ފިހާރައެއްގައި ވިއްކަން ހުރި ގަނޑުކުރި ކުކުޅުގެ ބާވަތްތަކާއި ސޮސެޖު (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒު)
ބާޒާރުން ބޯންލެސް ޗިކެން އާއި ސޮސެޖު ލިބުން ދަތިވެއްޖެ
ރޯދަ މަސް ފެށި ހަފްތާއެއް ވީއިރު ރާއްޖޭގެ މާކެޓުން ސޮސެޖާއި ބޯންލެސް ޗިކެން ލިބުން ދަތިވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރޯދަ މަސް ފެށުމުގެ ކުރިން ވެސް މާކެޓުން ސޮސެޖު ލިބުން ވަނި ދަތިވެފަ އެވެ. މިހާރު ބޯންލެސް ޗިކެން ލިބުން ވެސް ދަތިވެފައިވާ ކަމަށް ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އެތެރެކޮށް ވިއްކާ ކުންފުންޏެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ތަފްސީލް - ބައެއް ފިހާރަތަކުން ކޮންމެވެސް ވަރަކަށް ބޯންލެސް ޗިކެން ލިބެން ހުރި ނަމަވެސް، އަގު ވަނީ އުފުލިފަ އެވެ.
ނަން ހާމަ ނުކުރާގޮތަށް ވާހަކަ ދެއްކި، ރާއްޖެ އަށް ފުޅާ ދާއިރާއެއްގައި ކާބޯތަކެތި އެތެރެކޮށް ވިއްކާ ކުންފުންޏެއްގެ އޮފިޝަލަކު ފާހަގަ ކުރި ގޮތުގައި މި އަހަރުގެ ރޯދަ މަހަކީ މިފަހުން އައި އެންމެ އުނދަގޫ ރޯދަ މަހެވެ.
ރާއްޖެ އަށް އާންމުކޮށް ކާބޯތަކެތި އެތެރެކުރާ ކުންފުނިތަކުން މާކެޓަށް ބޭނުންވާ ވަރަށް މުދާ އެތެރެކުރުމުގައި ދަތިތައް އެބަހުރި ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"ބޯންލެސް ޗިކެންގެ ޝޯޓޭޖު އެބަ އުޅޭ. އެއީ އާންމުކޮށް މި ފްރޯޒެން ފުޑްސް ގެންނަ ކުންފުނިތަކުން ގެންނަ ޝިޕްމެންޓު ނުލިބޭތީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި މާކެޓުގައި ސޮސެޖާއި ކުކުޅަށް އޮތް ޑިމާންޑާ އެއްވަރަށް އެ ތަކެތި އެތެރެއެއް ނުކުރެވެ އެވެ.
"ދެންް ސްޓޮކު ހުންނަ މީހުންގެ އަތުން ނަގާފައި މި ވިއްކަނީ އަގުބޮޑުކޮށް. އަގުބޮޑަސް ކަސްޓަމަރުން ގަންނާނެތާ ބޭނުންވަންޏާ. އަނެއްކާ އެއާ ފްރެއިޓުކޮށް މި އެއްޗެހި ގެންނަ އިރު އަގުބޮޑުކޮށް ގެންނަނީ."
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުކުޅާއި ގަނޑުކުރި ސާމާނު ހޯލްސޭލުކޮށް ވިއްކާ ކުކުޅު ފިހާރާގައި ބޯންލެސް ޗިކެން އެބަހުރި ކަމަށް އެ ފިހާރައިން ބުންޏެވެ.
ނަމަވެސް އާންމުކޮށް މީހުން ގަނޑުކުރި ކާބޯތަކެތި ގަންނަ ބައެއް ފިހާރަތަކުން ބޯންލެސް ޗިކެން ހުރީ ހުސްވެފަ އެވެ. ފިހާރަތަކަށް ގޮސް ބެލިއިރު ވެސް އާންމުކޮށް ކުކުޅު ވިއްކާ ފިހާރަތަކުން ބުނީ ބޯންލެސް ޗިކެން ހުސްވެފައިވާ ކަމަށެވެ. ނަމަވެސް ހޯލް ޗިކެން ކޮންމެވެސް ވަރަކަށް ލިބެން އެބަހުއްޓެވެ.