މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު

މިފްކޯ

މިފްކޯގައި މައްސަލަ ފުންޏެއް، ރަނގަޅު ކުރަން އަންގައިފި

މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހުގެ އާއިލާ އާއި ގާތް މީހުންނަށް ވަޒީފާ ދިނުމުން ފެށިގެން ގިނަ ޝަކުވާތަކެއް ވަނީ ހުށައަޅާފައި

ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ހިންގުމުގައި ކަންބޮޑުވުންތަކެއް ހުރިކަމުގެ ޝަކުވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް (ޕީސީބީ) ލިބުމާ ގުޅިގެން އެ ކަންކަން އިސްލާހުކުރަން އެ ކުންފުންޏަށް އަންގައިފި އެވެ.

ވީ ކިހިނެއް؟ - މިފްކޯގެ ވަސީލަތްތައް ކުންފުނީގެ ސީއީއޯ އަހުމަދު ޝަމާހު އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި ކުންފުނީގައި ހަދާފައި ހުރި ޕޮލިސީތަކާ ހިލާފަށް އަމަލުކުރާ ކަމަށް ބުނެ، ޕީސީބީގެ ވިސްލްބްލޯވާ ޕޯޓަލްއަށް ލިބުނު ޝަކުވާތަކަކާ ގުޅިގެން އެ އިދާރާ އިން ވަނީ ޝަމާހަށް ސިޓީއެއް ފޮނުވައިފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ސިޓީއަކީ ސައްހަ އެއްޗެއްކަން ޕީސީބީގެ އޮފިޝަލަކު ވަނީ 'ދައުރު' އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ތަފްސީލް - ޕީސީބީގެ ރައީސް ހަމްދީ އަގީލް ސޮއިކުރައްވާ ޝަމާހަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުން މިފްކޯގެ ވަސީލަތްތަކާއި މުދާ އަމިއްލަ ބޭނުމަށާއި ސިޔާސީ ބޭނުންތަކަށް ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކުރާކަމުގެ ޝަކުވާ ލިބިފައިވެ އެވެ.

މިފްކޯގެ ބޯޓަކަށް މަސް ކިރަނީ: ކުންފުނި ހާލުގައި އޮތަސް ސީއީއޯ ޝަމާހު ބިޒްނަސް ކްލާހުގައި ބޭރަށް ދަތުރުކުރައްވާ ކަމަށް ޝަކުވާ ހުށައެޅި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މީގެ އިތުރުން މިފްކޯގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމާއި ވަޒީފާގެ ބިރުދައްކާ، ވަޒީފާގެ ގާނޫނާ ހިލާފަށް ސަބަބެއް ނެތި ދާއިމީ މުވައްޒަފުންގެ މަގާމު ދަށްކޮށް މުސާރަ ކުޑަކުރުމުގެ އަމަލުތަކުގެ ޝަކުވާ ވެސް ލިބިފައިވާކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި:

  • ކުންފުންޏަށް މުވައްޒަފުން ނެގުމުގެ އުސޫލުތަކާ ހިލާފަށް މުވައްޒަފުން ނަގާ

  • ސީއީއޯގެ އާއިލީ މީހުންނަށާއި ރައްޓެހިންނަށް ބަޖެޓު ހަމަނުޖެހެނީސް ވަޒީފާ ހަމަޖައްސާފައިވޭ

  • އާންމުކޮށް އިއުލާންކުރުމަކާ ނުލާ ބެސްޓް ޕްރެކްޓިސް އާއި ގަވަނަންސް ކޯޑާ ހިލާފަށް ހެޑް ހަންޓު ކުރުމުގެ ނަމުގައި، ޝަރުތުތަކަށް ނުބަލާ އާއިލާ މީހުންނާއި ރައްޓެހިންނަށް ވަޒީފާ ދީ، އިޖުރާއަތްތައް ފުރިހަމަނުކޮށް ވަޒީފާއަށް ނެރޭކަމުގެ ޝަކުވާ ލިބިފައިވޭ

  • ޕީސީބީގެ ހުއްދަ ނުހޯދާ، މިފްކޯގައި ނެތް މަގާމުތައް އުފައްދާ މުވައްޒަފުން ވައްދާ

  • އުސޫލުތަކާ ހިލާފަށް އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ނެތް މީހުން މިފްކޯގެ ޑިޕާޓުމެންޓުތަކުގެ ވެރިންނަށް ހަމަޖައްސާ

  • ރަސްމީ ދަތުރުތަކުގައި ސީއީއޯ ވަޑައިގަންނަވާއިރު ކުންފުނީގެ ޑެލިގޭޝަން މެޓްރިކްސްއާ ހިލާފަށް ކަމާ ނުބެހޭ މީހުންނާ ކުންފުނި ހިންގުން ހަވާލުކުރުން

  • ކަމާ ނުބެހޭ މީހުން ދަތުރުތަކުގައި ބައިވެރިކުރުން

  • ކުންފުނީގެ ބިޑް ކޮމެޓީ ބަދަލުކޮށް އުސޫލާ ހިލާފަށް ސީއީއޯގެ ގާތް މީހުން ކޮމެޓީގައި ހިމެނުން

  • މިފްކޯގެ މުވައްޒަފުން ނޫން މީހުން ކުންފުނީގެ ސެކިޔުރިޓީ ޕްރޮސީޖާއާ ހިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ ނުކުތުމުގެ ފުރުސަތުދީ ކުންފުނީގެ ވަސީލަތްތަކަށް އެފަދަ މީހުންނަށް އެކްސެސް ދިނުން

މީގެ އިތުރުން ރަސްމީ ބޭނުންް ނޫން ގޮތަށް ސީއީއޯގެ އާއިލީ މީހުން އޮފީހަށް ގެނައުމުގެ ޝަކުވާ ވެސް ޕީސީބީއަށް ލިބިފައިވާކަން ސިޓީގައި ފާހަގަކުރި އެވެ.

މިފްކޯގެ މާލީ ހާލަތަށް ނުބަލާ ކުންފުނީގެ ސީއީއޯގެ ރަސްމީ ދަތުރުތައް ބިޒްނަސް ކްލާހުގައި ކުރައްވާކަމުގެ ޝަކުވާ ވެސް ޕީސީބީއަށް ވަނީ ލިބިފަ އެވެ. އެ ދަތުރުތަކުގައި ކަމާ ނުބެހޭ މުވައްޒަފުން ބޭނުންކުރާ ކަމުގެ ޝަކުވާ ވެސް ހުށަހަޅާފައިވެ އެވެ.

މިފްކޯގެ އިންޓާނަލް އޮޑިޓް ޑިޕާޓުމެންޓު އުވާލާނެ ކަމުގެ ބިރު ދައްކާ، މިނިވަންކަމާ އެކު އޮޑިޓް މަސައްކަތް ކުރިއަށް ގެންދަން ކުންފުނީގެ ސީއީއޯ ހުރަސް އަޅުއްވާ ކަމުގެ ޝަކުވާ ވެސް ޕީސީބީއަށް ލިބިފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

މިއީ ކޯޕަރޭޓް ގަވަނަންސް ކޯޑާއި ޕީސީބީގެ ގަވައިދުތަކާ ހިލާފު ކަންތައްތަކެއް ކަމަށް ޕީސީބީ އިން ޝަމާހުއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އެ މައްސަލަތަކާ މެދު ޕީސީބީގެ ބޯޑުން ކަންބޮޑުވާކަން ފާހަގަކޮށް، އެއީ ހިނގާ ކަންތައްތަކެއް ނަމަ ވަގުތުން ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ.

ކޮމެންޓް (3)

ކަޑަ

8 މާރިޗު 2024
ކިހާ ފެންވަރެއްގެ މީހެއްތޯ ނުބަލާ މިހާއަށް ވުރެ ބޮޑު މަޤާމެއް ދިނީމަ ވާނެ ގޮތް މި ފެންނަނީ.
4 0

ފާއިގު

8 މާރިޗު 2024
ހަމަ މިކަންކަން ދައުލަތުގެ އެހެންކުންފުނި ތަކުގައިއެބަ ހިނގާ. ޚާއްސަކޮށް ވަކިޚާއްސަ ދާއިރާއަކުން ކުރިޔަށްދާން ބޭނުންވެގެން ވަޒީފާއަށް އެޕްލައިކުރީމަ އުސޫލުންބޭރުން މުވައްޒަފުންނަށް ބިރުދައްކައި ޑިޕާޓްމަންޓް ބަދަލުކުރޭ. ކަމާގުޅުންހުރި އިދާރާތަކުން މިކަންކަން ބަލަންޖެހޭ
1 0

މިފްކޯ މުވައްޒަފެއް

8 މާރިޗު 2024
މިއީ ހަމަ މިފްކޯގައި ހިނގަމުން އަންނަ ކަންތައްތައް. މި ކަންތައްތައް ހުއްޓުވަން ޖެހޭ! ކުންފުނި ހިންގުމުގެ ބަދަލުގައި ދަތުރު ކުރުމާއި މީހުންނަށް އަނިޔާ ދިނުމުގައި އަވަދިނެތި.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް