މީގެ ކުރިން ރާއްޖޭގައި ގާއިމްކުރަން ނިންމި ޓެކްނޮލަޖީ ޕާކެއްގެ ކުރެހުމެއް (ފޮޓޯ/އާބަންކޯ)

އިގްތިސާދު

އުފެއްދުންތެރި އިިގްތިސޯދެއް ބިނާކުރަން ކޮމެޓީއެއް އެކުލަވާލަނީ

ގައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖީއެއް ގާއިމްކޮށް އެކަމަށްޓަކާ ތައުލީމީ މަންހަޖުގައި ހުރި ކަންކަން ދެނެގަނެ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަކީ މި ކޮމެޓީގެ މަގުސަދު

އުފެއްދުންތެރި އިގްތިސޯދެއް (ކްރިއޭޓިވް އިކޮނޮމީ)އެއް ބިނާކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލަން ކެބިނެޓުން ނިންމައިފި އެވެ.

ވީ ކިހިނެެއް؟ - މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް، ނިންމި ކަންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ކޮމެޓީ އުފައްދަނީ އުފެއްދުންތެރި އިގްތިސޯދެއް ބިނާކުރަން ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް ކަމަށެވެ.

ތަފްސީލް - އެ ކޮމެޓީގައި ސަރުކާރުގެ މިނިސްޓްރީތަކާއި ބައެއް ކުންފުނިތައް ހިމެނޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭގެ ތެރޭގައި

  • އިކޮނޮމިކް މިނިސްޓްރީ

  • ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓްރީ

  • ޔޫތު މިނިސްޓްރީ

  • ހަޔަ އެޑިއުކޭޝަން މިނިސްޓްރީ

  • އެޑިއުކޭޝަން މިނިސްޓްރީ

  • ފިނޭންސް މިނިސްޓްރީ

  • ދިވެހި ބަހުގެ މިނިސްޓްރީ

  • ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓްރީ

  • ބިޒްނަސް ސެންޓާ ކޯޕަރޭޝަން

  • ޓްރޭޑް ނެޓް

  • އަންހެން ވިޔަފާރިވެރިންގެ ތެރެއިން ހޮވާލެވޭ ވިޔަފާރިވެރިން

  • ކަމާގުޅޭ ތިން މެންބަރެއް

  • ޔޫތު އެޑްވައިޒަރީ ކޮމެޓީގެ މެންބަރުން

ނާޒިމް ވިދާޅުވީ ގައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމިކް ސްޓްރެޓެޖީއެއް ގާއިމްކޮށް އެކަމަށްޓަކައި ތައުލީމީ މަންހަޖުގައި ހުރި ކަންކަން ދެނެގަނެ ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންވާ މަސައްކަތްތައް ކުރުމަކީ މި ކޮމެޓީގެ މަގުސަދު ކަމަށެވެ.

އޭގެ ތެރޭގައި

  • ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް/ފެކަލްޓީއެއް ގާއިމް ކުރުން

  • އުފެއްދުންތެރިކަމަށް ހިތްވަރުދީ، ޒަމާނީ ސަރަހައްދީ ޕްރޮޑަކްޝަން ހައުސްއެއް ގާއިމް ކުރުން. މިހާރު ނިންމާފައިވަނީ ޗާނދަނީމަގުގައި ބީީސީސީއަށް ދޫކޮށްފައި ހުރި ތަނުގައި އެ ތަން ގާއިމު ކުރުމަށް

  • ފަންނީ އަދި އީޖާދީ މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީ ދިނުމަށް ފަންޑެއް އެކުލަވާލުން. އެ ފަންޑުގެ ބެލެނިވެރި ފަރާތަކަށް ބީސީސީ ހަމަޖައްސައި އެތަނުން ކްރިއޭޓިވް އިކޮނޮމީގައި ހަރަކާތްތެރިވާން ބޭނުން ފަރާތްތަކަށް އިންކިޔުބޭޓާ ހިދުމަތް ދިނުން

  • ކްރިއޭޓިވް އިކޮނޮމީއަށް މަގުފަހި ކުރުމަށް ޒަމާނީ ޓެކްނޮލަޖީ އަދި އިންފްރާސްޓްރަކްޗާ އަށް އިންވެސްޓުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކަށް ހުޅުވާލުން

  • އިންޓަލެކްޗުއަލް ޕްރޮޕަޓީ ގާނޫނުތައް އިތުރަށް ހަރުދަނާކުރުމާ އެކު ޕޭޓެންޓު، ޓްރޭޑްމާކު އަދި ކޮޕީރައިޓް ރެޖިސްޓްރީ ކުރަން ފެށުން

  • ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިޓީތައް ތަރައްގީ ކުރާއިރު ޓެކްނޮލަޖީ ހަބް އަދި ޕާކުތައް ހިމަނައިގެން ތަރައްގީގެ މާސްޓާޕްލޭން އެކުލަވާލުން

  • ރާއްޖޭގެ ސަގާފީ އަދި ފަންނީ މަސައްކަތްތައް ދަސްކޮށްދޭނެ މަރުކަޒުތައް ގާއިމް ކުރުން

ނާޒިމް ވިދާޅުވީ ކްރިއޭޓިވް އިކޮނޮމީއެއް ގާއިމު ކުރުމަށް ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީ އިން ހުށަހަޅާފައިވާ ޓައިމްލައިން އާ އެއްގޮތަށް އެކަމާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދަން ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް