުކޮށްލުމެވެ.

އެނގުން މުހިންމު - މިއީ ޗައިނާއިން އެކި ގައުމުތަކުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން އެންމެ ފަހުން ފެންމަތިވި މައްސަލަ އެވެ. އެގޮތުން އެކި ގައުމުތަކުގައި ޗައިނާއިން ހިންގާ މިފަދަ މަޝްރޫތަކުގެ ފެންވަރު ދަށްކަމާއި ފައިސާ ނުދެއްކި، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ބައެއް ގައުމުތަކަށް ވަނީ ކުރިމަތިވެފަ އެވެ.

އޭގެ އެއް މިސާލަކީ އަވައްޓެރި ސްރީ ލަންކާ އެވެ. ޗައިނާއިން ނެގި ލޯނުތަކަށް ފައިސާ ދެއްކޭނެ ގޮތެއް ނެތިގެން ލަންކާއަށް މަޖުބޫރުވީ ހަންބަންޓޯޓާ ބަނދަރު ދިގު މުއްދަތަކަށް ޗައިނާއަށް ދިނުމަށެވެ.

ޕާކިސްތާނަށް ބަލާއިރު އެ ގައުމުގެ ބޭރު ދަރަނީގެ ތެރެއިން %30އަކީ ޗައިނާއަށް ދައްކަން ޖެހޭ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރެވެ.

މެލޭޝިއާގައި ހިންގި 11 ބިލިއަން ޑޮލަރުގެ ރެއިލް ލިންކް މަޝްރޫއެއް ވެސް މެދުކެނޑުމަށް ފަހު އަލުން ފެށީ މަސައްކަތުގެ އަގު ކުޑަކުރަން ޗައިނާ ކޮންޓްރެކްޓަރު އެއްބަސްވުމުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޕޮކާރާ އެއާޕޯޓަކީ ޗައިނާއިން ސިފަކުރާ ގޮތުގައި އެ ގައުމުގެ 'ބެލްޓް އެންޑް ރޯޑް' އިނީޝިއޭޓިވްގެ ދަށުން ނޭޕާލްގައި ހިންގި އެންމެ ބޮޑު މަޝްރޫއެވެ. އޭގެ އިތުރަށް ބޯޑަރުން ބޭރަށް ޕަވާ ޓްރާންސްމިޝަން ލައިނެއް އެޅުމާއި ޗައިނާ އާއި ނޭޕާލް ގުޅުވައިދޭ ހައިވޭ ވެސް ހިމެނޭ ރެއިލްވޭ މަޝްރޫއަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާއިން ވަނީ ނިންމާފަ އެވެ.

ފަސްމަންޒަރު - އެހެން ގައުމުތަކުގެ އުމްރާނީ ތަރައްގީގައި ބައިވެރިވުން އިތުރު ކުރުމަށް 2013 ވަނަ އަހަރު ފެށި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން މިހާތަނަށް އެކި ގައުމުތަކަށް އެއް ޓްރިލިއަން ޑޮލަރުގެ ލޯނާއި އެހީ ދޫކޮށްފައިވާ ކަމަށް ބޭރުގެ ބައެއް ނޫސްތަކުން އަންދާޒާކޮށްފައިވެ އެވެ. އެ މަޝްރޫއުތަކުގެ މަގްސަދުތަކުގެ ތެރޭގައި ގައުމުތަކާ ދެމެދު ގުޅުން ބަދަހިކުރުމާއި ޗައިނާ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފައިދާ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހޯދައިދިނުން ހިމެނެ އެވެ.

ރާއްޖޭގައި ޗައިނާއިން ތަރައްގީކުރި ސިނަމާލެ ބުރިޖަކީ ވެސް ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ހިންގި މަޝްރޫއެކެވެ. އެ ބްރިޖު އަޅަން ޗައިނާ އިން ދިން 200 މިލިއަން ޑޮލަރުގެ %50 އަކީ ހިލޭ އެހީ އެވެ.

ސިނަމާލެ ބްރިޖު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޕްރޮޖެކްޓުގައި ބައިވެރިވެފައިވާ ގައުމުތަކުގެ އަދަދު 150 އަށް ވުރެ ގިނަ އެވެ. ޗައިނާއިން ލޯނު ނަގައިގެން އެ ގައުމުތަކުގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާއިރު، މިއީ ފަގީރު ގައުމުތަކަށް އޮތް ދަރަނީގެ ދަންތުރައެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.

ބީއާރުއައިގައި ބައިވެރިވާ ގައުމުތަކުން މިހާރު ވެސް ޗައިނާ އެގްޒިމް ބޭންކަށް 300 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހޭ ކަމަށް، ޗައިނާ ސަރުކާރުން މި މަހު ވަނީ ބުނެފަ އެވެ. ބައެއް ގައުމުތަކުން ނަގާފައި ހުރި ބޮޑެތި ލޯނުތަކަށް އަނބުރާ ފައިސާ ނުދެއްކިގެން ލޯނު ރީސްޓްރަކްޗާ ކޮށް، ބެއިލްއައުޓް ލޯނު ވެސް ނަގާފައި އެބަހުއްޓެވެ.

ކޮމެންޓް (1)

profile-image-placeholder

ޝަރފު

16 އޭޕްރީލު 2024
މި މައްސަލައިގެ އަސްލު އޮޅުވައި ނުލައްވާށެވެ. މި ދަންނަވާ އެއާރޕޯޓުގެ މަސައްކަތް ނިންމި ހިސާބުން އިންޑިއާއިން ފިޔަވަޅު އެޅިއެވެ. އެގޮތުން އެއީ ޗައިނާ ބިތަށްވެފައި، އެ ސަރަޙައްދަށް އެންމެގިނައިން ދަތުރުކުރަނީ ޗައިނާ މީހުންނެވެ. އެހެންކަމުން އެކަމަށް ސީދާ ހުރަސްއެޅުމަށްޓަކައި އިންޑިއާއިން އެގައުމުގެ ވައިގެ ސަރަޙައްދު ބަންދު ކުރީއެވެ. ނަތީޖާއަކީ ނޭޕާލަށް މިއީ ދަންތުރައަކަށް ވީއެވެ. އަސްލަކީ މިކަމަށް ސީދާގޮތުން ހުރަސްއެޅީ އިންޑިއާއިންނެވެ. ރަގަޅަށް ދިރާސާކޮށްލައްވާށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް