ބަޖެޓް ފޮތުގައި ހުރި ހިސާބުތަކެއް މަޖިލީހުގެ މެންބަރަކު ބައްލަވަނީ (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

ސަރުކާރުން ހަރަދު ކުޑަކޮށްފި؛ މިހެދީ ކިހިނެއް؟

ސަރުކާރުގެ ހަރަދުތައް އެންމެ ބޮޑަށް ކުޑަކޮށްފައި ވަނީ ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކުން؛ މަޝްރޫއުތަކަށް ކުރާ ހަރަދު 2.3 ބިލިއަން ރުފިޔާއިން 836.9 މިލިއަނަށް ވަނީ ކުޑަކޮށްފައި
15 މާރިޗު 2024

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ސަރުކާރުގެ ހަރަދާއި އާމްދަނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 29އާ ހަމައަށް ސަރުކާރުން ކުރި ހަރަދުތައް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.7 ބިލިއަން ރުފިޔާ ކުޑަކޮށްފަ އެވެ. 

މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަރުކާރުން 8.8 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މި އަހަރު ހަރަދުކޮށްފައި ވަނީ 7.1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިދިޔަ މަސް ތެރޭ ސަރުކާރުން ހަރަދުކޮށްފައި ވަނީ ލިބުނު އާމްދަނީއަށް ވުރެ 15.7 މިލިއަން ރުފިޔާ މަދުކޮށް ނުވަތަ ސާޕްލަސްއެއްގަ އެވެ. ކުރީ އަހަރު ހަރަދުތައެް ހުރީ އާމްދަނީއަށް ވުރެ 1.6 ބިލިއަން ރުފިޔާ ބޮޑުކޮށް ނުވަތަ ޑެފިސިޓެއްގަ އެވެ. 

ސަރުކާރުގެ ހަރަދުތައް މިހާ ބޮޑަށް ކުޑަވެފައި މި ވަނީ ކީއްވެ ހެއްޔެވެ؟

މުސާރައަށް ކުރާ ހަރަދު ވީ އިތުރު

ސަރުކާރުގެ ހަރަދުތައް ކުޑަކުރި ނަމަވެސް މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް ކުރާ ހަރަދުތައް ކުޑަވެފައި ނުވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެ ހިސާބުތަކުން ހާމަވާ ގޮތުގައި މުސާރަތަކަށް ކުރާ ހަރަދަށް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 270 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެގޮތުން: 

  • މިއަހަރު މުސާރަތަކަށް 2.2 ބިލިއަން ރުފިޔާ ހަރަދުކުރި؛ މިދިޔަ އަހަރު ހަރަދު ކުރީ 1.9 ބިލިއަން ރުފިޔާ 

  • އިދާރީ ހަރަދުތަކުން 500 މިލިއަން ރުފިޔާ ކުޑަކޮށްފައި؛ މިއަހަރު 3 ބިލިއަން ހަރަދުކުރި އިރު މިދިޔަ އަހަރު 3.5 ބިލިއަން ހަރަދުކުރި

  • ބަދަލުގެ ގޮތުގައި މިދިޔަ އަހަރު 96.7 މިލިއަން ރުފިޔާ ދޫކުރިއިރު މިއަހަރު ދޫކުރީ 81.6 މިލިއަން 

މީގެ އިތުރަށް ޖުމްލަކޮށް ސަރުކާރުގެ ރިކަރަންޓް ހަރަދު ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރު 8.3 ބިލިއަން ރުފިޔާ ހަރަދުކުރި އިރު މިއަހަރު ފެބުރުއަރީގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 6.5 ބިލިއަން ރުފިޔާ އެވެ. މިއީ 1.8 ބިލިއަން ރުފިޔާގެ ކުޑަވުމެކެވެ. 

ހަރަދުކުޑަވުމުގެ އަސްލު: މަޝްރޫއުތައް މަޑުޖައްސާލުން

ފިނޭންސުގެ ތަފާސްހިސާބުތަކަށް ބެލުމުން އެނގޭ ގޮތުގައި ސަރުކާރުގެ ހަރަދުތައް އެންމެ ބޮޑަށް ކުޑަކޮށްފައި ވަނީ ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދު ކުޑަކޮށްގެންނެވެ. އެގޮތުން މިދިޔަ އަހަރު ފެބުރުއަރީ 28ގެ ނިޔަލަށް ތަރައްގީގެ މަޝްރޫއުތަކަށް 2.3 ބިލިއަން ރުފިޔާ ހަރަދުކުރި އިރު މިއަހަރުގެ އެ މުއްދަތުގައި ހަރަދުކޮށްފައި ވަނީ 836.9 މިލިއަން ރުފިޔާ އެވެ. އެއީ، 1.5 ބިލިއަން ރުފިޔާގެ ހަރަދު ކުޑަކުރުމެކެވެ. 

ސަރުކާރުން ހަރަދުކުޑަކުރި ބައިތަކުގެ ތެރެއިން ކެޕިޓަލް ހަރަދުތައް ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. އެގޮތުން 2.7 ބިލިއަން ރުފިޔާއިން 1.2 ބިލިއަން ރުފިޔާއަށް ކެޕިޓަލް ހަރަދުތައް ވަނީ ކުޑަކޮށްފަ އެވެ. އެއީ، 1.5 ބިލިއަން ރުފިޔާގެ ހަރަދުކުޑަކުރުމެކެވެ. 

އާމްދަނީން ރިކަރަންޓް ހަރަދު ހަމަޖެއްސޭ

ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭ ވީ އެއް ވައުދަކީ ލިބޭ އާމްދަނީއަކުން ރިކަރަންޓް ހަރަދު ހަމަޖެއްސުމެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކަނީ އެ ޓަގެޓަށް ވާސިލްވެވޭ ކަމަށެވެ. 

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފެބުރުއަރީ 29 ވަނަ ދުވަހާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 6.5 ބިިލިއަން ރުފިޔާ އެވެ. ތަފާސްހިސާބުތަކުން ދައްކަނީ ރިކަރަންޓް ހަރަދުގެ ގޮތުގައި ހިނގާފައި ވަނީ 5.4 ބިލިއަން ރުފިޔާ ކަމަށެވެ. 

މި ސަރުކާރުން ވަނީ މި ޖެނުއަރީ މަހުން ފެށިގެން ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯކުރުން ނުވަތަ ފައިސާ ޗާޕްކުރުން ނިމުމަކަށް ގެނެސްފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް