25 ޖެނުއަރީ 2023ގައި އައްޑުއަށް ޓްރާންސިޓުކުރި ރޫޒް ލައިނާއެއް (ދައުރު ފޮޓޯ)

ޓޫރިޒަމް

ކްރޫޒްތަކުން ނަގާ ފީއަށް ބަދަލު ގެނެސް އާ ގަވައިދެއް

7 ދުވަހަށް ވުރެ ކުރު މުއްދަތަކަށް ރާއްޖެ އަންނަ ޕެސެންޖާ ލައިނާތައް ރާއްޖެ ސަރަހައްދުގައި ބަނދަރު ކުރުމަށް ނުވަތަ ދުއްވުމަށް ދުވާލަކަށް ދައްކަން ޖެހޭ ފީ އިން އިސްތިސްނާވާނެ

ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދުތަކުން ނަގާ ބައެއް ފީތަކަށް ބަދަލު ގެނެސް އާ ގަވައިދެއް އާންމުކޮށްފި އެވެ.

ވީ ކިހިނެެއް؟ - ރާއްޖެ އަންނަ ބޭރުގެ ޔޮޓުތަކާއި ކްރޫޒް ލައިނާތައް އަދި ސަފާރީތައް ފަދަ އުޅަނދުތަކުން ނަގާ ފީ ބޮޑުކޮށް މިދިޔަ ސެޕްޓެމްބަރު މަހު ގަވައިދެއް ވަނީ ހަދައިފަ އެވެ.

އެ ގަވައިދު ބާތިލްކޮށް ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ވަނީ އާ ގަވައިދެއް ގެޒެޓުކޮށްފަ އެވެ.

ތަފްސީލް - އާ ގަވައިދު ބުނާގޮތުން ހަތް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ރާއްޖެ އަންނަ ޕެސެންޖާ ލައިނާތަކުން ރާއްޖޭގެ ސަރަހައްދުގައި ބަނދަރު ކުރުމަށް ނުވަތަ ދުއްވުމަށް ދުވާލަކަށް ދައްކަން ޖެހޭ 100 ޑޮލަރުގެ ފީ އިން އިސްތިސްނާވާނެ އެވެ. 

  • އެނގުން މުހިއްމު - ގަވައިދުގައި ޕެސެންޖާ ލައިން މާނަކޮށްފައިވަނީ ހަތް ދުވަހަށް ވުރެ ކުރު މުއްދަތަށް 50 އަށް ވުރެ ގިނަ ފަތުރުވެރިން ގޮވައިގެން އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދުތަކަށް

މީގެ އިތުރުން އެ އުޅަނދުތަކުން ޗާޓަރު ލައިސަންސް ނަގާކަށް ވެސް ނުޖެހޭނެ އެވެ.

ބަނދަރު ކުރުމާއި ދުއްވުމުގެ ފީ އިސްތިސްނާ ކޮށްދިން ނަމަވެސް، ހަތް ދުވަހަށް ވުރެ ކުރު މުއްދަތަކަށް އަންނަ ޕެސެންޖާ ލައިނާތަކުން ވެސް ދުވާލަކު 850 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ގަވައިދު ބުނެ އެވެ.

ރާއްޖެ އަންނަ ޓޫރިސްޓު އުޅަނދުތަކަށް ހުއްދަ ދެނީ ޓޫރިޒަމް މިނިސްޓްރީ އިންނެވެ. މިފަދަ އުޅަނދުތަކަކީ 20 މީޓަރަށް ވުރެ ބޮޑު އުޅަނދެއް ނަމަ، ކްރޫޒިން ހުއްދަ ދެނީ 1،000 ޑޮލަރުގެ ފީއެއް ދެއްކުމުންނެވެ. އެއަށް ވުރެ ކުދި އުޅަނދުތަކަށް ފީ ދެއްކުމަކާ ނުލާ ހުއްދަ ދޫކުރެ އެވެ.

ފަސްމަންޒަރު - ރާއްޖެ އަންނަ ބޭރުގެ ޓޫރިސްޓު އުޅަނދުތަކުން ނަގާ ފީ ބޮޑުކުރުމުން ޓޫރިސްޓު އުޅަނދުތައް ރާއްޖެ އަންނަ މިންވަރު މަދުވެފައިވާތީ، ދާއިރާގެ މީހުން ވަނީ ފާޑު ކިޔައިފަ އެވެ. މިދިޔަ ސަރުކާރުގައި އެކުލަވާލި އެ ގަވައިދު ބާތިލްކޮށް މިއަދު އާ ގަވައިދެއް އާންމުކޮށްފައިވަނީ އެ ގަވައިދު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މީގެ ކުރިން ވިދާޅުވެފައި ވަނިކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް