ސަން ސިޔާމް އިރުފުށި (ފޮޓޯ/ ޓްރިޕް އެޑްވައިޒާ)
ސަން އިން ހިލްޓަން އަށް ދައްކަން ޖެހޭ 31 މިލިއަން ޑޮލަރު ދައްކައިފި
ނ. މެދަފުށީގައި ސަން ޓްރެވަލްސް އިން ތަރައްގީކުރި އިރުފުށި ރިސޯޓު ހިންގުން ހިލްޓަންއާ އެކު ސަން އިން ވީ އެއްބަސްވުން އުވާލުމާ ގުޅިގެން، ހިލްޓަން އަށް ސަން އިން ދައްކަން ޖެހޭ 31 މިލިއަން ޑޮލަރު ދައްކައިފި އެވެ.
މައްސަލައިގެ ފެށުން - ނ. މެދުފުށީގައި ސަން ޓްރެވަލްސް އިން ތަރައްގީކުރި އިރުފުށި ރިސޯޓު މެނޭޖްކުރުމަށް ހިލްޓަންއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ 27 ފެބުރުއަރީ 2009ގަ އެވެ. އެކަމަކު ރިސޯޓް ހިންގުމުގައި ހިލްޓަނުން ތަކުރާރުކޮށް އެއްބަސްވުމާ ހިލާފުވަމުންދާ ކަމަށް ބުނެ އޭޕްރީލް 2013ގައި ސަން ޓްރެވަލްސް އިން އެ އެއްބަސްވުން ބާތިލުކުރުމުން އެ މައްސަލަ ކޯޓުތަކަށް ގެންދިޔަ އެވެ. އެގޮތުން:
-
މެއި 2013ގައި ހިލްޓަންގެ ފަރާތުން އިންޓަނޭޝަނަލް ޗެމްބާ އޮފް ކޮމާސްގެ، އިންޓަނޭޝަނަލް ކޯޓް އޮފް އާބިޓްރޭޝަނަށް އެ މައްސަލަ ހުށަހެޅި
-
ހިލްޓަނަށް 29.6 މިލިއަން ޑޮލަރު (454.4 މިލިއަން ރުފިޔާ)ގެ ބަދަލެއް ދޭން އާބިޓްރޭޝަނުން އެންގި
-
ހުކުމް ތަންފީޒުނުކުރުމުން، 2020ގައި ހިލްޓަން އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި
-
ތަންފީޒީ ފިޔަވަޅެއްގެ ގޮތުން ސަން ޓްރެވަލްސްގެ ބޭންކް އެކައުންޓްތައް ވެސް ފްރީޒްކުރި
ވީ ކިހިނެއް؟ - ސަން ޓްރެވަލްސް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ހިލްޓަން އަށް ދައްކަން ޖެހޭ ފައިސާ އާއި އިންޓްރެސްޓުގެ ގޮތުގައި އަރާފައިވާ ފައިސާއާ އެކު 31 މިލިއަން ޑޮލަރު ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ގާނޫނީ ވަކީލުންގެ ހަރަދާއި ގުޅުން ހުރި އެހެން ހަރަދުތަކަށް އެ ކުންފުނިން 5.6 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހުނު ކަމަށް ވެސް ސަން ޓްރެވަލްސް އިން ބުންޏެވެ.
ސަން ޓްރެވަލްސް އިން ނެރުނު ބަޔާނުގައި، ބުނެފައިވާ ގޮތުން އިރުފުށި ހުޅުވައި، އެ ކުންފުނިން އަމިއްލަ އަށް ރިސޯޓު ހިންގަމުން ދަނިކޮށް، ހިލްޓަން ބްރޭންޑުގެ ދަށުން އެތަން ހިންގަން ހުށަހެޅީ ހިލްޓަން އިންނެވެ. އެ ކުންފުނިން ހުށަހެޅި ޕްރޮޕޯސަލްތައް ތިން ފަހަރެއްގެ މަތިން ސަން އިން ބަލައިނުގަނެ ރިޖެކްޓު ކުރި ކަމަށާއި އެ ރިސޯޓުން ލިބޭނެ ފައިދާގެ އަދަދު ކަމަށް ބުނެ ހިލްޓަން އިން ހުށަހެޅި އަދަދުތައް އެއް މަހަށް ވުރެ ކުރު މުއްދަތެއްގެ ތެރޭ 3 ފަހަރެއްގެ މަތިން ބަދަލު ކުރި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މީގެ ބޭނުމަކީ ހިލްޓަންގެ މެނޭޖުމެންޓުގެ ދަށުން ރިސޯޓް ހިންގައިފި ނަމަ ބޮޑެތި އަދަދުތަކުން ފައިދާވާނެ ކަމަށް މަކަރާއި ހީލަތުން އޮޅުވާލައިގެން ސަން އަށް ދައްކުވައި، ސަން ލައްވާ މެނޭޖުމެންޓް އެގްރިމެންޓުގައި ސޮއިކުރުވުމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހިލްޓަން އިން ހުށަހަޅާފައިވާ އަދަދުތައް ހާސިލް ނުކުރެވިއްޖެ ނަމަ އެ ކުންފުނިން އަމިއްލަ އަށް އެގްރިމެންޓް ބަދަލު ކުރާނެ ކަމަށް ވެސް ބުނި ކަމަށާއި ސަން އިން މެނޭޖުމެންޓް އެގްރިމެންޓުގައި ސޮއިކުރީ، ހިލްޓަން އަކީ މަތީ ފަންތީގެ ރިސޯޓުތައް މެނޭޖުކުރާ ކުންފުންޏަކަށްވެފައި އެ ކުންފުނީގެ ޕްރޮޖެކްޝަންތަކަށް އިތުބާރުކޮށްގެން ކަމަށް ސަން އިން ބުންޏެވެ.
-
އެގްރިމެންޓުގައި ސޮއިކޮށް ހިލްޓަން ބްރޭންޑުގެ ދަށުން ރިސޯޓު ހިންގަން ފެށީ ޖުލައި2009 ގައި
-
އޭގެ ފަހުން 2010 ވަނަ އަހަރަށް ލަފާކޮށް ހިލްޓަން އިން ރިސޯޓަށް އާމްދަނީ ލިބޭނެކަމަށް ލަފާކޮށް ހުށަހެޅީ ކުރިން ލަފާކުރި އަދަދަށްވުރެ މާ ދަށްކޮށް
-
ރޫމް ރޭޓުތައް ހިލްޓަން އިން އޮތީ %50 އަށް ދަށްކޮށްފައި؛ ގްރޮސް އޮޕަރޭޓިން ޕްރޮފިޓް ވެސް އޮތީ އެވަރަށް ދަށްކޮށްފައި
ސަން އިން ބުނީ، ހިލްޓަން އިން ލަފާކުރި އަދަދުތަކާއި އަމިއްލަ އަށް އެ ކުންފުނިން ތައްޔާރުކުރި ބަޖެޓު ވެސް ހާސިލު ނުވުމުން، ސަން އާއި ހިލްޓަން އާ ދެމެދު ސޮއިކުރި މެނޭޖުމެންޓު އެގްރިމެންޓުގައި ސަން ލައްވާ ސޮއިކުރުވާފައި ވަނީ މަކަރާއި ހީލަތުން އޮޅުވާލުމުގެ ތެރެއިންކަން ޔަގީން ކުރެވުނު ކަމަށެވެ.
މެނޭޖުމެންޓު އެގްރިމެންޓުގެ ދަށުން އިރުފުށި ހިންގުން ހިލްޓަން އާ ހަވާލުކުރީ ހިންގުމުގެ ހުރިހާ ހަރަދެއް ސަން އިން ކުރާގޮތަށް ކަމަށާއި އެ ތަން ހިންގުމާ ހިލްޓަން އިން ހަވާލުވީ މާލީ އެއްވެސް ޒިންމާއެއް ނަގަން ނުޖެހޭގޮތަށް ކަމަށް ސަން އިން ބުންޏެވެ.
ސަންގެ ބަޔާނުގައި އިތުރަށް ބުނީ
-
ހިލްޓަން އިން ރިސޯޓު ހިންގި ތިން އަހަރު ހިންގަމުންދިޔައީ އިންތިހާއަށް ހަރަދުބޮޑުކޮށް
-
ސަން އަށް ގެއްލުންވާގޮތަށް އަގުބޮޑުކޮށް ރިސޯޓަށް ބޭނުންވާ ސާމާނު ހޯދާފައިވޭ
-
ހިލްޓަން އިން 'ސަންގެ ފައިސާ އިން ވައްކަން ކުރި' ކަމަށް ބުނެފައިވޭ
-
ކުރިން ފައިދާވަމުންފިޔަ ރިސޯޓުން ގެއްލުންވާން ފެށި
-
ރިސޯޓުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަން އެގްރިމެންޓުގެ ދަށުން ހިލްޓަން އާ މަތިކޮށްފައި އޮތް ނަމަވެސް އެ ކުންފުނިން އެގޮތަށް އަމަލު ނުކުރުމުން ރިސޯޓުގެ ވަސީލަތްތައް ދިޔައީ ހަލާކުވަމުން
-
އެކަންތައް ރަނގަޅު ކުރުމަށް ސަން އިން ކުރަންޖެހޭ ހަރަދުތައް ބޮޑުވާން ފެށި
އެ މުއްދަތުގައި ރިސޯޓާ ގުޅިގެން ދައުލަތަށާއި މާލީ އިދާރާތަކަށް ދައްކަން ޖެހޭ ފައިސާތައް ދައްކަމުން ދިޔައީ ސަންއާ ގުޅުން ހުރި އެހެން ކުންފުނިތަކުގެ އެހީގައިކަން ފާހަގަކޮށް ސަން އިން ބުނީ، ހިލްޓަން އިން ލިބޭނެ ކަމަށް ލަފާކުރި ވަރާ ގާތަށް ވެސް ފައިސާ ނުލިބޭތީ ލޯނުތައް ރީޝެޑިއުލް ކުރަން ޖެހުނު ކަމަށެވެ. އަދި އެކަމަށް ވެސް މާލީ ބުރަ އުފުލަން ޖެހުނު ކަމަށާއި އޭރުވެސް ހިލްޓަން އިން ދިޔައީ މެނޭޖުމެންޓު ފީ ނަގަމުން ކަމަށް ސަން އިން ބުންޏެވެ.
ސަން އިން ބުނީ ހިލްޓަން އާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް މަޖުބޫރުވީ މެނޭޖުމެންޓު އެއްބަސްވުމާ ހިލާފަށް ހިލްޓަން އިން އަމަލު ކުރާތީ އެކަން އެކުންފުނީގެ ސަމާލުކަމަށް ގެނައިނަމަވެސް އެކަން އިސްލާހުނުކުރުމުން ކަމަށެވެ.
"ހިލްޓަންގެ މަކަރާއި ހީލަތާއި އޮޅުވާލުމުގެ ސަބަބުން އޭރު ސަން އޮތީ އާންމު ބަހުރުވައިން ބުނާނަމަ ބޭންކްރަޕްޓު ވެފަ އެވެ." ސަން އިން ބުންޏެވެ.
ހިލްޓަންގެ އަތުން ރިސޯޓުގެ މެނޭޖުމެންޓު އަނބުރާ ނަގަން ނިންމީ ބޭންކްރަޕްޓުވަމުން ދިޔަ ކުންފުންޏެއް ސަލާމަތް ކުރަން ކަމަށާއި އެއީ ސަންގެ މަސްލަހަތު ރައްކާތެރިކޮށް ކުންފުނީގެ ތަސައްވަރު ދެމެހެއްޓުމަށް ކޮންމެހެން ކުރަން ޖެހުނު ކަމެއް ކަމަށް ވެސް ސަން ޓްރެވަލްސް އިން ބުންޏެވެ.
ސަން އިން ބުނީ އިރުފުށި ހިންގުމުގައި އިހުމާލުވުމުން އެ ކުންފުންޏަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަށްޓަކާ ސަން އިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގާނޫނީ ފަރުވާ ވެސް ހޯދަމުންދާ ކަމަށެވެ.
ކޮމެންޓް (1)
އަހްމަދު 3 އޭ ސްޓާރފް