އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

އެމްއެމްއޭ

އާމްދަނީއަށް ވުރެ އިތުރަށް މަހަކު 50 މިލިއަން ޑޮލަރު ބޭނުންވާނެ

އެމްއެމްއޭގެ ޓާގެޓަކީ އަހަރު ނިމޭއިރު ގްރޮސް ރިޒާވުގައި 600 މިލިއަން ޑޮލަރު ބެހެއްޓުން

ބޭރު ފައިސާ އިން ކުރަން ޖެހޭ މުއާމަލާތްތަކަށް ކުރިއަށް އޮތް ތަނުގައި ގޮންޖެހުންތައް ހުންނާނެ ކަމަށާއި ބޭރު ފައިސާ އިން ކުރަން ޖެހޭ ހަރަދުތަކަށް މަހަކު 50 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ލަފާކުރެވޭ ކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އިމާދު ވިދާޅުވީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ދަމަހައްޓަން އެމްއެމްއޭއިން ގެންގުޅޭ އުސޫލުތަކާ އެކު މިދިޔަ ފެބްރުއަރީ މަސް ނިމުނު އިރު ގްރޮސް ރިޒާވުހުރީ 588.8 މިލިއަން ޑޮލަރުގައި ކަމަށެވެ.

ތަފްސީލް - އޭނާ ވިދާޅުވި ގޮތުގައި މި މަސް ނިމޭއިރު ވެސް ގްރޮސް ރިޒާވު އެ މިންވަރަށް ހިފެހެއްޓޭނެ ކަމަށް ލަފާކުރެވެ އެވެ.

"އެ އަދަދުގައި މާޗު ނިމޭއިރު ވެސް ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ. ޖުމްލަކޮށް އެމްއެމްއޭގެ އިންޓަވެންޝަންތައް ރާވަނީ ދައުލަތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އާއި ހަރަދުތަކަށް ބިނާކޮށް،" އިމާދު ވިދާޅުވި އެވެ.

އެމްއެމްއޭގެ ޓާގެޓަކީ އަހަރު ނިމޭއިރު ގްރޮސް ރިޒާވުގައި 600 މިލިއަން ޑޮލަރު ބެހެއްޓުމެވެ.

ފާއިތުވި ދެ މަހު ވެސް އެމްއެމްއޭގެ ޓާގެޓުތަކުގައި ގްރޮސް ރިޒާވު ހިފެހެއްޓުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި އެގޮތަށް ކުރިއަށް ގެންދަން ފައިސާ ބޭނުންވާނެކަމަށް އިމާދު ވިދާޅުވި އެވެ.

"ޖެނުއަރީ މަހު އަދި ފެބްރުއަރީގައި ވެސް ޓާގެޓުތަކުގައި ހިފެހެއްޓިފައި [ހުރީ]. އެކަމަކު މުޅި އަހަރަށް ބަލާއިރު 550 މިލިއަން ޑޮލަރު ބޭނުންވޭ މި އިންޓަވެންޝަންތައް މި ގޮތަށް ކުރިއަށް ގެންދަން،" ޑެޕިޔުޓީ ގަވަރުނަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަހުން މަހަށް ބަލާއިރު، ބޭރު ފައިސާ އިން ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް އެކި ގޮތްގޮތުން 50 މިލިއަން ޑޮލަރު މަހަކު ހޯދަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިއީ ހުރި ވަރަށް ބޮޑު ގޮންޖެހުންތަކެއް ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަޅުގަނޑުމެންގެ ހަރަދުތައް، ބޭރު ފައިސާއިން ކުރަން ޖެހޭ ހަރަދުތައް ކުރިއަށް ގެންދަން ބޮޑެތި ގޮންޖެހުންތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް