ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ރިސޯޓު މުވައްޒަފަކު ފަތުރުވެރިންގެ ލަގެޖް ލޯންޗަށް އަރުވަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޓޫރިޒަމް

ރިސޯޓު މުވައްޒަފުންގެ އަގު ވަޒަންކޮށް ހޮޓެލިއާ މޯލްޑިވްސް އިން ދޭ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

މި އަހަރުގެ އެވޯޑު ޖުމްލަ 21 ކެޓަގަރީއަކުން ދޭން ނިންމާފައި ވާއިރު، މުވައްޒަފުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ވަޒީފާގައި ކުރިއަށްދާން ހިތްވަރު ދިނުމަކީ އެވޯޑުގެ މަގުސަދެއް

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ފުރިހަމަ ހިދުމަތް ދޭ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ހޮޓެލިއާ މޯލްޑިވްސް އިން ކޮންމެ އަހަރަކު ދޭ އެވޯޑެއް ތައާރަފުކޮށް، މި އަހަރުގެ އެވޯޑަށް ކުރިމަތިލާން ރިސޯޓުތަކަށް ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމް އަދި ހޮސްޕިޓަލިޓީއަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރޭ އެންމެ މަގުބޫލު މަޖައްލާ ހޮޓެލިއާ މޯލްޑިވްސް އިން ތައާރަފު ކުރި 'ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް'އަށް ކުރިމަތިލުމުގެ ފުރުސަތު ރިސޯޓުތަކަށް ވަނީ ހުޅުވާލާފަ އެވެ. 

ތަފްސީލް - މި އަހަރުގެ އެވޯޑު ޖުމްލަ 21 ކެޓަގަރީއަކުން ދޭން ނިންމާފައި ވާއިރު، އެވޯޑު ދޭނީ އާންމުންގެ ވޯޓާއި ޖަޖުންގެ ޕެނަލަކުން ދޭ މާކްސްއަށް ބިނާކޮށެވެ. މާކްސް ދޭއިރު ޖަޖުން ބަލާނެ ކަންތަކުގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި ވަޒީފާގެ ޒިންމާ އަދާކުރާ ގޮތާއި ކާމިޔާބީ އަދި ކަސްޓަމަރުންގެ ފީޑްބެކް ހިމެނެ އެވެ.

މި އެވޯޑު ދޭނެ ބައެއް މުހިންމު ކެޓަރަގީތަކުގެ ތެރޭގައި:

  • ހައުސް ކީޕިން

  • އިންޖިނިއަރިން

  • ފުޑް އެންޑް ބެވަރޭޖު

  • ސްޕާ އެންޑް ވެލްނެސް

  • ސޭލްސް އެންޑް މާކެޓިން

ހޮޓެލިއާ މޯލްޑިވްސް އިން ބުނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބުރަ މަސައްކަތް ކުރާ ބަޔަކީ އެ ދާއިރާގައި ހިދުމަތް ކުރަން ތިބޭ މުވައްޒަފުން ކަމަށް ވާއިރު، އެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. މިއީ އެ މުވައްޒަފުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ވަޒީފާގައި ކުރިއަށްދާން ލިބޭ ހިތްވަރަކަށް ވާނެ ކަމަށް ވެސް ހޮޓެލިއާ އިން ބުންޏެވެ.

މި އަހަރުގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ. ރިސޯޓުތަކުން ހުށަހަޅާ އެ ރިސޯޓުތަކުގެ މުވައްޒަފުންގެ ތެރެއިން އެވޯޑަށް ނޮމިނޭޓުވާ ފަރާތްތައް އަންނަ މަހުގެ ފަހުކޮޅު އިއުލާނު ކުރަަން ނިންމާފައި ވާއިރު، އެވޯޑު ދޭނީ އަންނަ އޭޕްރީލް މަހު ބާއްވާ ހާއްސަ ގާލާ ނައިޓު ހަފްލާއެއްގަ އެވެ.

ކޮމެންޓް (2)

ފީރު50

10 ޖެނުއަރީ 2024
އަދި އަވަސް ތިކަންކުރަން.
0 0

ރިސޯޓު ބޯއި

9 ޖެނުއަރީ 2024
ޝުކުރިއްޔާ ހޮޓެލިއަރ، މިއޮތް ހުރިހާ ދުވަހު އެވޯޑު ލިބެނީ ކުންފުންޏައް....އަދި ކިރިޔާ އަހަރުމުންނަށް އެއްޗެއް ލިބޭގޮތް މި ވަނީ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް