ބީއެމްއެލްގެ އެޕްލިކޭޝަން ބޭނުންކޮށްގެން މުއާމަލާތް ކުރަނީ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

މިހާރު ބީއެމްއެލް ކަސްޓަމަރުންނަށް ޑިޖިޓަލް ވޮލެޓު މުއާމަލާތްތައް ކުރެވޭނެ

މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އެ ބޭންކުން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް، މުއާމަލާތްކުރެވޭ ގޮތަށް ހެދީ މިއަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރޭވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ބޭންކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އެ ބޭންކުން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް، މުއާމަލާތްކުރެވޭ ގޮތް މިއަދު ހަމަޖައްސާފައިވާ ކަމަށެވެ.

ތަފްސީލް - މި ބަދަލާ އެކު ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑު ވެސް ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

މިބަދަލާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާލް ސްޓުމްކަ އާ ހަވާލީދީ ބޭންކުން ބުނީ މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް ބަރޯސާވާންޖެހޭތީ، އެފާރަތްތަކަށް ފަސޭހައަކަށް ގެނައި ބަދަލެއް ކަމަށެވެ.

"މިއީ ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއްވެސްމެ،" އޭނާއާ ހަވާލާދީ ބޭންކުން ބުންޏެވެ.

ފާހަގަކުރެވޭ - ރާއްޖޭން ބޭރުގެ އޮންލައިން ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ، ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ބީއެމްއެލް އިން ހުއްޓާލީ 2020 ވަނަ އަހަރު އެވެ.

އެނގުން މުހިއްމު - ޑިޖިޓަލް ވޮލެޓް ތައާރަފުކޮށް ފަންނާނުންނަށް އެމީހުންގެ ހުނަރު ރާއްޖެއިން ބޭރަށް ވިއްކައި އެއިން އާމްދަނީ ހޯދޭނެ ގޮތް ތަނަވަސްކޮށްދިނުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް