ސަރުކާރުގެ ބޮންޑެއް ފުރަތަމަ ފަހަރަށް ސްޓޮކް އެކްސްޗޭންޖުގައިި ލިސްޓު ކުރުން (ފޮޓޯ/ޕީއެސްއެމް)

ސަރުކާރުގެ 50 މިލިއަނުގެ ބޮންޑެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ފުރަތަމަ ފަހަރަށް ލިސްޓްކޮށްފި

ސަރުކާރުގެ ސެކިއުރިޓީ އަކީ އަހަރަކަށް %5.5 ކޫޕަން ރޭޓުގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް މި މަހުގެ 25 ގައި ވިއްކާފައިވާ 5 އަހަރުގެ ޓްރެޒަރީ ބޮންޑެއް

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ވިއްކާފައިވާ ޓްރެޝަރީ ބޮންޑެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ފުރަތަމަ ފަހަރަށް ލިސްޓުކޮށްފި އެވެ.

އެނގުން މުހިއްމު - މިއީ ސަރުކާރުގެ މާލީ ސެކިއުރިޓީއެއް ރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒާރަށް ތައާރަފުކޮށް ސެކަންޑަރީ މާކެޓްގައި ގަނެވިއްކަން ހުޅުވާލި ފުރަތަމަ ފަހަރެވެ.

ތަފްސީލް - އަލަށް ލިސްޓް ކުރި ސަރުކާރުގެ ސެކިއުރިޓީ އަކީ:

  • 50 މިލިއަން ރުފިޔާގެ ޓްރެޝަރީ ބޮންޑެއް 

  • އެ ޓްރެޝަރީ ބޮންޑަކީ މި މަހުގެ 25ގައި ޕެންޝަން އޮފީހަށް ވިއްކާފައވާ ބޮންޑެއް 

  • އެ ބޮންޑުގެ އިންޓަރެސްޓަކީ އަހަރަކަށް %5.5  

  • އެއީ 5 އަހަރުން އަގު ދައްކަން ޖެހޭ ބޮންޑެއް

  • މި ބޮންޑް ވިއްކާފައިވަނީ 1,000ރ. މޫނުމަތީ އަގުގައި، 50،000  ބޮންޑު ވިއްކައިގެން

ފާހަގަކޮށްލެވޭ - މި ލިސްޓިންއާ އެކު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނީ އެ ބާޒާރުގައި ޓްރޭޑްކުރެވޭ ވަސީލަތްތަކުގެ އަގު މިހާރު 1.2 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. 

ސްޓޮކް އެކްސްޗޭންޖުން ބުނި ގޮތުގައި ސަރުކާރުގެ ބޮންޑެއް ސެކިއުރިޓީޒްގެ ބާޒާރަށް އަލަށް ލިސްޓުކޮށް ތައާރަފު ކުރުމަކީ ސަރުކާރުން ރާއްޖޭގެ އެތެރޭގެ މާކެޓް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް ކުރި މުހިއްމު މަސައްކަތެކެވެ.

ބުނީ ކީކޭ؟ - ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ މާލީ ރަށްވެހި ބާޒާރު ތަރައްގީ ކުރުމަށް ސަރުކާރުގެ ސެކިއުރިޓީ މާލީ ބާޒާރުގައި ގަނެވިއްކޭނެ އިންތިޒާމު ގާއިމުވުމަކީ، ރައްވެހި ބާޒާރު ކުރިއެރުވުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

"ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ސަރުކާރުގެ ސެކިއުރިޓީ އެއް ލިސްޓް ކުރެވިގެން ދިއުމަކީ މިކަމަށް މަގުފަހިކުރުމުގެގޮތުން ކުރެވުނު މުހިއްމުކަމެއް. މީގެ ސަބަބުން މާލީ ރައްވެހި ބާޒާރަށް ހެޔޮބަދަލުތަކެއް އައިސް، ރާއްޖޭގެ ވިޔަފާރިތަކަށާއި ފަރުދުންނަށް ސަރުކާރުން ވިއްކާ ސެކިއުރިޓީ ސެކަންޑަރީ މާކެޓުގައި ގަނެވިއްކާ، އޭގެން މަންފާ ހޯދޭނެމަގު މިވަނީ ފަހިވެފައި. އަޅުގަނޑުގެ އުއްމީދަކީ، މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި އެކްޓިވް އަދި ލިކުއިޑް ސެކަންޑަރީ މާކެޓެއް އުފެދި އޭގެ މަންފާ ރާއްޖޭގެ އެންމެހާ ފަރާތްތަކަށް ލިބިގެންދިއުން،" މިނިސްޓަރު ވިދާޅުވި އެވެ.

ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އައުޝަން ލަތީފް ވިދާޅުވީ، ސަރުކާރުގެ ޓްރެޝަރީ ބޮންޑްއެއް ފުރަތަމަ ފަހަރަށް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓް ކުރުމަކީ މުޅި މާކެޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ރާއްޖޭގެ ސެކިއުރިޓީޒް ބާޒާރަކީ މިފަދަ އިންސްޓްރުމަންޓްސް ލިސްޓްކޮށް، ސެކަންޑްރީ މާކެޓްގައި ގަނެވިއްކުމަށް އިންތިޒާމުކުރެވިފައިވާ ފުރިހަމަ ނިޒާމެއް. ސަރުކާރުން އިސްނަންގަވައިގެން އެތެރޭގެ މާކެޓް އިތުރަށް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަ ކުރަން. އަދި، މުސްތަގުބަލުގައި އިތުރު ޓްރެޝަރީ އިންސްޓްރުމަންޓްސްތައް ލިސްޓުކުރެވި އާއްމުންނަށް ގަތުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރަން،" އައުޝަން ވިދާޅުވި އެވެ.

އެނގުން މުހިއްމު - އެމްއެސްއީ އާއި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކޮމްޕެނީ (އެމްއެސްޑީ) އަކީ ރާއްޖޭގައި ލިސްޓްކޮށްފައިވާ ސެކިއުރިޓީޒްގެ މާކެޓް ހިންގުމާއި ރެގިއުލޭޓް ކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ލައިސަންސް ދީފައިވާ އަމިއްލަ ދާއިރާގެ މުއައްސަސާތަކެކެވެ.

އެކްސްޗޭންޖްގައި މިހާރު ލިސްޓް ކުރަނީ ހިއްސާ އާއި ކޮންވެންޝަނަލް ބޮންޑްސް އަދި ސުކޫކް (އިސްލާމިކް ބޮންޑް) އެވެ. އެގޮތުން: 

  • ވޭތުވެދިޔަ 15 އަހަރު ތެރޭގައި ޕަބްލިކް އޮފަރިންސްގެ ގޮތުގައި މާކެޓް މެދުވެރިކޮށް ލިސްޓްކޮށްފައިވާ އިޝޫކުރާ ފަރާތްތަކުން 3.08 ބިލިއަން ރުފިޔާ ހޯދާފައިވޭ

  • މިއަދުގެ ނިޔަލަށް އެކްސްޗޭންޖްގެ މައި ބޯޑުގައި 550 މިލިއަން ރުފިޔާގެ ޓްރެޒަރީ ބޮންޑާއެކު 753 މިލިއަން ރުފިޔާގެ 4 ކޯޕަރޭޓް ބޮންޑާއި 406 މިލިއަން ރުފިޔާގެ 4 ސުކޫކް ލިސްޓުކުރެވިފައިވޭ

  • އެކްސްޗޭންޖްގެ ވިޔަނަ ބޯޑު (ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް) ގައި 187.5މިލިއަން ރުފިޔާގެ 3 ކޯޕަރޭޓް ބޮންޑްގެ ލިސްޓިން އަދި 20.48 މިލިއަން ރުފިޔާގެ 1 ސުކޫކް ލިސްޓްކުރެވިފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް