އޭޓީއެމް ފެއާގައި އެންމެ މޮޅު ސްޓޭންޑް ފީޗާގެ އެވޯޑު ލިބުނު ރާއްޖޭގެ ސްޓޭންޑް. (ދައުރު ފޮޓޯ)

ފެއާތަކުގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ދިވެހި އޮޕަރޭޓަރުންނަށް އެކަނި ދޭން ނިންމައިފި

އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަން ބައިވެރިވާ ފެއާތަކުގައި ރާއްޖޭގައި އޮޕަރޭޓު ކުރާ ރާއްޖޭން ބޭރުގެ ޓުއަ އޮޕަރޭޓަރުންނަށާއި ޓްރެވަަލް އެޖެންޓުން ވެސް ކުރިން ބައިވެރިވޭ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބައިވެރިވާ ފެއާތަކުގައި ރާއްޖެ ތަމްސީލުކުރުމަށް ދިވެހި ޓުއަ އޮޕަރޭޓަރުންނަށާއި ޓްރެވަލް އެޖެންޓުންނަށް އެކަނި ބައިވެރިވެވޭ ގޮތަށް އުސޫލު ބަދަލު ކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަން ބައިވެރިވާ ފެއާތަކުގައި ރާއްޖޭގައި އޮޕަރޭޓު ކުރާ ރާއްޖޭން ބޭރުގެ ޓުއަ އޮޕަރޭޓަރުންނަށާއި ޓްރެވަަލް އެޖެންޓުން ވެސް ކުރިން ބައިވެރިވެ އެވެ.

ތަފްސީލް - ނަމަވެސް، އުސޫލަށް ބަދަލު ގެނެސް، ރާއްޖެ ތަމްސީލު ކުރަން ފެއާތަކުގައި ބައިވެރިވެވޭނީ ދިވެހި ޓްރެވަލް ކުންފުނިތަކަށް އެކަނި ކަމަށް ނިންމާފައިވާކަން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ހާމަކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ މެންބާޝިޕް ޕޮލިސީ އިސްލާހުކޮށް ގެނައި ބަދަލާ އެކު އިސްކަން ދޭނީ ދިވެހި ޓުއަ އޮޕަރޭޓަރުންނާއި ޓްރެވަލް އެެޖެންޓުންނަށް އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ދާއިރާއާ ގުޅުންހުރި ކުންފުނިތަކަށް ކަމަށެވެ.

މި ބަދަލު ގެނައީ ބޭރުގެ ޓޫރިޒަމް ފެއާތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ދިވެހި ޓޫރިޒަމް އިންޑަސްޓްރީ އިޝްތިހާރު ކުރުމުގައި ދިވެހިން ބައިވެރިކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - މީގެ ކުރިން އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ބައްސާމް އާދަމް 'ދައުރު'އާ ވާހަކަ ދައްކަވަމުން ވެސް ވިދާޅުވެފައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތްތަކުގައި ދިވެހިންގެ ބައިވެރިވުން އިތުރުކޮށް، ޓޫރިޒަމް އިޝްތިހާރުކުރަން އެމްއެމްޕީއާރުސީން ބައިވެރިވާ ފެއާތަކުގައި ރާއްޖެ ތަމްސީލު ކުރަން ހަމައެކަނި ދިވެހި ކުންފުނިތަކަށް ބައިވެރިވެވޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ވާހަކަ ދައްކަން އެންމެ އެކަށީގެންވާނީ ދިވެހިންނަށް ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް