ވީއައިއޭގައި ފަތުރުވެރިންތަކެއް (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
10،000 އަށް ވުރެ ގިނަ ފަތުރުވެރިންނާ އެކު އާ ރެކޯޑެއް
ރާއްޖެއަށް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ދުވަހަކަށް އިއްޔެ ވެއްޖެ އެވެ.
ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އިއްޔެ 10،213 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން އައި ދުވަހުގެ ގޮތުގައި ރެކޯޑު ކުރެވިފައި އޮތީ މި މަހުގެ 3 ވަނަ ދުވަހެވެ. އެ ދުވަހު 8،900 ފަތުރުވެރިން އައިސްފައިވެ އެވެ.
ތަފްސީލް - އިއްޔެގެ ފަތުރުވެރިންގެ ނަންބަރުގެ ކާމިޔާބީ ފާހަގަކުރައްވާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް މި އަހަރު ތެރޭ 269،588 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.
އެންމެ ގިނަ ފަތުރުވެރިން އައި 5 ގައުމު
-
ޗައިނާ - 35،654 ފަތުރުވެރިން
-
އިޓަލީ - 26،259 ފަތުރުވެރިން
-
ރަޝިއާ - 25،838 ފަތުރުވެރިން
-
އިނގިރޭސިވިލާތް - 23،664 ފަތުރުވެރިން
-
އިންޑިއާ - 19،663 ފަތުރުވެރިން
މި މަހުގެ ފުރަތަމަ 10 ދުވަސް ތެރޭ އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 7،000 އަށް ވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް މިނިސްޓްރީގެ ހިސާބުތައް ދައްކަ އެވެ.
-
ފެބްރުއަރީ މަހުގެ ފުރަތަމަ 10 ދުވަހު 77،203 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ
-
މިދިޔަ ޖެނުއަރީ މަހު 192،385 ފަތުރުވެރިން އައިސްފައިވޭ
ފާހަގަކުރެވޭ - އެއް ދުވަހާ އެންމެ ގިނަ ފަތުރުވެރިން އައި ދުވަހުގެ ރެކޯޑު އާކޮށްފައިވާއިރު މި އަހަރުގެ ތެރޭ 2 މިލިއަން ފަތުރުވެރިން ގެންނަން ވަނީ އަމާޒު ހިފައިފަ އެވެ. އެ އަދަދު 2.3 މިލިއަނަށް އިތުރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް ލަފާކުރައްވަ އެވެ.