އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް، 'ފަވަރަ' ޕޭމަންޓް ސިސްޓަމް އިފްތިތާހުކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޑޮލަރު ތާށިވުމުން މަޓާޓޯއިން ގޮވާލީ ގަވަރުނަރު ޒިންމާ ނަގައި އިސްތިއުފާ ދޭން

މަޓާޓޯގެ ބަޔާނުގައި ފާހަގަކުރި ގޮތުގައި ޑޮލަރުގެ މައްސަލަ ގޯސްވުމުގެ އެއް ސަބަބަކީ ސަރުކާރުގެ ހަރަދުތައް ދެމެހެއްޓޭނޭ ވަރަށް ވުރެ ބޮޑުވެފަވުމުން އެ ހަރަދުތައް ފޫބައްދަން ބޭންކުތަކުން ސަރުކާރަށް ލޯން ދޭން ޖެހުން
18 ފެބްރުއަރީ 2024
1

ޑޮލަރު ލިބުން މިހާރު ވަރަށް ބޮޑަށް ތާށިވެ ވިޔަފާރިތަކަށާއި ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރަން ފަށާފައި ވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ފެއިލިއާ އަކުން ކަމަށް ބުނެ އެކަމުގެ ޒިންމާ މިހާރުގެ ގަވަރުނަރު އަލީ ހާޝިމް ނަންގަވައި އިސްތިއުފާ ދިނުމަށް ޓްރެވަލް އެޖެންޓުންގެ ގައުމީ ޖަމްއިއްޔާ، މަޓާޓޯއިން ގޮވާލައިފި އެވެ. 

ވީ ކިހިނެއް؟ - ޑޮލަރު ލިބުން ތާށިވަމުން އަންނަ މައްސަލައިގައި މަޓާޓޯއިން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.

  • މަޓާޓޯއިން އެ ބަޔާނުގައި މައިގަނޑު ގޮތެއްގައި ސަރުކާރާއި ކަމާގުޅޭ އިދާރާތަކަށް ގޮވާލާފައި ވަނީ ޑޮލަރުގެ ބާޒާރު ހަމަޔަކަށް އެޅުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް

ތަފްސީލް - މަޓާޓޯގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑޮލަރުގެ މައްސަލަ މިހާ ހިސާބަށް ދިޔުމުގެ އެއްސަބަބަކީ މާލީ ދާއިރާގެ ބެލެނިވެރި ފަރާތް އެމްއެމްއޭއިން އެކަން ހަމަޔަކަށް އެޅުވުމަށް އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި އެތައް ޒަމާނަކަށް އިހުމާލުވެފައި ވާތީ އެވެ. އަދި ކަންބޮޑުވުމާ އެކު މަޓާޓޯއިން ބުނީ އެކަމުގެ ޒިންމާ މިހާރުގެ ގަވަރުނަރު އަލީ ހާޝިމް ނަންގަވަން ޖެހޭ ކަމަށެވެ. 

"ރާއްޖޭގައި މާލީ ހަމަޖެހުން ދެމެހެއްޓުމާއި އިގްތިސާދީ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި ހަރުދަނާ މަރުކަޒީ ބޭންކެއްގެ ދައުރު ވަރަށް މުހިންމު. މިކަމުގައި އިހުމާލުވެފައި ވާތީ އެކަމުގެ ޒިންމާ ނަންގަވައި އެމްއެމްއޭގެ މިހާރުގެ ގަވަރުނަރު އިސްތިއުފާ ދެއްވުމަށް މި އެސޯސިއޭޝަނުން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ. 

ސަރުކާރު ހަރަދު ބޮޑުވެ ބޭންކުތަކަށް ބަރޯސާވެފައި

މަޓާޓޯގެ ބަޔާނުގައި ފާހަގަކުރި ގޮތުގައި ޑޮލަރުގެ މައްސަލަ ގޯސްވުމުގެ އަނެއް ސަބަބަކީ ސަރުކާރުގެ ހަރަދުތައް ދެމެހެއްޓޭނޭ ވަރަށް ވުރެ އެތައް ގުނައެއް ބޮޑުވެފައިވުމެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ހަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭންކުތަކަށް ބަރޯސާވާން ޖެހިފައިވާ ކަމަށް މަޓާޓޯއިން ފާހަގަކުރި އެވެ. އެގޮތުން މަޓާޓޯއިން ބުނީ: 

  • ވިޔަފާރިތަކަށް ޑޮލަރު ފޯރުކޮށް ދިނުުމުގެ ބަދަލުގައި ބޭންކުތަކުގައި ހުންނަ ފައިސާއިން ސަރުކާރުގެ ބޮންޑަށް އިންވެސްޓް ކުރަން ވަނީ ޖެހިފައި

  • މި ގޮތަށް ބޭންކުތަކުގައި ހުންނަ ފައިސާ ސަރުކާރުގެ ދަރަންޏަށް އިންވެސްޓް ކުރުމުގެ ސަބަބުން ޑޮލަރު ލިބުމުގައި ވިޔަފާރިތަކަށް ވަނީ ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހިފައި

އެހެންވެ، މަޓާޓޯއިން ސަރުކާރަށް ގޮވާލާފައި ވަނީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށެވެ.

"ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލަން. އެގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ބޭންކުތަކުގައި އަމިއްލަ ވިޔަފާރިތަކަށް ދޭން ހުންނަ ފައިސާ ގިނަ ކުރުމަށް ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލަން. މި އަވަސް ފިޔަވަޅުތައް ނޭޅިއްޖެ ނަމަ ދިގުމުއްދަތަކަށް ރާއްޖޭގައި އިގްތިސާދަށް ނުތަނަސްކަމާ ކުރިމަތިވެދާނެ،" މަޓާޓޯގެ ބަޔާނުގައިވެ އެވެ. 

ދުނިޔޭގެ ކުރިއަރާފައިވާ ދެ އިގްތިސާދު ކަމަށްވާ ޖަޕާނާއި އިނގިރޭސިވިލާތް ދާދި ފަހުން ރެސަޝަނަކަށް ނުވަތަ އިގްތިސާދީ ތަދުމަޑުކަމަކަށް ގޮސްފައިވާކަން ފާހަގަކޮށް މަޓާޓޯއިން ވަނީ އެކަންކަމުން އިބުރަތް ހާސިލްކުރަން ގޮވާލައިފަ އެވެ. އެގޮތުން ބުނީ:

  • އެކަމުން އެނގެނީ ބޮޑެތި ގައުމުތަކަށް ވެސް މި ދަނޑިވަޅުގައި މާލީ ގޮންޖެހުންތައް ކުރިމަތިވެފައިވާ މިންވަރު 

  • އެއީ ރާއްޖެ ފަދަ ގައުމުތަކަށް އޮތް އިންޒާރުގެ ރަނގަބީލެއް؛ އެހެންވެ ވިސްނުންތެރި ހަރުދަނާ މާލީ ސިޔާސަތެއްގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް ބުނި 

"އިގްތިސާދީ ނިންމުންތައް ނިންމުމުގައި ސަމާލުކަން ދިނުމުގެ މުހިންމުކަން ވަރަށް ބޮޑު،" މަޓާޓޯއިން ބުންޏެވެ. 

އެނގުން މުހިންމު - ޑޮލަރުގެ ތާށިކަމާ ހުރެ، މި މަހުގެ އެކަކުން ފެށިގެން ބޭރުގައި ކިޔަވާ ކުދިންގެ ކާޑު ލިމިޓް ބޮޑުކުރަން ކެބިނެޓުން ނިންމި ނަމަވެސް އެ ނިންމުން ތަންފީޒު ނުކުރަން މިހާރު ވަނީ ނިންމައިފަ އެވެ. މީގެ އިތުރަށް ބީއެމްއެލްގެ ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް މުރާޖައާކުރާކަން ވެސް ބޭންކުން ވަނީ ހާމަކޮށްފަ އެވެ. 

ކޮމެންޓް (1)

މަމީނޫޑްލްސް

18 ފެބްރުއަރީ 2024
މަޓާޓޯގެ މެމްބަރު ކުންފުނިތަކުން ކިހާ ވަރެއްބާ ރާއްޖޭގެ ބޭންކިންގ ނިޒާމަށް ޖަމާކުރަނީ؟ ކޮނަ ވާހަކައެއް؟ މަޓާޓޯ އުވާލަންވީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް