މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވާހަކަ ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ނަތީޖާ ނުނެރެވޭ ކުންފުނިތައް ރީސްޓްރަކްޗާކޮށް، އުވާލަން ޖެހޭ ނަމަ އުވާލަން ނިންމައިފި

އެ ފިޔަވަޅު އަޅާނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އަންނަ އަހަރުގެ މެދާ ހަމައަށް ފުރުސަތު ދިނުމަށް ފަހު ކަމަށް ސަރުކާރުން ބުނޭ
14 ޖެނުއަރީ 2024

އަންނަ އަހަރުގެ މެދާ ހަމައަށް ފުރުސަތު ދިނުމަށް ފަހު، އެކަށީގެންވާ ގޮތެއްގައި ނަތީޖާ ނުނެރެވޭ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ރީސްޓަރަކްޗާ ކުރަން ޖެހޭ ކުންފުނިތައް ރީސްޓްރަކްޗާކޮށް، އުވާލަން ޖެހޭ ކުންފުނިތައް އުވާލަން ސަރުކާރުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ނިންމާފައިވާ އެ ނިންމުން އިއުލާނު ކުރެއްވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

ބުނީ ކީކޭ؟ - އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ނިންމާފައިވަނީ، އެކަށީގެންވާ ގޮތެއްގައި ނަތީޖާ ނުނެރޭ ކުންފުނިތަކުގެ ހިންގުން މި އަހަރުގެ ތެރޭގައި ހަރުދަނާކޮށް، ކޭޝް ފްލޯ ހަމަޖެއްސޭނެ ގޮތްތަކެއް ހޯދައިދިނުމަށެވެ.

ކުންފުނިތަކުގެ ޕާފޯމަންސް ރަނގަޅުކުރުމަަށް، އަންނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ ހަމައަށް މުއްދަތެއް ދޭން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެ މުއްދަތުގެ ތެރޭގައި ރަނގަޅަށް ޕާފޯމް ނުކުރެވޭ ކުންފުނިތައް ރީސްޓްރަކްޗާ ކުރަން ޖެހިއްޖެ ހާލަތެއްގައި ރީސްޓްރަކްޗާ ކުރުމާއި މާޖު ކުރަން ނުވަތަ އުވާލުމުގެ މަސައްކަތް ކުރަން ޖެހޭ ހާލަތުގައި އެ މަސައްކަތް ފެށުމަށް" ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން، ތިން މަސްދުވަސް ތެރޭގައި، އަލަށް ކުންފުންޏެއް އުފެއްދުމުގައި އަމަލުކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލައި އެ އުސޫލު ތަންފީޒު ކުރަން ފަށަން ވެސް ކެބިނެޓުން ނިންމާފައިވެ އެވެ.

އެނގުން މުހިންމު - ސަރުކާރުގެ ގިނަ ކުންފުނިތައް ހިންގަނީ ގެއްލުމުގައި، އާންމު ހަރަދުތައް ހަމަޖެއްސުމަށް ވެސް ދައުލަތުގެ ބަޖެޓުން ފައިސާ ދީގެންނެވެ. ރާއްޖޭގެ އިގްތިސާދުގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ބޮޑުވުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމަށް ބޭރުގެ މާލީ އިދާރާތަކުން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް