ރާއްޖެ-ތުރުކީ ވިޔަފާރީގެ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން. (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

ރާއްޖެ-ތުރުކީ

ރާއްޖެ-ތުރުކީ މިނިވަން ވިޔަފާރީގެ އެއްބަސްވުން ހެދުމުގެ މަސައްކަތް ފަށައިފި

މިއީ ދެ ގައުމުން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް

ރާއްޖެ އާއި ތުރުކީއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ވީ ކިހިނެއް؟ - މިކަމާ ގުޅޭ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން މިއަދު އިކޮނޮމިކް މިނިސްޓްރީގައި ވަނީ ބާއްވާފަ އެވެ.

ތަފްސީލު - އެކަމާ ގުޅޭގޮތުން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އެގޮތުން މިހާރު ކުރިއަށްދަނީ ދެ ގައުމުން އެކަށައަޅާ ހާއްސަ ބައެއް މުދާ އެކުލެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް،" އެ ޕޯސްޓުގައި މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެނގުން މުހިންމު - ރައީސް މުއިއްޒު ނޮވެމްބަރު 2023ގައި ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފަ އެވެ.

އެ ދަތުރުފުޅަށް ފަހު ތުރުކީއިން ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރުމާއި ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުން ފަދަ އެކި ނިންމުންތައް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް