އެމްއެމް އެކްސްޕޯޓުގެ ބާޖެއް އަރާފައި: އެ ކުންފުނިން ދަނީ ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުުރަން މަސައްކަތް ކުރަމުން.

ރިސޯޓުތައް

ރާއްޖޭގައި ރިސޯޓު ހެދުން ކުރިއަށްގެންދާނަން: އިންޑިއާގެ އެމްއެމް އެކްސްޕޯޓް

ރާއްޖޭގައި ގިނަ ޕްރޮޖެކްޓުތަކެއް ހިންގާ އެމްއެމް އެކްސްޕޯޓް ގްރޫޕުން ރާއްޖޭގައި ރިސޯޓެއް ތަރައްގީކުރަން އުޅޭކަން މިދިޔަ އަހަރު ވަނީ އިއުލާނުކޮށްފައި

އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ އެކު ވެސް، އިންޑިއާގެ އިންފްރާސްޓްރަކްޗާ ކުންފުނި، މޯހަން މުތާ ގްރޫޕުން ރާއްޖޭގައި ހަދަން ނިންމާފައިވާ ރިސޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ނިސްބަތްވާ ގޮތަށް ދިވެހި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު 'އެކްސް'ގައި ކުރެއްވި ޕޯސްޓުތަކަކާ ގުޅިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ ގުޅުން ގޯސްވެފަ އެވެ.

އިންޑިއާ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލައި އެ ގައުމުގެ ބައެއް އާންމުންނާއި ބޮލީވުޑް ސެލެބްރިޓީން އަދި ސަރުކާރުގެ އިސް އޮފިޝަލުން ވެސް ދަނީ އިންޑިއާގެ ލަކްޝަދީބު ޕްރޮމޯޓުކުރަމުންނެވެ. އެ ސަރަހައްދުގައި ފަތުރުވެރިކަން ތަރައްގީކޮށް، ރާއްޖެއާ ވާދަ ކުރުމަކީ އެމީހުންގެ އަމާޒެވެ.

ތަފްސީލް - ރާއްޖޭގައި ގިނަ ޕްރޮޖެކްޓުތަކެއް ހިންގާ އެމްއެމް އެކްސްޕޯޓް ގްރޫޕުން ރާއްޖޭގައި ރިސޯޓެއް ތަރައްގީކުރަން އުޅޭކަން މިދިޔަ އަހަރު ވަނީ އިއުލާނުކޮށްފަ އެވެ. ދެ ގައުމުގެ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާ އެކު ވެސް އެ ޕްރޮޖެކްޓު ކުރިއަށް ގެންދާނެ ކަމަށް އެ ގްރޫޕުގެ އެގްޒެކެޓިވް ޑިރެކްޓަރު ސުރޭޝް މުތާ ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ދަ ހިންދޫ ބިޒްނަސް ލައިންއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ރާއްޖޭގައި ކުރިއަށް ގެންދަން ނިންމާފައިވާ 30 މިލިއަން ޑޮލަރުގެ މަޝްރޫއު މަޑުޖައްސާލުމުގެ ވިސްނުމެއް ނެތެވެ. އެ މަޝްރޫއާ އެކު އެ ކުންފުނިން ކުރިއަށް ދާނެ ކަމަށް ސުރޭޝް ވަނީ ވިދާޅުވެފަ އެވެ.

އެނގުން މުހިއްމު - އެ ރިސޯޓު ތަރައްގީ ކުރަން 30 މިލިއަން ޑޮލަރު އިންވެސްޓު ކުރަން ނިންމާފައި ވާއިރު، އެ ފައިސާ ހޯދާނީ ރާއްޖޭގެ ބޭންކަކުން ކަމަށް މީގެ ކުރިން ވަނީ ބުނެފަ އެވެ.

  • އެ ކުންފުނިން ރާއްޖޭގައި ތަރައްގީ ކުރަނީ ވެލްނެސް ރިސޯޓެއް 

  • އެއީ އެއްވެސް ވަރަކަށް އެއްގަމު މަސް ނުވިއްކާ 'ވެޖެޓޭރިއަން/ވީގަން' ރިސޯޓެއް

  • އެ ތަނުގައި ރާ ވެސް ނުވިއްކާނެ 

ގުޅުން ހުރި ކަމެއް - ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ހިލަ އާއި ހިލަވެލި ފަދަ ތަކެތި ފޯރުކޮށްދޭ އެމްއެމް އެކްސްޕޯޓުގެ ބާޖުތައް ރާއްޖޭގެ ފަރުތަކަށް އަރައި ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާ ކަމުގެ މައްސަލަތައް ދޭތެެރެ ދޭތެރެއިން ކުރިމަތިވެ އެވެ. އެއިން އެއްވެސް ޖޫރިމަނާއެއް ވެސް އެ ކުންފުންޏަކުން ނުދައްކަ އެވެ.

ކޮމެންޓް (1)

ހަމީދު80

10 ޖެނުއަރީ 2024
މީ ބޮޑު މުސީބާތެއް. މި މީހުން ބޭރު ކުރަންޖެހޭ.! މި މީހުންގެ ބޭނުމަކީ މި ގައުމު ފަސާދަ ކުރުން. މި ނާޒުކު ފަރުތައް ހަލާކު ކުރުން.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް