ވީއައިއޭގެ އާ ޓީމިނަލް ހުޅުވުމާ ގުޅޭ ގޮތުން އެއާޕޯޓުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި އިދާރާތަކާ އެކު އެ ކުންފުނީގެ އެމްޑީ އާއި އިސްވެރިން މިއަދު މަޝްވަރާ ކުރައްވަނީ (ފޮޓޯ/އެމްއޭސީއެލް)

ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން ވިޔަފާރިވެރިން ހިމެނޭ ކޮމިޓީތަކެއް އެކުލަވާލަނީ

އާ ޓާމިނަލް ބޭނުންކުރަން ފެށުން ވީހާ ވެސް އޮމާންކޮށް ގެންދިއުމަކީ އަމާޒެއް ކަމަށް އެމްއޭސީއެލްގެ އެމްޑީ ޝަރީފް ވިދާޅުވި
3 މާރިޗު 2024

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް މިހާރު ނިމުމަކާ ކައިރިވަމުން އަންނާތީ އެ ޓާމިނަލް އަވަހަށް ހުޅުވުމަށް ކަމާބެހޭ ފަރާތްތަކާ އެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މަޝްވަރާ ބައްދަލުވުންތައް ފަށައިފި އެވެ.

ވީ ކިހިނެއް؟ - އާ ޓާމިނަލްގެ އޮޕަރޭޝަންތައް ފެށުމާ ގުޅޭ ބައްދަލުވުން ބާއްވާފައި ވަނީ ވީއައިއޭގައި ހުންނަ ހުޅުލެ އައިލަންޑް ހޮޓަލުގަ އެވެ. ވީއައިއޭގައި އެކި ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތައް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެފަ އެވެ. އެގޮތުން ބައިވެރިވި ފަރާތްތަކަކީ: 

  • ސިވިލް އޭވިއޭޝަންސް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް އަލީ ޖަލީލް

  • އިމިގްރޭޝަންގެ އޮފިސަރުން 

  • ކަސްޓަމްސް އޮފިސަރުން 

  • އެއާލައިންތައް އޮޕަރޭޓްކުރާ ފަރާތްތައް 

  • އެއާޕޯޓުގައި ހިދުމަތް ދޭ ރިޒޯޓްތައް

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމުގެ މަޝްވަރާތަކުގައި ވިޔަފާރިވެރިއަކު މިއަދު ހިޔާލުފާޅު ކުރައްވަނީ (ފޮޓޯ/އެމްއޭސީއެލް)

ތަފްސީލް - މިއަދުގެ މަޝްވަރާ ބައްދަލުވުން ފައްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން، އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ:

  • އާ ޓާމިނަލަށް އޮޕަރޭޝަންތައް ބަދަލުކުރުމަކީ ވަރަށް ފުރިހަމަކޮށް ކުރަންޖެހޭ މަސައްކަތެއް 

  • އާ ޓާމިނަލް ބޭނުންކުރަން ފެށުން ވީހާ ވެސް އޮމާންކޮށް ގެންދިއުމަށްޓަކައި އެއާޕޯޓުގައި ހިދުމަތްތައް ދޭ ފަރާތްތަކުގެ އެއްބާރުލުން މުހިއްމުވާނެކަން ޝަރީފް ފާހަގަކުރެއްވި

"އާ ޓާމިނަލްގެ އޮޕަރޭޝަންސް ފެށުމުގެ ގޮތުން އެއާޕޯޓުގައި ހިދުމަތްދޭ ފަރާތްތައް ހިމެނޭ ހާއްސަ ކޮމިޓީތައް އުފެދިގެންދާނެ. އަދި މި ކޮމިޓީތަކުގެ މަޝްވަރާތަކުން އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ މަގުފަހިވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ. 

އެއާޕޯޓްގެ އާ ޓާމިނަލް:

  • ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި 2016ގައި

  • 350 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ހަރަދު ކުރާނެ

  • 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރުގެ ޓާމިނަލެއް

  • 40 ޑިޕާޗާ ގޭޓާއި 38 އިމިގްރޭޝަން ކައުންޓަރު

  • ފްލައިޓަށް އަރަން އެއިރޯ ބްރިޖުތައް ގާއިމް ކުރާނެ

އެނގުން މުހިންމު - ވީއައިއޭގެ އާ ޓާމިނަލަކީ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ހިންގަމުންދާ މަޝްރޫއުގެ އެންމެ މުހިއްމު މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން އާ ކޯޑް-އެފް ރަންވޭ އަކާއި، ނޫވިލު ސީޕްލޭން ޓާމިނަލާއި ވީއައިޕީ ބިލްޑިން އަކާއި ކާގޯ ޓާމިނަލަކާއި ފިއުލް ފާމެއް އަދި ފަޔާ ސްޓޭޝަނެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް