އިންޑިއާގެ ހިލޭ އެހީ ހިމެނޭ ގޮތުން ކުރިއަށް ގެންދާ ތިލަ-މާލެ ބްރިޖް މަޝްރޫއު ކުރިއަށް ދަނީ: މިއަހަރުގެ މިހާތަނަށް ލިބުނު ހިލޭ އެހީގެ މިންވަރު ވަނީ އިތުރުވެފައި (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)

ބަޖެޓް 2024

ހިލޭ އެހީ ލިބޭ ވަރު އިތުރުވެއްޖެ؛ ދެ މަހުން 26 މިލިއަން

މިއަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށް ލަފާކުރާއިރު މިއަހަރު ކުރިއަށް މި އޮތް ދުވަސްތަކުގައި 1.2 ބިލިއަން ރުފިޔާގެ ހިލޭ އެހީ ހޯދަން ޖެހޭ

މިދިޔަ މަސް ނިމުނުއިރު ހިލޭ އެހީ ލިބިފައިވާ މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 26.3 މިލިއަން ރުފިޔާ އެވެ. 

  • މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 11.3 މިލިއަން ރުފިޔާ 

  • އެހެންކަމުން މިއަހަރު ލިބުނު މިންވަރަކީ 15 މިލިއަން ރުފިޔާ އިތުރު އަދަދެއް؛ އެއީ %132 އިތުރު އަދަދެއް 

ތަފްސީލް - ރައްޔިތުން މަޖިލީހުން މިއަހަރަށް ފާސްކޮށްދިން ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުގައި މިއަހަރު ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނީ 1.3 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން:

  • ހިލޭ އެހީގެ ގޮތުގައި އަދި ލިބިފައި ވަނީ މިއަހަރު ލިބޭނޭ ކަމަށް ލަފާކުރާ އަދަދުގެ %2

  • އިތުރަށް އަދި 1.2 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ބަޖެޓަށް ހޯދަން ޖެހޭ 

ފާހަގަކޮށްލެވޭ - ހިލޭ އެހީގެ ގޮތުގައި ބަޖެޓް ކުރާ އަދަދު ކޮންމެ އަހަރަކު ވެސް ނުލިބޭ މައްސަލަ އަބަދުވެސް ކުރިމަތިވެ އެވެ. އެގޮތުން މިދިޔަ އަހަރު ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށް ބަޖެޓުގައި ޖެހި ނަމަވެސް އަހަރު ނިމުނު އިރު ލިބުނީ 162.7 މިލިއަން ރުފިޔާ އެވެ.

އެނގުން މުހިންމު - މިއަހަރަށް މަޖިލީހުން ފާސްކޮށްދީފައި ވަނީ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ހިލޭ އެހީ ހިމެނޭ ގޮތުން އާމްދަނީގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކޮށްފައި ވަނީ 33.5 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 14.1 ބިލިއަން ރުފިޔާއިން ޑެފިސިޓް ނުވަތަ ދަރަނިވާނެ ބަޖެޓެކެވެ. 

ކޮމެންޓް (1)

ހިތަދޫ 2

17 މާރިޗު 2024
އެއީ ޓެކްޓިކް އެއް ފަހުން ފައިނޭންސިން ހޯދަން، އިނގޭ ނުލިބޭނެ ކަން، އެކަމަކު ބަޖެޓް ކުރި އެއްޗަކަށް ވީމަ ކޮންމެހެން ހޯދަން ޖެހޭ ކަމަށް ބުނެ އެންމެ ފަހު ވަގުތު ސެކިއުރިޓީ ވިއްކާނީ ނޫނީ ރަށެއް ވިއްކާލާނެ. އަސްލު ހުށާޅާ ބަޖެޓް ގެ ދެފިސިޓް އޮޅުވާލަން ކުރާކަމެއް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް