ރައީސް މުހައްމަދު މުއިއްޒު ކުންފުނިތަކާ ބެހޭ ބިލު ތަސްދީގު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

ވިޔަފާރި

އަހަރީ ފީ އުވާލައި އެކަކަށް ކުންފުނި ހެދޭ ގޮތަށް ފާސްކުރި ބިލް ރައީސް ތަސްދީގު ކުރައްވައިފި

ންފުނިތަކުން އަހަރީ ފީ ދައްކަން ނުޖެހޭ ގޮތް ހަދާ، ކުންފުނީގެ ހިއްސާދާރުންނާ ގުޅޭ ގޮތުން ވެސް އާ ގާނޫނުން ބަދަލު އަންނާނެ

ރާއްޖޭގައި ކުންފުނި އުފެއްދުމާއި ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެހެން އެކުލަވާލި ކުންފުންޏާ ބެހޭ ބިލު ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ. އެ ބިލްގައިވާ ގޮތުން އެކަކަށް ކުންފުނި ހެދުމަށް ހުއްދަ ލިބުމުގެ އިތުރަށް އަހަރީ ފީ ދައްކާކަށް ވެސް ނުޖެހޭނެ އެވެ.

ވީ ކިހިނެއް؟ - މި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ބިލު ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު އެ ބިލު ވަނީ ގާނޫނަކަށް ވެފަ އެވެ.

ފާހަގަ ކުރެވޭ ކަމެއް - މިއީ ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހުގެ17ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ތަސްދީގު ކުރެއްވި ފުރަތަމަ ބިލެވެ.  

އެ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެންނެވެ.

ތަފްސީލް - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަޖިލީހަށް ފޮނުވި އެ ބިލު ގާނޫނަކަށް ވުމުން އަންނާނެ އެންމެ ބޮޑު ބަދަލަކީ އެންމެ މީހަކަށް ވެސް ކުންފުނި އުފެއްދުމަށް ޖާގަ ތަނަވަސް ވުމެވެ.

ކުރިން އޮންނަ ގޮތުން ކުންފުންޏެއް ހަދާ ނަމަ އެކަކަށް ވުރެ ގިނަ މީހުން ހިއްސާދާރުންގެ ގޮތުގައި ތިބެން ޖެހެ އެވެ. ނޫން ނަމަ ޖެހޭނީ ސޯލް ޕްރޮޕޮރައިޓްޝިޕެއްގެ ގޮތުގައި ވިޔަފާރި ރަޖިސްޓްރީ ކުރާށެވެ.

މީގެ އިތުރަށް ކުންފުނީގެ އެކި ބާވަތްތައް އެކަށައަޅާ ގާނޫނުގައި ތަފުސީލުކޮށް ދީފައިވެ އެވެ. 

އެގޮތުން:

  • ރައީސްގެ ގަރާރެއްގެ ދަށުން އުފައްދާ ކުންފުނިތައް ވެސް ރަސްމީކޮށް މިނިސްޓްރީގައި ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކުރުން

  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓްތަކަށް ވެސް ވަކި ހާއްސަ ކްލެސިފައިޑް ނަމްބަރެއް ދިނުމާއި އާންމު ކުންފުނިތައް ވެސް ފަސޭހައިން އެނގޭ ގޮތަށް ނަމްބަރު ކުރުން ހިމެނޭ

  • ކުންފުނި ރަޖިސްޓްރީ ކުރާއިރު ކުންފުނިން ހިންގާނެ ވިޔަފާރިތައް ކްލެސިފައި ކުރުމުގެ ބަދަލުގައި އަސާސީ ގަވާއިދުގައި އެ ކަންކަން ހިމަނައި ބޯޑުން ފާސްކުރާ ކަންކަމުގެ ގޮތުގައި ބަދަލުކުރުން

  • ކުންފުނީގެ ރަޖިސްޓްރީ ކުރާ އެޑްރެހުގެ އިތުރަށް ލިޔެކިޔުން ފޮނުވާނެ ސާވިސް އެޑްރެސްއެއް ހުރުން ލާޒިމްކުރުން

އަހަރީ ފީ ކަނޑާލުން

ގާނޫނުގައި ހިމަނާފައި ވާ އަނެއް މުހިންމު ބަދަލަކީ ކުންފުނިތަކުން އަހަރީ ފީ ދައްކަން ނުޖެހޭ ގޮތް ހެދުމެވެ. މިހާރު ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި 2،000ރ. ދައްކަން ޖެހެ އެވެ.

އެ ފީ ކަނޑާލަން  ހުށަހެޅި ސަބަބަކީ އަހަރީ ފީ ނުދައްކާ ކުންފުނިތައް ގިނަވެފައިވުމެވެ. އަދި އެކަމަކީ ކުންފުނިތަކަށް ތަކުލީފެއްގެ ގޮތުގައި އޮތުމެވެ. އެހެންވެ، ކުންފުނިތައް ހިންގަން ފަސޭހަކުރުމަކީ އެގޮތަށް ބިލުގަައި ހިމެނި ސަބަބެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ކުންފުނިތަކުން ހޯދާ އެކި ވިޔަފާރީގެ ހުއްދަތަކަށް، އެ ހުއްދައެއް ހޯދާ އިރު ކުންފުނިތަކުން ފީއެއް ނެގުމެވެ.

ހިއްސާދާރުންނާ ގުޅޭ ބަދަލުތަކެއް

ކުންފުނީގެ ހިއްސާދާރުންނާ ގުޅޭ ގޮތުން ވެސް އާ ގާނޫނުން ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. އެގޮތުން އަންނާނެ ބަދަލުތަކަކީ:

  • ކުންފުނިތަކުގެ ހިއްސާދާރުންނާއި ޑިރެކްޓަރުން މިހާރަށް ވުރެ ބޮޑަށް ޒިންމާދަރުކުރުވުމަށް ބިލްގައި ކަންތައްތަކެއް ހިމެނުން

  • ކުންފުނީގެ ކަންކަމުގައި އިހުމާލުވާ ފަރާތްތަކަށް ވަކި މުއްދަތެއް ވަންދެން ޑިރެކްޓަރުންގެ ގޮތުގައި ނުތިބެވޭ ގޮތް ހެދުން

  • ކުންފުންޏެއްގެ ހިއްސާދާރުންގެ ގޮތުގައި ތިބޭ އަމިއްލަ ފަރުދުންނަށް އެ މީހުން ތަމްސީލު ކުރަން އެހެން މީހުން އައްޔަން ކުރުމުގެ ފުރުސަތު ދިނުން؛ މިހާރު އޮންނަ ގޮތުން ހިއްސާދާރަކަށް އޭނާގެ ބަދަލުގައި މީހަކު ހަމަޖެއްސޭނީ ހިއްސާދާާރަކަށް ކުންފުންޏެއް ހިމެނޭ ނަމަ އެ ފަރާތަކަށް

މީގެ އިތުރަށް ވެސް، ކުންފުނީގެ އަސާސީ ގަވާއިދަކީ ކުންފުނީގެ ރަޖިސްޓްރާ ފާސްކުރާ އެއްޗެއްގެ ގޮތުގައި އޮންނަ އޮތުން އާ ގާނޫނުން ނިމުމަކަށް އަންނާނެ އެވެ. އެގޮތަށް ބަދަލު ކުރި މައިގަނޑު ސަބަބަކީ އަސާސީ ގަވާއިދު ރެޖިސްޓްރާ އެޕްރޫވް ކުރުމަކީ މިހާރު ވެސް ޕްރެކްޓިކަލީ ކުރެވޭ ކަމަކަށް ނުވުމެވެ. އަދި ކުންފުނިތަކާ ގުޅޭ އެކި މައްސަލަތަކުގައި ކޯޓަށް ދާއިރު ވެސް ރެޖިސްޓްރާ ބަލައިގެންފައިވާ އަސާސީ ގަވާއިދުތަކުގެ މައްސަލަތައް ކުރިމަތިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް